ސަރުކާރުން ވަޒީފާގެ ބިރު ނުދައްކާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ސިޔާސީ ފިކުރުގެ ސަބަބުން ސިވިލް ސާވިސް އާއި އާންމު ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށް މި ސަރުކާރުގައި ވަޒީފާގެ ބިރެއް ނޯންނާނެ ކަމަށެވެ.
ތާއީދުކުރާ ސިޔާސީ ފިކުރުގެ ސަބަބުން ކުރީ ސަރުކާރުގައި މުވައްޒަފު ވަޒީފާ އަދާކުރާތަން ބަދަލުކުރި ނަމަވެސް މި ސަރުކާރުން އެކަން ނުކުރާނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ބައެއް ސިޔާސީ މަގާމުތަކުގައި ތިބި މީހުން މިފަހުން މަގާމުން ވަކިކޮށްފައިވާއިރު މިއުވާން ވިދާޅުވީ ސިޔާސީ މަގާމުތަކަކީ ރައީސްއަށް ލިބޭ ބާރުގެ ދަށުން އައްޔަންކުރާ މަގާމުތަކެއް ކަމަށެވެ. އެފަދަ މަގާމުތަކުން މީހުން ވަކިކުރުމުގެ އިހުތިޔާރުވެސް ރައީސްއަށް ލިބޭކަން މިއުވާން ފާހަގަކުރެއްވި އެވެ.
ވަޒީފާގެ މަސްއޫލިއްޔާތު އަދާނުކުރުމާއި ފަރުވާ ކުޑަކުރުން އަޅާ ފިޔަވަޅަކީ ސިޔާސީ ގޮތުން އަޅާ ފިޔަވަޅެއް ނޫން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރެއިން ސަރުކާރުގެ އިސް މަގާމުތަކާއި ސަރުކާރު ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންތައް މަގާމުތަކުން ދަނީ ވަކި ކުރަމުންނެވެ.
އެގޮތުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކުރެއްވި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އިތުރުން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯ ނެޓް)ގެ މެނޭޖިން ޑިރެކްޓަރުގެ ހާރޫން ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.