މިއުވާން މުހައްމަދު

ހަންކެޑެ ތަރައްގީ ކުރަން ފައިސާ ހުރީ ލިބިފައި: މިއުވާން

އައްޑޫގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ހަންކެޑެއަށް ބޭނުންވާ ފައިނޭންސް ލިބުނުކަމާމެދު އޮޅުން އެރުމުން ރައީސް އޮފީހުން އެ މަޝްރޫއަށް ފައިނޭންސް ލިބިފައިވާކަން ކަށަވަރުކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި އޮޅުމާ ގުޅިގެން ނޫސްވެރިއަކު ވަނީ ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދާ ސުވާލު ކުރައްވާފަ އެވެ.

އޮޅުން އަރާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫއަށް ވަޑައިގެން ހަންކެޑެ ތަރައްގީކުރުމަށް ފައިނޭންސް ލިބިފައިވާ ކަމަށް ވިދާޅުވެފައި ވަނިކޮށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހަންކެޑެ ތަރައްގީކުރުމަށް ފައިނޭންސް ހޯދަމުންދާ ކަމަށް ވިދާޅުވުމުންނެވެ.

ނޫސްވެރިޔާ ވަނީ ރައީސް ސޯލިހް ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އިތުރުފުޅު ހެއްދެވީތޯ މިއުވާން އާއި ސުވާލުކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހް ވިދާޅުވީ އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީކުރުމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

ހަންކެޑެ ތަރައްގީކުރުމުން އޮންނާނެ ގޮތުގެ ކުރެހުންތައްވެސް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ ސޯޝަލްމީޑިއާގައި އާންމުކޮށްފަ އެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އައްޑޫގައި ތަރައްގީކުރާ ހަންކެޑެ ރިސޯޓްގެ މަސައްކަތް އޮތީ ކިހާ ހިސާބެއްގައިތޯ ޑރ. މައުސޫމާ ސުވާލުކުރައްވާފަ އެވެ.

"ހަންކެޑެ ވަކިން ހެދުމުގެ ޕްރޮޖެކްޓް މިހާރު އިއުލާން ކުރެވި ފައިނޭންސް ހޯދުމުގެ ކަންތައް ކުރިއަށް ގެންދަނީ،" މައުސޫމު ވިދާޅުވި އެވެ.

ނޫސްވެރިޔާ އަމާޒުކުރި ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ރައީސް ސޯލިހް އިތުރުފުޅު ނުހައްދަވާ ކަމަށެވެ. އަދި މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ މަސައްކަތް ކުރަމުންދާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޓޫރިޒަމް މިނިސްޓްރީއާއި ހަމައަށް މިކަން ދާނީ މަސައްކަތުގެ ވަކި މަރުހަލާއަކާ ހަމައިން ކަމަށެވެ.

"ރައީސް އިތުރުފުޅެއް ނުހައްދަވާ. ރައީސް ވިދާޅުވި ގޮތަށް އެކަން އޮތީ ހަމަޖެހިފައި. އެކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއަށް، ވަކި ހިސާބަކަށް ދިޔައީމަ މައުލޫމާތު ދާނެ،" މިއުވާން ވިދާޅުވި އެވެ.

ހަންކެޑެ ތަރައްގީ ކުރުމަށް ފައިނޭންސް ލިބިފައިވާކަން މިއުވާން ނވަނީ ތަކުރާރުކޮށް ޔަގީންކޮށްދެއްވާފަ އެވެ.

ހަންކެޑެ އަކީ މަރަދޫއާއި ގުޅިފައިވާ ރަށަކަށްވީ ނަމަވެސް ސަރުކާރުން ނިންމާފައިވަނީ މަރަދޫގެ އިތުރުން ހަންކެޑެ އާއި ގުޅިފައިވާ ގައުކެނޑިވެސް ހަންކެޑެއާއި ވަކިކޮށްލުމަށްފަހު އެ ރަށް ތަރައްގީކުރާށެވެ. މިމަސައްކަތަށް އައްޑޫ ލިންކް ރޯޑަށްވެސް ބަދަލުތަކެއް ގެންނަންޖެހޭތީ ތިލަމާލެ ބްރިޖް އަޅާ އިންޑިއާގެ އެފްކޮންސް ކުންފުނިން ގެންދަނީ އެ މަސައްކަތް ކުރަމުންނެވެ. އެފްކޮންސް އަކީ އައްޑޫގެ މަގުތައް ވެސް ތާރުއަޅައިގެން ހަދަމުންދާ ކުންފުންޏެވެ.

ހަންކެޑެ ޓޫރިޒަމްގެ ރަށެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެކަން އެންމެ ފުރަތަމަ ހާމަކުރީ ޑިސެމްބަރު 2، 2021 ގައެވެ.