އަލީ ވަހީދު

ކޯޓުގެ ހުރުމަތް ކަނޑައިގެން އަލީ ވަހީދަށް އިއްވި ހުކުމުންވެސް ސަލާމަތްވެއްޖެ

ކުރީގެ ޓޫރިޒަމު މިނިސްޓަރު އަލީ ވަހީދު ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށްލުމަށް ކޮށްފައިވާ ހުކުމުންވެސް ސަލާމަތްވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އަލީ ވަހީދު ދެ މަހާއި 12 ދުވަހަށް ޖަލަށްލުމަށް އޮގަސްޓް 11، 2021 ގައި އެ ކޯޓުން ހުކުމް އިއްވީ ދައުލަތުން އުފުލި ޖިންސީ ގޯނާއާ ގުޅޭ ދައުވާތަކާ ގުޅިގެން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތަކަށް އޭނާ ހާޒިރުވާން އަމުރުކުރުމުންވެސް ހާޒިރުވެވަޑައިނުގަތުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ރައީސުލްޖުމްހޫރިއްޔާ މައާފްކޮށްދެއްވާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވަނީ އަވަސް އަށް ޔަގީންކޮށްދެއްވާފަ އެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދަށް އިއްވި ހުކުމް މިހާރު ތަންފީޒުކުރަން ނުޖެހޭ ކަމަށް އެ ކޯޓުން މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އަންގާފައިވާ ކަމަށްވެސް އަވަސްއަށް އެނގިފައިވެ އެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދަށް އިއްވި ހުކުމުން އޭނާ ސަލާމަތްވީ ރައީސް މައާފް ދެއްވައިގެން ކަމެއް ނުވަަތަ ސުޕްރީމް ކޯޓުގެ ހުކުމް އަލުން މުރާޖައާކޮށް ގޮތެއް ނިންމައިގެން ކަމެއް އަވަސްއަށް މުޅިން ސާފުވެފައެއް ނުވެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލްވެސް ވިދާޅުވީ އަލީ ވަހީދު ތަންފީޒު ކުރައްވަންޖެހިވަޑައިގަންނަވާ އެއްވެސް ހުކުމެއް އޮތް ކަމަކަށް ކަރެކްޝަންސްގެ ރެކޯޑްތަކުން މިހާރު ނުދައްކާ ކަމަށެވެ.

އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގަންނަވާއިރު އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމު މައާފްކޮށްފައިވާނަމަ ނުވަތަ ބާތިލްކޮށްފައިވާ އޭނާ ތަންފީޒު ކުރައްވަންޖެހޭ އިތުރު ހުކުމެއް މިވަގުތު ނެތެވެ.

އަލީ ވަހީދުގެ އަރިސް ބައެއް ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަލީ ވަހީދު ހުންނަވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ އެކު އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރުގެ ގޮތުގައި އަލީ ވަހީދު ހުންނަވަނިކޮށް އޭނާ އެ މަގާމުން ވަކިކުރެއްވީވެސް ޖިންސީ ގޯނާއާ ގުޅޭ ދައުވާތަކާ ގުޅިގެންނެވެ.