ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެފި އެވެ.
ރޭޕް ކުރުމާއި ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ދިވެހި ނޫސްވެރިންނާ އެކު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ދިރިއުޅުއްވި ރެހެންދި ފްލެޓަށް ރައީސް ސޯލިހް ވަޑައިގެން ކަޅު ދަބަހެއްގައި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ގެންދެވި ކަމަށް ތުހުމަތުކުރައްވާފަ އެވެ.
އަލީ ވަހީދުގެ ތުހުމަތުތަކާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވެ ސީދާ ރައީސް ސޯލިހު މީގެ ކުރިންވެސް ތުހުމަތުތައް ދޮގުކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދު ދައްކަވަމުން ގެންދަވަނީ އެއްވެސް އަސްލެއް ނެތް ތޯތޯ ވާހަކަތަކެއް ކަމަށެވެ.
"ރައީސް ވިދާޅުވެފައި ނޫންތޯ އޮތީ ހެކި އޮތިއްޔާ ހާމަކުރަން. މިއަދު ވެސް އަޅުގަނޑު ވެސް ދަންވަން އޮތީ އަލީ ވަހީދު އަތުގައި ހެކި ހުރި ނަމަ ރައީސް އެ ވިދާޅުވާ ގޮތަށް ހެކި ހާމަކުރައްވާށޭ،" މަބްރޫކް ވިދާޅުވި އެވެ.
ރައީސް ސޯލިހު އެމްއެމްޕީއާރްސީގެ ފައިސާ ނެންގެވި ކަމަށް އަލީ ވަހީދު ވިދާޅުވާ ދުވަސްވަރު ރައީސް ސޯލިހު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގަ އެވެ. އަލީ ވަހީދު ވަނީ ރައީސް ސޯލިހު ފައިސާ ގެންދަވާ ވީޑިއޯގެ ފުޓޭޖުވެސް ހުންނާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއާއި ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ރައީސް ސޯލިހު މީގެކުރިން ވިދާޅުވީ އެމަނިކުފާނު ކޮމްޕްރޮމައިޒް ކުރެވޭ ފަދަ އެއްވެސް އެއްޗެއް އެއްވެސް މީހަކު އަތުގައި ނުހުންނާނެ ކަމަށެވެ. އަދި އެފަދަ އެއްޗެއް ހުރި ނަމަ ހާމަކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެ އެވެ.
އަލީ ވަހީދުގެ ތުހުމަތުތަކާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ވަނީ އެ މައްސަލަ ބެލުމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލާފަ އެވެ. އަދި އެ މައްސަލާގައި އަލީ ވަހީދުގެ ބަޔާން ނެގުމަށްވެސް އެދިފައިވެ އެވެ.