ފ. މަގޫދޫ

މަގޫދޫގެ އިދާރީ އިހުތިސާސުން އެއާޕޯޓް ސަރަހައްދު ވަކިކޮށްފި

ފ. މަގޫދޫގެ އިދާރީ އިހުތިސާސް އިން އެރަށުގައި ތަރައްގީކުރާ އެއާޕޯޓް ސަރަހައްދު ވަކިކޮށްފި އެވެ.

މަގޫދޫގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ނެރުއްވި ގަރާރަކުންނެވެ.

އެއާޕޯޓް ސަރަހައްދު މަގޫދޫގެ އިދާރީ އިހުތިސާސް އިން ވަކިކޮށްފައިވަނީ ރައީސަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމުގެ މަސްއޫލިއްޔަތުގެ ދަށުންނެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ފެށީ މި ސަރުކާރުގަ އެވެ.

މިމަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް

  • 1،500 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ހެދުން
  • ޓެކްސީވޭ، އޭޕްރަން، އަދި ފަޔަޕެޑް / ރޯޑްއާ އެކު ހެދުން
  • ޕެސެންޖާ ޓާމިނަލް އިމާރާތެެއް ހެދުން
  • ކޮންޓްރޯލް ޓަވަރާ އެކު ފަޔާ ސްޓޭޝަނެއް ހެދުން
  • ސަލާމަތީ ވަސީލަތްތައް ގާއިމުކުރުން (ފެންސް ޖެހުން، ގޭޓް، ސެކިއުރިޓީ ޗެކްޕޯސްޓް ހެދުން)
  • ނެވިގޭޝަނަލް އިކުއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން
  • ގުރައުންޑް ހޭންޑްލިން އިކްއިޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުން

އެ ރަށުގައި އެއާޕޯޓް އެޅުމުގެ މަސައްކަތް 231.5 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި މަޝްރޫއު ނިންމަން ދީފައިވަނީ 550 ދުވަހެވެ.