ރައީސް އޮފީސް

މިސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން: އިބްރޭ

ރައީސް އޮފީހާއި، މުލިއާގެއާއި، ހިލާލީގޭގައި ހިމެނޭ މުވައްޒަފުން ނުލައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު ތިއްބެވި ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވުމާ ގުޅިގެންނެވެ.

ފިރުޒުލް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 1،063 ބޭފުޅަކު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި 808 ބޭފުޅަކު ތިއްބެވި ކަމަށެވެ.

"އަޅުގަނޑު މިއަދަދު ކޯޓު މިކުރަނީ ދިވެހި ދައުލަތުގެ 2023 ވަނަ އަހަރުގެ ބަޖެޓަށް ރިއާޔަތްކޮށް. އަދި ހަމައެހެންމެ މިއަދަދަކީ ރައީސް ޔާމީން ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ކަމަށް މިއަދުގެ ސަރުކާރުގެ ކުރީގެ ތަރުޖަމާން ފާހަގަކުރައްވާފައިވާ 808 މިއަދަދަށް ވުރެވެސް މަދު އަދަދެއް ކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުން،" ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިސަރުކާރާއި ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދަށް ބެއްލެވުމަށްފަހު ޑރ. މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދުގެ 700 އަށް ވުރެ އިތުރު ނުކުރުމަށް އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ. އެގޮތަށް ނިންމެވީ ސަރުކާރުގެ އިދާރާތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައީސުލްޖުމްހޫރިއްޔާ ދިިރިއުޅުއްވާ ގެކޮޅާއި އަދި ނައިބް ރައީސް ދިރިއުޅުއްވާ ގެކޮޅުގެ އިދާރީ މުވައްޒަފުންގެ އަދަދަށް ބެއްލެވުމަށްފަހު ކަމުގައިވެސް ވިދާޅުވި އެވެ.

ފިރުޒުލް ހިއްސާކުރެއްވި މައުލޫމާތުތަކާ ގުޅިގެން އަވަސް އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވީ ރައީސް އޮފީހާއި، މުލިއާގެއާއި، ހިލާލީގޭގައި ހިމެނޭ މުވައްޒަފުން ނުލައި ރައީސް ސޯލިހްގެ ސަރުކާރުގައިވެސް ސިޔާސީ މަގާމުތަކުގައި ތިއްބެވީ 719 ބޭފުޅުން ކަމަށެވެ.

"ހަގީގަތުގައި ރައީސް އޮފީހާއި، މުލިއާގެއާއި ހިލާލީގޭގައި ތިއްބެވި މުވައްޒަފުން އެބޭފުޅުން ގުނާނަމަ މިދެންނެވި މުވައްޒަފުން ހިމަނައިގެން އެބޭފުޅުންނަށް އިތުރަށް ސިޔާސީ މަގާމުތަކަށް ލެވޭނީ ގާތްގަނޑަކަށް 214 ވަރަކަށް ބޭފުޅުން. އެއީ ކުރިން މި ދެންނެވި ތަންތަނުގައި 426 އަކަށް މުވައްޒަފުން އެބަތިއްބެވި. އެ މުވައްޒަފުން ލައިގެން ގުނާ ނަމަ 700 އަކު ސިޔާސީ މަގާމުތަކެއް ނުހިފެހެއްޓޭނެ،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވަނީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ. މިސަރުކާރުގައި ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރައްވައި އަދި ވަކިކުރައްވަންޖެހޭ ހާލަތުގައި ވަކިކުރެއްވުމަށްފަހު ރައީސްގެ ފަރާތްޕުޅުން އެކަން އަންގަވަމުން ގެންދަވަނީ އިބްރާހީމް ވަހީދު އެވެ.

އޭނާ ވިދާޅުވީ މިސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިންތިހާބީ ރައީސްގެ ތަރުޖަމާން ހިއްސާކުރެއްވީ ދައުލަތުގެ މިއަހަރުގެ ބަޖެޓާ ހަވާލާދީ ކަމަށްވާއިރު ބަޖެޓަކީ ލަފާކުރާ އަދަދުތަކެއް ހިމަނައިގެން ފާސްކުރާ އެއްޗަކަށް ވާތީ ބަޖެޓަށް ބަލައިގެން މަގާމުތަކުގެ އަދަދު ގުނުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ހަގީގަތުގައި ބަޖެޓުގައި މިޖަހަނީ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރާނެ ކަމަށް ބެލެވޭތީ އެކަމަށް ވިސްނާފައި. އޭގެ މާނައަކީ ސިޔާސީ މަގާމުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައި ހުރި އަދަދެެއް ބޭފުޅުން އައްޔަންކުރުމެއް ނޫން. ބަޖެޓުގައި ހުރި އަދަދަށް އައްޔަންކޮށްފައެއް ނުވެސް ހުންނާނެ،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ހަގީގީ ސިޔާސީ މަގާމުގެ ގޮތުގައި މިސަރުކާރުގައި ތިއްބެވި 719 ބޭފުޅުންނަކީ ގިނަ އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކޮންމެ ސަރުކާރެއް ދެން ވެރިކަމަށް އައި ނަމަވެސް އާބާދީ އިތުރުވާ މިންވަރާ އެއްވަރަށް އަދި ރާއްޖޭގެ ރަށްތައް އުފެދިފައި ހުންނަ ގޮތުންނާއި ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ގިނަވަމުންދާތީ ސިޔާސީ މަގާމުތަކަށް އެ ނިސްބަތުން އިތުރުވުމެއް އަންނާނެ ކަމުގައިވެސް އިބްރާހީމް ވަހީދު ވިދާޅުވި އެވެ.