ރައީސް އޮފީސް

ސްޓޭޓް މިނިސްޓަރު މުޖުތަބާ މަގާމުން ވަކިކޮށްފި

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އަހްމަދު މުޖުތަބާ އެ މަގާމުން ވަކިކޮށްފި އެވެ.

މުޖުތަބާ ވަކިކުރެއްވީ އޭނާ އެމްޑީޕީގައި ހުންނެވުމަށްފަހު "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މުޖުތަބާ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 29، 2018 ގައެވެ. ރައީސް އޮފީހުން މިހާރު ވަނީ އޭނާ މަގާމުން ވަކިކުރައްވާފައިވާ ކަމަށް ސިޓީއަކުން އަންގަވާފަ އެވެ.

އެމްޑީޕީގައި ތިއްބެވުމަށްފަހު "ދަ ޑިމޮކްރެޓްސް"އަށް ސޮއި ކުރެއްވި ބޭފުޅުންތަކެއް އިއްޔެ ވެސް މިއަދުވެސް މަގާމުން ވަކިކޮށްފައިވެ އެވެ. އެކަމަކު ވަކިކުރި ހުރިހާ ބޭފުޅުންގެ މައުލޫމާތު އެނގިފައެއް ނުވެ އެވެ.

އެމްޑީޕީއަށް ވަރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އެ ޕާޓީއަށް އަބަދުވެސް ހަރަދުކުރައްވާ ކަމަށް ބުނާ އަހްމަދު މައުސޫމު ވެސް އިއްޔެ ވަނީ އެމްޑަބްލިއުއެސްސީގެ ޗެއާމަންގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއް ކަމުގައިވާ މައުސޫމު ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރައްވާފަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން "ދަ ޑިމޮކްރެޓްސް"އަށް ސޮއިކުރެއްވުމާ އެކު މަގާމުން ވަކިކުރާތީ "ދަ ޑިމޮކްރެޓްސް" އިން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.