ފ. މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ ރަށުގައި މިއަދު އެކަމާ ދެކޮޅަށް އިހްތިޖާޖުކޮށްފި އެވެ.
މި އިހްތިޖާޖުގައި ރަށު ކައުންސިލް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންވެސް ބައިވެރިވި އެވެ.
އިހްތިޖާޖުގެ ބައިވެރިން ގޮވާލާފައިވަނީ ސިޔާސީ ބޭނުމެއްގައި މަގޫދޫ އެއާޕޯޓް ހުއްޓުވާލެވިގެން ނުވާނެ ކަމަށާއި ވަކި ރަށްތައް ތަފާތު ކުރެވިގެންވެސް ނުވާނެ ކަމަށެވެ.
"މަގޫދޫ އެއާޕޯޓްގެ މަސައްކަތް ހުއްޓުވާފައި ނުވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއާޕޯޓް ވަނީ ހުއްޓުވާފައި. ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ރައީސްގެ ކޮއްކޮގެ ކެމްޕޭނަށް ފަސޭހަކޮށްދިނުމަށްޓަކައި މިރަށާ ދާދިގަތުގައި އޮތް ރަށެއްގައި އެއާޕޯޓް އަޅަން ނިންމާފައި. އަޅުގަނޑުމެންނަށް މައްސަލައެއް ނެތް އެރަށުގައި އެއާޕޯޓް އެޅިޔަސް. އެކަމަކު އަޅުގަނޑުމެންގެ ރަށުގައި ކުރިއަށްދާ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާންޖެހޭނެ،" މުޒާހަރާގައި ބައިވެރިވި މީހަކު ބުނެފައިވެ އެވެ.
މަގޫދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި އެރަށުގެ ބިން ހިއްކާ އެއާޕޯޓާ ގުޅޭ ބައެއް މަސައްކަތްތައް ފެށީ ނިމިދިޔަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު މަގޫދޫއާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދުރުގައި އޮތް ނިލަންދޫގައި އެއާޕޯޓެއް އެޅުމަށާއި އެކަމަށް ބޭނުންވާ ބިން ހިއްކުމަށް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
އިހްތިޖާޖުގެ ބައިވެރިން ބުނީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ފަށަންދެން އިހްތިޖާޖުތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
މަގޫދޫ ކައުންސިލުން މީގެކުރިން ބުނި ގޮތުގައި އެރަށުގައި ހަދަން ނިންމާފައިވާ އެއާޕޯޓްގެ މަސައްކަތް މިސަރުކާރުން ހުއްޓާލާފައިވާތީ އެ މަޝްރޫއާ ގުޅިގެން ބައެއް ކަންކަން ސާފުކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ފޮނުވި ސިޓީތަކަށްވެސް ސަރުކާރުން ޖަވާބެއް ނުދެ އެވެ.