މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އިންޖީނުގެތައް ތަރައްގީކޮށް ހުޅުވަމުންދާތީ އެކަމާ ނުގަބޫލްވާ އަދި ހިތް ނޭދޭނޭ ބަޔަކު ތިބޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ މިއަދު ނ. މަގޫދޫގެ އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައީ ރާއްޖެ ތަރައްގީކުރާނީ ލާމަރުކަޒީ ނިޒާމުން ކަމަށް ވައުދު ވެގެން ކަމަށެވެ. އެ ވައުދު އެގޮތަށްވީ ރާއްޖެ އުފެދިފައިވާ ގޮތުންނާއި ރާއްޖެއަށް ލިބިފައި ހުރި ގުދުރަތީ ވަސީލައްތައް އެންމެ ރަނގަޅަށް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ އެ ނިޒާމުގެ ތެރެއިން ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ގިނަ ރަށްތަކުން އަސާސީ ހިދުމަތްތައް ނުލިބޭ ކަމަށެވެ.
ވެރިކަމާ ހަވާލުވިއިރު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްފައިވާ ރަށްތަކުގެ އަދަދު 20 ޕަސެންޓަށް ވެސް ނާރާ ކަމަށާއި ކަރަންޓުގެ ހާލަތު ވެސް އޮތީ ދަށު ދަރަޖައިގައި ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ވައުދުވި ގޮތަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ފުރަތަމަ ދުވަހުން ފެށިގެން ފެއްޓެވި ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިއަދު މަގޫދޫގައި ހުޅުވި އިންޖީނުގެއާއި އެކުގައި އެ ރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. ވެރިކަމާއި ހަވާލުވި އިރު މުޅި ރާއްޖެގައި ހުރީ 70 މެގާ ވޮޓް އިންޖީނުގެ ކެޕޭސިޓީ ކަމަށްވެސް ވިދާޅުވި އެެވެ.
"އޭރު އެންމެ ގިނައިން ފޯނު ކޯލް އަންނަ ކަމަކީ ރޯދަ މަހާއި ގުޅިގެން އިންޖީނުތައް ބަދަލުކުރަން ޖެހޭ ޝަކުވާ. ފެނަކައިން ކޮށްދިން މަސައްކަތުން ތިން އަހަރުގެ ތެރޭގައި 140 މެގާ ވޮޓްގެ ކަރަންޓު މުޅި ރާއްޖޭގައި ފޯރުކޮށްދެމުން ދަނީ. 113 ރަށެއްގައި 213 އިންޖީން ފެނަކައިން ވަނީ ބަހައްޓާފައި. 39 ރަށެއްގެ އިންޖީނުގެ ނިމި 31 ރަށެއްގެ އިންޖީގޭގެ މަސައްކަތް ދަނީ ކުރިއަށް. ޖުމްލަ 70 އިންޖީނުގެ އަލަށް އެޅުމާއި 14 އިންޖީނުގެ މަރާމާތު ކުރުމުގެ މަސައްކަތް ފެނަކާއި ވަނީ ހަވާލުކޮށްފަ." ރައީސް ސޯލިހް ވިދާޅުވި އެވެ.
ފެނަކައިން ކުރަމުންގެންދާ މަސައްކަތްތަކަށް ތައުރީފް ކުރައްވަމުން ރައީސް ވިދާޅުވީ ފެނަކައިން އިންޖީނުގެތައް އަޅަމުން ގެންދަނީ މުވައްޒިފުންނަށް ވެސް އެތަނުގައި ތިބެވޭނެ ހިތްފަސޭހަ މާހައުލެއްގައި ކަމަށާއި އެ އިންޖީނު ގެތައް 20-15 އަހަރު ވަންދެން ބަދަލެއް ނުގެނެސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.
ކުރިއަށް އޮތް ތަނުގައި ފެނަކަ އާއި އެމްޓީސީސީން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތައް ރަސްމީކޮށް ހުޅުވުމަށް ގިނަ ވަގުތުތަކެއް ހޭދަކުރައްވަން ޖެހިވަޑައިގަންނަވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އިންޖީނުގެތައް ހުޅުވަމުން ދާއިރުގައި އެކަމާއި ދޭތެރޭގައި ނުގަބޫލް ބަޔަކު ތިބޭނެ ކަމަށެވެ. އެއީ އެބަޔަކަށް ނުކުރެވުނު ކަމެއް ކުރާ ތަން ދެކުމަކީ ހިތްއެދޭނެ ކަމެއް ކަމުގައި ނުވާތީ ކަމަށެވެ.
"އެ ބޭފުޅުންގެ ތަރައްގީއާއި އަޅުގަނޑު ތަރައްގީގެ މިސްރާބު ތަފާތު. އަޅުގަނޑުމެންގެ ތަރައްގީ މިސްރާބުކޮށްފައި މި ހުރީ ރައްޔިތުންނަށް، ސީދާ ރައްޔިތުން މީހާ އަށް. ވަކިވަކި ފަރުދުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ފުރަތަމަ ދިނުމަށް." ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރަށްރަށުގެ އިންޖީނުގެތައް ތަރައްގީ ކުރަމުންދާއިރު އިޔާދަ ކުރަނިވި ހަކަތަ އިތުރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ވެރިކަމާ ހަވާލުވިއިރު މުޅި ރާއްޖޭގައި 16 މެގާ ވޮޓްގެ ސޯލާ ޕަވާ އުފައްދަމުން ގެންދިޔަ ކަމަށާއި މި ސަރުކާރުން ވަނީ 20 މެޖާ ވޮޓް ސޯލާ ޕަވާ އިތުރުކޮށްފައި ކަމަށެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 52 މެގާ ވޮޓަށް ސޯލާ ޕަވާ އިތުރުކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.