އުތުރު ތިލަ ފަޅު

ޔޫޓީއެފްގެ އެއްބަސްވުން ހިއްސާކުރުމުގައި އެއްބާރުލުން ދޭނެ: މަބްރޫކް

އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން އެދިފައިވާތީ އެ ކަމުގައި އެއްބާރުލުން ދޭނެ ކަމުގައި ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ވެސް އެންމެ ފުރިހަމައަށް އެއްބާރުލުން ދީފައިވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަޖިލީހާ އެކު މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވި އެވެ.

އުތުރު ތިލަފަޅު -- ޔޫޓީއެފް އެއްބަސްވުން މަޖިލީހާ ހިއްސާކުރާނީ ކޮން އިރަކުންތޯ ދެންނެވުމުން ވަކި ތާރީހެއް މަބްރޫކް ވިދާޅުވެފައެއް ނުވެ އެވެ. އެއްބަސްވުން މަޖިލީހާ ހިއްސާކުރާނެތޯ ސުވާލުކުުރުމުންވެސް ވިދާޅުވީ މަޖިލީހަށް އެއްބާރުލުން ދޭނެ ކަމަށެވެ.

"ސަރުކާރުން މަޖިލީހަށް ދޭންޖެހޭ އެއްބާރުލުން އަބަދުވެސް ދޭނަން،" މަބްރޫކް ވިދާޅުވި އެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރަން އެދިފައިވާކަން މަޖިލީހުން ހާމަކުރީ މި ހަފްތާގަ އެވެ. އެކަމަކު އަދި މިހާތަނަށް އެ އެއްބަސްވުން މަޖިލީހާ ހިއްސާކޮށްފައެއް ނުވެ އެވެ.

އުތުރު ތިލަފަޅު އެއްބަސްވުމުގެ މައުލޫމާތު މަޖިލީހާ ހިއްސާކުރެއްވި ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެފައިވެ އެވެ. ނަމަވެސް އޭރުވެސް އެ އެއްބަސްވުމުގެ މައުލޫމާތު މަޖިލީހަށް ލިބިފައި ނުވާ ކަމަށް މެންބަރުން ވިދާޅުވެ އެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަނުކުރާތީ ނޫސްވެރިން މީގެކުރިން ސުވާލުކުުރުމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ އެއްވެސް އެއްބަސްވުމެއްގައި މިސަރުކާރުން ސޮއިކޮށްފައި ނެތް ކަަމަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެފަދަ އެއްބަސްވުމެއް ނުހަދާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. އަދި އުތުރު ތިލަފަޅު އެއްބަސްވުމަކީ ކުރީގެ ސަރުކާރުތަކުން ސޮއިކޮށްފައިވާ ފަދަ އެއްބަސްވުމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"މިގޮތަށް ކުރެވޭ އެއްބަސްވުންތައް ހުރިގޮތަށް މިއިން އެއްވެސް ސަރުކާރަކުން ނެތް ހާމަކޮށްފަ އެއް. އެހެންނަމަވެސް އޭގައި ހާމަކުރަން ޖެހޭ ކަންތައްތަައް އަޅުގަނޑުމެން މިދަނީ ހާމަކުރަމުން. ރައްޔިތުންގެ މަޖިލީހަށްވެސް އަދި މަޖިލީހުގެ 241 ކޮމިޓީއަށް ކަމަށްވިޔަސް ދޭން ޖެހޭ ހުރިހާ މައުލޫމާތުތަކެއް އަޅުގަނޑުމެން މިދަނީ ހިއްސާކުރަމުން" ރައީސް ވިދާޅުވި އެވެ.