ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އައްޑޫގެ ބޮޑު ދެ މަޝްރޫއެއް ރައީސް ހޮނިހިރު ދުވަހު ފައްޓަވައިދެއްވަނީ

އައްޑޫ ސިޓީގެ ބޮޑު ދެ މަޝްރޫއެއް ފައްޓަވާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހޮނިހިރު ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ދަތުރުފުޅުގައި އައްޑޫ ސިޓީގެ ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވާނެ އެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅުގައި އައްޑޫ ސިޓީގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލައްވާނެ އެވެ.

އައްޑޫ ސިޓީ ތަރައްގީނުވެ ރާއްޖެ ތަރައްގީނުވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ ދެކުނުގެ އިގްތިސާދު ކުރި އަރާނެ މަޝްރޫއުތަކެއް އައްޑޫގައި މިހާރުވެސް ކުރިއަށްދާ ކަމަށެވެ.

"މުޅި ރާއްޖެ ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ އަދި އެއާގުޅިފައިވާ މުޅި ދެކުނުގެ އިގުތިސާދު އިތުރު އެތައް ހަރުފަތަކަށް ގެންދާނެ މަޝްރޫއުތަކެއް އައްޑޫގައި އެދަނީ ކުރިއަށް،" މިއުވާން ވިދާޅުވި އެވެ.

ރައީސް ސޯލިހް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު ފައްޓަވާދެއްވާނެ އެވެ.

ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ މަޝްރޫއުވެސް ފައްޓަވާ ދެއްވާނެ އެވެ.