އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި ހިއްކި ތިން ރަށަށް ނަން ދީފި

އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށްޓަކައި ރިސޯޓް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިއްކި ތިން ރަށަށް ނަން ދީފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ މި ތިން ރަށަށް ކިޔާނެ ނަން ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އިއްތިފާގާން ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލުން ރަށްތަކަށް ކިޔާނެ ނަން ހުށަހެޅުމަށް މިދިޔަ އޮގަސްޓް 31 ވަނަ ދުވަހު ހުޅުވާލުމާ ގުޅިގެން 60 މީހަކު ވަނީ ނަން ހުށަހަޅާފަ އެވެ.

ހިއްކާފައިވާ ތިން ރަށުގެ ތެރެއިން ހިތަދޫގެ ފަޅުތެރޭގެ އުތުރުކޮޅުގައި ހިއްކާފައިވާ ރަށަށް ދީފައިވާ ނަމަކީ ދޮންދީނި ހެރަ އެވެ. ހިތަދޫ ފަޅުތެރެއިން ހިއްކި ދެވަނަ ރަށަށް ދީފައިވާ ނަމަކީ ބޮލިހެރަ އެވެ. އަދި މީދޫ ފަޅުތެރެއިން ހިއްކާފައިވާ ރަށަށް ކިޔާފައިވަނީ ދޮންހެރަ ފެންނަ އެވެ.

ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ ކުއްލި ބައްދަލުވުމެއްގެ ގޮތުގައި މިބައްދަލުވުން ބޭއްވީ މިރަށްތަކަށް އަވަހަށް ނަންދިނުމަށްފަހު ވީހާވެސް އަވަހަށް އިންވެސްޓަރުން ހޯދައިގެން އެ ރަށްތަކުގައި ރިސޯޓް ހެދުމަށް ބޭނުންވާތީ ކަމަށެވެ.

ހިއްކާފައިވާ ރަށްތައް ތަރައްގީކޮށް ނިމުމުން އައްޑޫއަށް އިގްތިސާދީ ބޮޑު ބަދަލެއް އަންނާނެ ކަން ފާހަގަކުރައްވާ މޭޔަރު ވިދާޅުވީ މިއީ ތާރީހީ ބޮޑު ނިންމުމެއް ކަމަށެވެ.

"މިއަދަކީ ވަރަށް ވަރަށް ތާރީހީ ދުވަހެއް. މިއަދުގެ މިދުވަސް އައްޑޫގެ ތާރީހުގައި ލިޔެވިގެންދާނެ،" ނިޒާރު ވިދާޅުވި އެވެ.