ރައީސް އޮފީސް

ކައުންސިލްތަކުގެ މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ދިނުމަށް ނިންމައިފި

ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންނަށް އަންނަ މަހުން ފެށިގެން 35 ޕަސަންޓް އެލަވަންސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވީ ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި ތިބި ހުރިހާ މުހައްޒަފުންނަށް މިއަހަރުގެ މޭ ފުރަތަމަ ދުވަހުން ފެށިގެން އެ އެލަވަންސް ހަމަޖެހިގެން ދިޔައިރު މީގެ ތެރޭގައި ލޯކަލް ކައުންސިލުތަކުގެ މުވައްޒަފުން ނުހިމެނޭ ކަމަށެވެ.

މިކަމުގައި ކައުންސިލުތަކުގެ މުވައްޒަފުންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް، ކައުންސިލުތަކުގެ މުވައްޒަފުންނަށްވެސް އޮކްޓޫބަރު ފުރަތަމަ ދުވަހުން ފެށިގެން މި 35 ޕަސަންޓް އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ނިންމަވާފައިވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި ރައީސް މި ނިންމެވުން ނިންމަވާފައިވަނީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް 35 ޕަސަންޓް އެލަވަންސް ހަމަޖެހިގެންދިޔައިރު ލޯކަލް ކައުންސިލްގެ މުވައްޒަފުން ހިމެނިފައި ނުވާތީ މިކަމުގެ ސަބަބުން ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރުމާއެކު އެވެ.

މި އެލަވަންސް ނުލިބުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށްވެފައި ކައުންސިލްތަކުގެ މުވައްޒަފުންނަށްވެސް މި އެލަވަންސް ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ރައީސަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.