ހަސަން އަފީފް

ރައީސް ބައްދަލުކުރެއްވީ އަފީފްގެ އެދިވަޑައިގަތުމަކަށް: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރެއްވީ އަފީފްގެ އެދިވަޑައިގަތުމަކަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އަވަސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަފީފްގެ އެދިވަޑައިގަތުމަކަށް އެ ދެ ބޭފުޅުން މިއަދު ރައީސް އޮފީހުގައި ބައްދަލުކުރެއްވި ކަމަށެވެ.

"އެކަމާ ބެހޭ އިތުރު ތަފްސީލެއް ދެވޭކަށް ނެތް،" މިއުވާން ވިދާޅުވި އެވެ.

ރައީސް އާއި އަފީފް ބައްދަލުކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ ވަގުތެއްގަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި އަފީފް، ރައީސް ސޯލިހާ ބައްދަލުކުރެއްވީވެސް މަޖިލިސް ހިންގޭނެ ގޮތެއް ހޯއްދެވުމަށެވެ.

އިދިކޮޅު މެންބަރުން ގަބޫލުކުރައްވާ ގޮތުގައި މަޖިލިސް ހުއްޓުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެއްފަހަރާ މަޖިލީހަށް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މީގެއިތުރުން އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކުރިން ތިއްބެވި މަޖިލީހުގެ 13 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެން އަލުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލަން ޖެހި އެކަމަކު އެކަން ނުވެ އޮތުމަކީ ވެސް މަޖިލިސް ހުއްޓެން ދިމާވި ސަބަބެކެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގަބޫޠލުކުރައްވާ ގޮތުގައި މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ ވަކިވަކިން ކަމަށްވާތީ މަޖިލިސް ހުއްޓެންޖެހޭ ސަބަބެއް ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްފަހު މަޖިލީހުގެ ކޮމިޓީތަކުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށްވެސް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވެ އެވެ.