ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމާ މަޝްވަރާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ގާސިމު އަރިހަށް ވަޑައިގެން ބައްދަލުކުރައްވައިފި އެވެ.
ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހު ވަޑައިގަތުމުން މާމިނގިލި އެއާޕޯޓުން މަރުހަބާ ދެންނެވީ ގާސިމު އިބްރާހީމާއި ޖޭޕީގެ ލީޑަޝިޕްގެ އިސްބައެއް ބޭފުޅުންނެވެ.
އެގޮތުން ގާސިމުގެ ސްޕެޝަލް އެޑްވައިޒަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ އަލީ ވަހީދު އާއި އަހުމަދު ނިހާން އަދި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ވަނީ ގާސިމު އަރިހުގައި ރައީސް ސޯލިހަށް މަރުހަބާ ދަންނަވާފަ އެވެ.
ގާސިމާ ބައްދަލުކުރެއްވުމަށް ރައީސް ސޯލިހު އަރިހުގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމު މުހައްމަދު އާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަޑައިގެންނެވި އެވެ.
ރައީސް ސޯލިހު ގާސިމާ ބައްދަލުކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ސަން އައިލެންޑް ރިސޯޓުގަ އެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރިއަށްދާއިރު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމު މިހާތަނަށް ގޮތެއް ނުނިންމަވަ އެވެ.
ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ރައީސް ސޯލިހު މިއަދު ގާސިމު އިބްރާހީމާ ބައްދަލުކުރައްވާއިރު ޕީޕީއެމް-ޕީއެންސީގެ އިސް ވަފުދެއް ރޭ ވަނީ ސަން އައިލެންޑްގައި ބައްދަލުކުރައްވާފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގައި ގާސިމް އިބްރާހިމް ވާދަކުރައްވައިގެން ލިބިވަޑައިގަތީ 5،460 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމަށް ނިންމާނެ ބަޔަކު ކަނޑައެޅުމަށް މިއަދު ބާއްވަން އޮތް އެ ޕާޓީގެ ކައުންސިލް ބައްދަލުވުން މިހާރު ވަނީ އެހެން ދުވަހަކަށް ފަސްކޮށްފަ އެވެ.