ގާސިމް އިބްރާހިމް

ރައީސްގެ ކޯލިޝަނާ ގުޅުމަށް އިމްރާނާއި ސިޔާމުގެ ދައުވަތު ގާސިމަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅިވަޑައިަތުމަށް އެމްޑީޕީގެ އާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސްވެރިން ގޮވާލައްވައިފި އެވެ.

ހދ. މަކުނުދޫގައި މިރޭ ބޭއްވި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ސިޔާމު ފުރަތަމަ ވަނީ ގާސިމަށް ރައްދު ދެއްވާފަ އެވެ. އެއީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގާސިމް ނ. ހޮޅުދޫއަށް ވަޑައިގެން ސިޔާމުއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ސިޔާމުގެ އުފަން އަތޮޅު -- ނ. ޅޮހީގައި އޮތް ޖޭޕީގެ ކެމްޕޭން ޖަލްސާގައި ގާސިމް ވިދާޅުވީ ރައީސް ސޯލިހް އަރިހުގައި ސިޔާމު މިވަގުތު ހުންނެވި ނަމަވެސް ސިޔާމުގެ ސަޕޯޓަރުން ގާސިމަށް ވޯޓު ލުމަށް "ސިއްރު ކޯޑަކުން" ސިޔާމު އަންގަވާނެ ކަމަށެވެ. ސިޔާމުގެ ހިތްޕުޅުގެ އެންމެ އަޑީގައި ލޯތްބާއި އިހްތިރާމު އޮންނާނީ ގާސިމަށް ކަމުގައިވެސް ވިދާޅުވި އެވެ. ސިޔާމަކީ ވެރިކަން ކުރާ ސަރުކާރަކާ އެކު އަބަދުވެސް ހުންނަވާ ވިސްނުން ތޫނު ބޭފުޅެއް ކަމަށާއި އެކަމަކު ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ދީލާލައިގެން އޭނާ ނުހުންނެވޭނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމުގެ މިވާހަކަތަކަށް ރައްދުދެއްވަމުން ސިޔާމު ވަނީ އިތުރުފުޅު ނުހެއްދެވުމަށް ގާސިމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ރައީސް ސޯލިހާ އެކު ކުރިއަށް ފަސް އަހަރު ދެމިހުންނަވާނެ ކަމުގައި ވިދާޅުވި އެވެ.

އަޅުގަނޑު މިއީ ދެފުއްކެހެރި މީހެއް ނޫން. އަޅުގަނޑު މިހުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި،" ގާސިމަށް ރައްދުދެއްވަމުން ސިޔާމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް ނިކުންނަވައިގެން ގާސިމް ކުރައްވަނީ ބޭކާރު ހަރަދެއް ކަމަށެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ ރާއްޖެ ތަރައްގީކުރުމަށް އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނާ ގާސިމް ގުޅިވަޑައިގަތުމަށެވެ. ގާސިމަށް މަރުހަބާ ދަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

"ގާސިމަށް އިލްތިމާސްކުރަން ރަހުމަތްތެރިޔާއޭ އަޅުގަނޑުމެންނާ ގުޅެން އަންނާށޭ. ގުޅުނީމައޭ ތިބޭފުޅާ އަށް ވެސް ރަނގަޅުވާނީ،" އޭނާ ވިދާޅުވި އެވެ.

މިޖަލްސާގައި ވާހަކަދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން ވެސް ވަނީ ގާސިމް އިބްރާހީމް، އެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް އިލްތިމާސް ކުރައްވާފަ އެވެ. ރައީސް ސޯލިހާއި ކައިރި ކުރެވޭނެ އަދި ގާތްވެވޭނެ ކެންޑިޑޭޓަކުވެސް މި އިންތިހާބުގައި ނެތް ކަމަށް އިމްރާން ވިދާޅުވި އެެވެ.

"އަޅުގަނޑު ހަމަ ސިޔާމަށް ތަބާވަން. އަޅުގަނޑުގެ އަޚް ގާސިމް އިބްރާހީމަށް ހަމަ ދަންނަވަން އަދިވެސް އެބައޮތޭ ހަ ދުވަސް. އަޅުގަނޑުމެންނާ ގުޅިވަޑައިގަންނަވާށޭ،" އިމްރާން ވިދާޅުވި އެވެ.