ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގައި ފުރަތަމަ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ރައީސް ސޯލިހަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާ ފާޑުވިދާޅުވެއްޖެ އެވެ.
ށ. މިލަންދޫގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް އޭނާވެސް ވަރަށް ބުރަ މަަސައްކަތް ކުރެއްވި ކަމަށެވެ. އަދި މިވެރިކަމުގައި ދިމާވި އެންމެ ބޮޑު މުސީބާތަކީ ކޮވިޑް 19 ކަމަށާއި އެކަމުން ގައުމު ސަލާމަތް ކުރުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރުމުން ކުރިކަމަކީ "ކަތިލުން" ކަމަށް ސިފަކުރެއްވި އެވެ.
"ކޮވިޑްގެ މުސީބާތުގައި ދިވެހި ރައްޔިތުންގެ ތެރެއިން ދުވާލަކު 5،000 މީހުން މަރުވާނެ ކަމަށް ޑޮކްޓަރުން އައިސް އެންމެ ފުރަތަމަ ކެބިނެޓްގައި ވިދާޅުވީ. ބައެއް ކެބިނެޓް ވަޒީރުން ދިޔައީ ގެއަށް. އޭގެދެތިން މަސް ވަރު ފަހުން ނިކުންއިރު ތިބީ ތުނބުޅީގައި ނުރަޖަހާފައި ލޮކްޑައުންގައި. އަޅުގަނޑުމެން ނިކުތީ އޭގެ ފްރޮންޓްލައިނަށް. އެހެންނަމަވެސް ފެންވެސް ނުދީ އަޅުގަނޑުމެން ކަތިލީ،" އަލީ ވަހީދާއެކު ކޮވިޑް ދުވަސްވަރު ހެލްތު މިނިސްޓަރަކަށް ހުންނެވި ޖޭޕީގެ އަބްދުﷲ އަމީން ވެސް މަގާމުން ވަކިކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވާ އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ކަންކަމުގައި ބަސް ބުނާ މުވައްޒަފުންނަށް ކުރިންވެސް އޮތް ވަޒީފާގެ ބިރުވެރިކަން މިއަދުވެސް އެބައޮތް ކަމަށެވެ. ވަޒީފާ އިން ސަސްޕެންޑް ކުރުމަށާއި އެހެން ރަށަކަށް ފޮނުވާލުމާއި ވަކިކުރުން މިއަދުވެސް އެއީ ހިނގާ ކަމެއް ކަމުގައި ވިދާޅުވި އެވެ.
"ވީއިރު ތިބޭފުޅުންގެ އަނބިދަރިންނާއި ތިބޭފުޅުންގެ މައިންބަފައިން ކާންބޯންކުރާ މަސައްކަތްކަމެއް އެތަނެއްގެ ކުންފުނީގައި ހުންނަ އެމްޑީއަކު ހަނދާނެއް ނުހުރޭ. މިރާއްޖެ ބަދަލެއް ނުވޭ އިނގޭތޯ. 15 އަހަރުގެ ވާހަކަ މިދައްކަނީ. މިދައްކަނީ އެއް އަހަރު ދެ އަހަރުގެ [ވާހަަކައެއް ނޫން]. އޮޅިގެން ވާ ކަންކަމެއް ނޫނޭ މިއީ. މިއީ ގަސްދުގައި ކުރާ ކަންކަން އެމީހުން،" އަލީ ވަހީދު ވިދާޅުވި އެވެ.
ގުރައިދޫގައި މިއަދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ އެއީ އެކަން ކުރަން ބަޔަކު ފުރުސަތު ދިނީމާ ކުރި ކަމެއް ކަމަށެވެ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އަދި ސިޔާސީ ކަންކަން ދަންނަ މީހުންވެސް ކުރާ ޒާތުގެ ކަންތައްތަކެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގެ އަޑީގައި ސިޔާސީ ބަޔަކު ތިބޭ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އަދި ރާއްޖެއަށް އިސްލާހީ ބަދަލު ގެނައުމުގެ ނަމުގައި މިރާއްޖޭގެ އިޖުތިމާއީ ރީތި އާދަތައް ނައްތާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
"2008 ގެންނަން ވެގެން ނުވަތަ ރައީސް މައުމޫން ވެރިކަމުން ބާލުވަންވެގެން ކުރިހާވެސް ކަމަކީ މިގައުމުގެ އިޖުތިމާއީ ފޭރާން ވީދާލުން. އެކަކު އަނެކަކަށް އިހްތިރާމު ކުރުން ދުއްވާލުން. އެހިސާބުން ފެށިގެން އަޅުގަނޑުމެން މިހާރު މިތިބީ ރާއްޖޭގެ އަސްދަނޑިން ބޭރުވެފައި،" ރައީސް މައުމޫނާ އެކު 2008 ގައި މަސައްކަތް ކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.
އިންޑިއާ އިން ރާއްޖެއަށް މިހާރު ފޯރުވަމުންދާ ކަމަށް ބުނާ ނުފޫޒާ ގުޅުވައިގެންވެސް ނުސީދާކޮށް އަލީ ވަހީދު ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަން މިއަދު ގެއްލިގެންދާއިރުވެސް ނޭނގޭ ކަމަށް ވިދާޅުވި އެެވެ.
"މިހާރު އަޅުގަނޑުމެންނަށް ނޭނގޭ ގޭތެރެއަށް ވަދެ އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަން އަޅުގަނޑުމެން އަތުން ނަގައިގެން ދާއިރު އެހެންކަމެއް ކަމެއް ކަމެއް މިވަނީކީ. ގޮއިފުޅަފެހެންދޫގައި ދުއްވާ ލޯންޗެއް ގެންނަން އެބަ އަވަށްޓެރި ގައުމުން ގެނެސްފައި އެބަތިބޭ އަތްޖަހާލަ ޖަހާލަ. މިގައުމުގައި ނެތީތޯ ލޯންޗެއް ގަންނާނެ ވަރުގެ ބަޖެޓެއް،" ފެހެންދޫގެ ދަރިވަރުން ގޮއިދޫ އަށް ދިއުމަށް އިންޑިއާ ސަރުކާރުން ހަދިޔާކުރި ލޯންޗާ ގުޅިގެން އަލީ ވަހީދު ވިދާޅުވި އެެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންފަހުން ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާތީ އެކަމަށްވެސް އަލީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނި މިއަދު 120 ބިލިއަން ރުފިޔާ އިން މައްޗަށް ގޮސްފައިވާ ކަމަށެވެ.
"އެއްބިލިއަން ޑޮލަރު 2026 ގައި ހޯދަނީ ކޮންތާކުންތޯ؟ ރާއްޖޭގެ ރައީސަކަށް އޭރު ހުންނަ މީހާގެ ފައިކޭޓުންތޯ އެ ލާރި ހޯދަނީ. ދެން އެލާރި ނުދެއްކުނީމާ އުތުރު ތިލަފަޅު އުމުރަށް ދޭންވީތޯ؟ ދެން އެލާރި ނުދެއްކުނީމާ ހަނިމާދޫއާ އެކު އުތުރު އެއްކޮށް ދޭންވީތޯ؟ ނުވަތަ އެލާރި ނުދެއްކުނީމާ ޗާގޯސްއަށް ފަހު އައްޑުއަތޮޅު އެއްކޮށް ދޭންވީތޯ؟ މިއީ ނުވާނެ ކަންކަމެއް ނޫނޭ އިނގޭތޯ؟،" ރާއްޖެއިން 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި އެއް ބިލިއަން ޑޮލަރު ނުވަތަ 26 ބިލިއަން ރުފިޔާ ދައްކަންޖެހިފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.
އޭގެފަހުގައި އަލީ ވަހީދު އެދިވަޑައިގަތީ އަޅުގަނޑުމެން މުލަށްދަނޑީގެ ބާރު ނެގުމަށެވެ. އެއީ އަތުން ފައިން ގޯސް ހޯދެމުގެ ބަދަލުގައި ވޯޓުން އެ ބާރު ބޭނުންކުރުން ކަމުގައި ވިދާޅުވި އެވެ. އަދި ގައުމުގެ ހާލަތު ބަދަލުކުރުމަށްޓަކައި ގާސިމަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ މި ގައުމުގެ ވެރިކަމަށް ގެންނަން ބޭނުންވަނީ ފަސް އަހަރު "ރެސްޓް" ކުރާ މީހެއްގެ ބަދަލުގައި ގާސިމް އިބްރާހީމް ފަދަ އަބަދުވެސް ހިތްވަރާ އެކު ބުރަ މަސައްކަތް ކުރައްވާ ލީޑަރެއް ކަމަށެވެ.
"އަޅުގަނޑުމެން އެންމެން މިގައުމުގެ ރައްޔިތުން އެކައްޗެއް ކިޔާލާފައި ގާސިމްގެ ފަހަތަށް ރަނގަޅަށް އަރާލަން ހިނގާށޭ. ނޮވެމްބަރު 17ގައި ރާއްޖޭގެ ރައީސް ކަމުގެ ހުވާ ގާސިމް ލައްވާ ކުރުވަން އަޅުގަނޑުމެން ހިނގާށޭ. އޭރުން ތިބޭފުޅުންނަށް އަޅުގަނޑުމެން ދޭން އޮތް ޔަގީންކަަމަކީ އަޅުގަނޑުމެން ނޮވެމްބަރު 17 ގައި ހުވާކުރާ ރަސްމިއްޔާތަށްފަހު އަޅުގަނޑުމެން އަޅުގަނޑުމެން އަތް އޮޅައިގެން ފައި އޮޅައިގެން ނިކުންނާނީ މަސައްކަތަށް،" އަލީ ވަހީދު ވިދާޅުވި އެވެ.
ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވުނު މަސައްކަތްތަކަށްފަހު ވެސް މާބޮޑު ބަދަލެއް ގައުމުން ފެންނަމުން ނުދާތީ އެކަމާ ކަންބޮޑުވެވަޑައިގެން އަލީ ވަހީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށްފަހު އޭނާ ދެން ނިކުންނަވަނީ ފުޓްބޯޅަ ކުރިއަރުވަން ކަމަށެވެ. ސިޔާސީ މަސައްކަތުން ދެން ފެނިވަޑައިނުގަންނަވާނެ ކަމުގެ އިޝާރާތެއް ވެސް ދެއްވި އެވެ.
"އަޅުގަނޑު ރާއްޖެ އައި ދުވަހުވެސް ދެންނެވި އަޅުގަނޑުމެން ދެން ބޭނުމެއް ނޫނޭ ސިޔާސީ މަސައްކަތުގައި ފަސް އަހަރު ހޭދަކުރާކަށެއް. އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑަކީ ދެން އަޅުގަނޑަކީ މުސްތަގުބަލްގައި މާބޮޑު ސިޔާސީ މީހަކަށް ވާނެ ކަމަކަށް. މިއިންތިހާބަށްފަހު އަޅުގަނޑު ދާނީ ފުޓްބޯޅަ ކޯޗަކަށް ވާން،" ޖިންސީ ގޯނާގެ ތުހުމަތުގައި ދައުވާ އުފުލުމާ ގުޅިގެން މިސަރުކާރުގައި މަގާމުން ވަކިކުރެއްވުމުން އިނގިރޭސިވިލާތުގައި ހުންނެވުމަށް ރާއްޖެ ވަޑައިގެން ދެއްކެވި ބައެއް ވާހަކަތައް އާކުރައްވާ އަލީ ވަހީދު ވިދާޅުވި އެެވެ.