ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 58 އަހަރުފުރޭ 59ވަނަ މިނިވަންދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރީންގެ އިތުރުން ދައުވަތު އެރުވިގެން ވަޑައިގެންނެވި ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތަށް ރައީސް ސޯލިހުގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި ދިދަ ނެގުމުގެ އިތުރުން ދުވަހާއިގުޅޭ ހާއްސަ ދުއާއެއް ވަނީ ކޮށްފަ އެވެ. އިސްވެ މި ދުއާ ކޮށްދެއްވީ އައްޝައިޚް އާޒިމް ހާލިދެެވެ.

މިނިވަން ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން އައްޑޫ ސިޓީގައި މިއަދު ހެނދުނު 6:00ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ބައިވެރިވެވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީ ހިތަދޫގެ ސިޓީ ސްކެއާގައި ބޭއްވި މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ސިޓީ ކައުންސިލްގެ މެންބަރުންގެ އިތުރުން އެ ސިޓީގެ ދައުލަތުގެ އެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.