ރާއްޖެ-އިންޑިއާ ގުޅުމަކީ ވަރަށް މުހިންމު އަދި އެހާމެ ތާރީހީ ގުޅުމެކެވެ. ސިޔާސީ ލީޑަރުންގެ ބަހުން ދެ ގައުމުގެ ދެމެދުގައި އޮތީ ވަރަށް "މުގައްދަސު" ގުޅުމެކެވެ. ނަމަވެސް އެ ގުޅުމަށް ބަދަލުތަކެއް އަތުވެއްޖެ އެވެ. އިންޑިއާގެ ބައެއް މީހުން ނުވަތަ ގިނަ މީހުން ދެކޭ ގޮތް މިހާރު ތަފާތެވެ. ދިވެހިންވެސް ނުވަތަ ދިވެހިންގެ ގިނަ ބަޔަކު އިންޑިއާއާ ދޭތެރޭ ދެކޭގޮތް ވެސް ވަރަށް ތަފާތެވެ. އިންޑިއާގެ ބައެއް ސިޔާސީ ލީޑަރުންގެ ވާހަކަތަކުން ރާއްޖެއަކީ އެ މީހުންގެ އަވަށެކެވެ. ވަރަށް ފާޅުގައި މި ފަހުން އެ މޭރުމުން ގިނައިން ވާހަކަ ދައްކާ ސިޔާސީ ލީޑަރުން އެ ގައުމުން ފާޅުވެއްޖެ އެވެ. ހަަމަ އެއާއެކު އިންޑިއާ-ރާއްޖެ ގުޅުން ގޯސް ފައްތަރަކަށް ގޮސްފި ކަމަށް ބުނެ ރާއްޖެއިން އިންޑިއާ "އައުޓް" ވާން ޖެހޭ ކަމަށް ބުނާ ދިވެހިން ވެސް ވަރަށް ގިނަ ވެއްޖެ އެވެ. އެފަދަ ކެންޕެއިނެއް މިހާރު ވެސް އޮތީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.
ރާއްޖޭގެ އާ ސަރުކާރު އިންތިހާބުވެގެން އައީވެސް އިންޑިއާގައި މިހާރު އޮތް ބީޖޭޕީގެ އެހީތެރި ކަމުގައި ކަމަށް ރާއްޖޭގެ އިދިކޮޅުން އަބަދުވެސް ތުހުމަތު ކުރެއެވެ. އެ އެހީ ދިނީ ލައްކަ ކަންކަމަށް ޝަރުތު ކޮށްގެން ކަމަށް ބުނެވެސް ލައްކަ ގިނަ ވާހަކަތައް ދެކެވެއެވެ. އެއީ ހަގީގަތެއް އޮތް ވާހަކައަކަށް ވިޔަސް އަދި ނުވިޔަސް އާ ސަރުކާރު ވެގެންދިޔައީ އިންޑިއާއަށް ވަރަށް "ފޭވާ" ކުރާ ސަރުކާރަކަށެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުގެ ވެރިން އެންމެ ގިނައިން ކުރެއްވި އެއް ކަމަކީ އިންޑިއާއަށް ތައުރީފު ކުރުމެވެ. "ހަނޑޫ ފުކެއް" ދިއްކޮށްލި ނަމަވެސް އެ ހަދިޔާ ބަލައިގަންނަނީ އިންޑިއާއިން ބަންޑުންކޮލައިދޭ ބިލިއަން ޑޮލަރުގެ އެހީއެއްގެ ގޮތުގަ އެވެ.
ރަށެއްގެ މަގު ދިއްލައިލަން ވިއްސަކަށް ހޮޅި ދަނޑި އާއި އެއާ ވާނެ މަގު ބައްތި ދިނަސް އަދި ދެ ރަށެއްގެ ދެމެދު ސުކޫލް ދަރިވަރުން ދަތުރުކުރަން ޑިންގީއެއް ހަދިޔާ ކުރިޔަސް އެއީ އިންޑިއާގެ އެހީއެއް ނަމަ އެ ކަމެއްގައި އިސްކޮށް ހުންނަވާތަން ފެންނަނީ ސީދާ ރައީސެވެ. ދެން ފޮރިން މިނިސްޓަރެވެ. އެހާ މަތީ ދަރަޖާގައި ސަރުކާރުގެ ސެލެބްރޭޝަން އޮވެފައި ހުއްޓާ ނުލައި އެންމެން ވެގެން ތިންބަހުން ޓްވީޓް ކުރުމެވެ. އަމިއްލަ ގައުމުގެ ދިފާއުގައި ޓްވީޓް ނުކުރާ ވަރަށް އިންޑިއާގެ ދިފާއުގައި ދިވެހި ރާއްޖޭވެރި ވަޒީރުން ޓްވީޓް އެބަކުރެ އެވެ.
ރާއްޖޭގައި ޗައިނާގެ ބާރުވެސް ގަދަވާކަށެއް ނުޖެހެ އެވެ. އިންޑިއާގެ ބާރުވެސް ގަދަވާކަށެއް ނުޖެހެ އެވެ. އެކަމަކު ރާއްޖޭގައި އިންޑިއާގެ ބާރުގަދަ ކުރާ ކަމުގެ ތުހުމަތު ގަދަވާން ދިމާވި ސަބަބުތައް ގިނަ އެވެ. ހާއްސަކޮށް އިންޑިއާ ސިފައިން ތިބެެގެން ރާއްޖޭގައި އޮޕަރޭޓް ކުރަމުންދާ ދެ ހޮލިކޮޕްޓަރުގެ މައްސަލަ އާއި އައްޑޫގައި ހަދަމުންދާ ފުލުހުންގެ ސެންޓަރާއި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއު އިންޑިއާއާ ހަވާލު ކުރުން ހިމެނެ އެވެ.
މިއިން ކޮންމެ މަސައްކަތަކާއެކު ރާއްޖޭގައި ގާއިމްވެ ތިބޭ އިންޑިއާ ސިފައިިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިންޑިއާއަށްވުރެ އެހެން ގައުމުތަކުން ރާއްޖޭގައި ހިންގައިދިން މަޝްރޫއުތައް ގިނަވެފައި އަދި ބޮޑުއިރު އެހެން ގަައުމެއްގެ އަސްކަރިއްޔާގެ ބަޔަކު ރާއްޖޭގައި ނުތިބެ އެވެ. މިއީ ސިޔާސީ ވާދަވެރިންނާއި ގިނަ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އިންޑިއާ ޖެހުމުން މިވަނީ ކީއްހެއްުޔެވެ؟
މި ހުރިހާ ކަމަކާއެކު އިދިކޮޅުގެ ތާއީދާއެކު އަދި އިިދިކޮޅުގެ ގިނަ ސިޔާސީ ވެރިން އިސްކޮށް ތިބެ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެންޕެއިނެއް ފަށާފައި ވަނިކޮށް އިއްޔެ ވަނީ އިންޑިއާއިން ރާއްޖެއަށް އެއާކްރާފްޓެއް ދީފައެވެ. އެެއާއެކު ތުހުމަތުތައްވީ އިތުުރެވެ. އިންޑިއާ އެމްބަސީން ބުނާ ގޮތުން އެއާކްރާފްޓް ދުއްވާނީ ދިވެހި ސިފައިންނެވެ. ދިވެހި ސިފައިން އިންޑިއާއިން ތަމްރީން ކޮށްދީފި އެވެ. ނަމަވެސް މެއިންޓެއިންސް ކަންކަން ބަލަހައްޓާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ. އޭގެ ހަރަދާއި އެ ނޫން ކަންކަން ވެސް އިންޑިއާއަށެވެ. މި އެއާކްރާފްޓް ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދު ބަލައްޓާއި ރެސްކިއު އޮޕަޜޭޝަންތަކަށެވެ.
އިންޑިއާގެ ފުރަތަމަ ހެލްކޮޕްޓަރު ރާއްޖެއަށް ހަދިޔާ ކުރީ 2011 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ ފަހަރު ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައިވާ ގޮތުން ހެލްކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭނެ އެންމެ ދިގު މުއްދަތަކީ ދެ އަހަރު ދުވަހެވެ. ނަމަވެސް އޭގެ ފަހުން މިހާރު ނުވަ އަހަރު ފާއިތުވަނީ އެވެ. މިހާރު ދެ ހެލްކޮޕްޓަރު ދުއްވަން އިންޑިއާގެ އެތައް ސިފައިނެއް އެބަތިއްބެވެ. ބައެއް ސޯސްތަކުން ޔަގީންވާ ގޮތުގައި އެ އަދަދު 200 އާ ކައިރި ކުރެއެވެ.
ދެ ހެލްކޮޕްޓަރުގެ އިތުރުން މިހާރު އެއާކްރާފްޓެއް ވެސް އިތުރުވީ އެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ ކޮންޓްރޯލް ވެސް އޮތީ އިންޑިއާގެ ބެންގަލޫރާއި ދިއްލީގައި ގާއިމްކޮށްފައިވާ ދެ އިދާރާއަކަށެވެ. އެ މަސައްކަތަށްވެސް ރާއްޖޭގައި އެ ގައުމުގެ ސިފައިން ފައިބާ އެބަތިބެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތާ ނުވަ އަހަރު ފާއިތުވެގެންދާއިރު އިންޑިއާ ސިފައިންގެ ދާއިމީ މަންޒިލަކަށް ރާއްޖެ ވެއްޖެކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ނަންބަރު ދާނީވެސް އިތުރުވަމުންނެވެ. އެކަމަށް މަގުފަހިވާނެ ކިތަންމެ ކަމެއް އިންޑިއާ ސަރުކާރުން ކުރާނެ އެވެ. އަދި އެކަމަށް އިހަށްވުރެ ބޮޑަށް މިހާރު އޮތީ މި ސަރުކާރުގެ ތެރެއިން މަގުފަހި ވެސް ވެފަ އެވެ.
އެއަކު އިންޑިއާގެ މައްސަލައެއް ނެތެވެ. އެއީ އިންޑިއާ ސަރުކާރުގެ ޖިއޯ ޕޮލިޓިކަލް ސްޓްރެޓަޖީ ތަރުތީބުކޮށްފައި އޮތް ގޮތެވެ. މައްސަލަ އަކަށް ވަނީ ދިވެހިންނެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވާ އެއް ބޭފުޅަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އޭނާއަކީ އަސްކަރީ ތަމްރީން ހޯއްދަވާފައި ހުންނެވި ކުރީގެ ސިފައިންގެ އޮފިސަރެކެވެ. ހޯމް މިނިސްޓަރު ކަަމުގައި ހޭދަކުރެއްވި މުއްދަތުގައި ވެސް އުމަރު އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލޭނެ ގޮތަކާމެދުގަ އެވެ. އެ ވާހަކަ ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ތަކުރާރުކޮށް ދެންނެވަމުން ގެންދެވި އެވެ. އޭރު ސަރުކާރުން އެއްބަސްވުން އާ ނުކުރުމަށްވެސް ގިނަ މަސައްކަތް ކުރި އެވެ. ނަމަވެސް އެ މަސައްކަތް ދިޔައީ ފަނުފުލުންނެވެ. ކޮންމެެވެސް މަޖުބޫރެއް އޮތީ އެވެ.
އުމަރު ވިދާޅުވާ ގޮތުގައި އިންޑިއާ މައްސަލާގައި އެންމެ ނުރައްކާތެރި ކަމަކީ އެއީއެވެ. ދެހާސް އެގާރަ އިން ފެށިގެން ރާއްޖޭގައި މިއީ ވެރިކަން ކުރާ ހަތަރު ވަނަ ސަރުކާރެވެ. ދެ ފިކުރެއްގެ ދެ ޕާޓީގެ ވެރިކަން ވެސް ފެނިގެން ގޮސްފި އެވެ. ނަމަވެސް އިންޑިއާގެ ސިފައިންގެ މައްސަލައަށް އައި ހައްލެއް ނެތެވެ.
"ފުރަތަމަ ކަމަކަށް ދެ ފިކުރުގެ ދެ ޕާޓީގެ ވެރިކަމުގައި ވެސް އިންޑިއާ ސިފައިން ތިބޭ މައްސަލައަށް ހައްލެއް ނުހޯދުނު. އިންޑިއާއިން އަބަދުވެސް މި އޮންނަނީ މިތާނގާގައި [ރާއްޖެ] ތިބެވޭނެ ގޮތެއް ހޯދައިގެން. އެހެން ތިބުމަށްޓަކައި މަޅި އެޅޭ ގޮތަށް ލޯނުތައް ވެސް ދޭނެ އަދި ސިޔާސީ ވެރިންގެ އަނގަށްވެސް ބަންދުކުރާނެ ކަޅު ފައިސާއިން،" އިންޑިއާއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އުމަރު ވިދާޅުވިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އެގްރީމަންޓެއްގެ ދަށުންނެވެ. ފުރަތަމަ އެއްބަސްވީ ދެ އަހަރަށް ނަމަވެސް މުއްދަތު ޖަހަމުން ޖަހަމުން ދަނީއެވެ. އެކަމަށް އިންޑިއާއަށް މާ ބޮޑު ދަށްޗެއް ނޯވެއެވެ. ކޮންމެވެސް އެހީތެރިކަމެއް ނިވާފަތްގަނޑަކަށް ހެދުމަށްފަހު އެއްބަސްވުން އައު ކުރަނީއެވެ. އަށް އަހަރު ފާއިތުވެ ދިޔައީ ހެލްކޮޕްޓަރު ދުއްވާނެ ދިވެހި ސިފައިން ތަމްރީން ނުކުރެވި އެވެ. އެންމެ ކުޑަމިނުން އެ ތަމްރީންތައް ވެސް ނުފެށިއެވެ. އެ ޝަރުތު ހަމަވާ މީހަކު ވެސް މުޅި އަސްކަރީ ފޯސްގައި ހުންނަ ކަމަކަށް ނުވެއެވެ.
ރާއްޖެ-އިންޑިއާ އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބެވޭނީ ސިފައިންގެ 24 މީހުނަށެވެ. ދެ ހެލްކޮޕްޓަރަށް 48 ސިފައިންނެވެ. ނަމަވެސް އުމަރު ވިދާޅުވި ގޮތުގައި އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް އޭގެ ދެ ގުނަ އިތުރަށް ސިފައިން ތިބެއެވެ. އެކަމާއި ގުޅިގެން އިންޑިއާ ސަރުކާރާ ރާއްޖެއިން ސުވާލު ވެސް ކޮށްފައި ވެއެވެ. ނަމަވެސް އަބަދުވެސް އިންޑިއާގެ ޖަވާބަކީ އެއީ ޑިއުޓީ ބަދަލުކުރާ ގަޑިކަމުން ސިފައިން ގިނަވަނީ އެވެ.
"އަޅުގަނޑުގެ އަންދާޒާގައި މިހާރުވެސް 200 ސިފައިން ތިބޭނެ. މިއީ އަޅުގަނޑު މި ދަންނަވާ ނުރައްކާ ފެށޭ ހިސާބަކީ. މީގެ އަށް އަހަރު ކުރިން އެންމެ 24 ސިފައިން. މިހާރު ހަތިޔާރާއެކު ތިބި 200 ސިފައިންނަށް މި ބަދަލުވީ. ލިޔެކިޔުމުގަައި ކޮންމެ ގޮތަކަށް އޮތަސް ކަން މި ހިނގަނީ އެ ގައުމުން ބޭނުންވާ ގޮތަށް،"
ކުރިން ޑިފެންސް މިނިސްޓަރުކަން ކުރެއްވި އެެހެން ބޭފުޅަކު ވެސް ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާމެދު އަދި މިހާރު ސަރުކާރުން އިންޑިއާއާ ދޭތެރޭ ބާއްވަމުންދާ ގުޅުމާއިމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަން ނުޖަހަން ޝަރުތުކޮށް އޭނާވެސް ވަނީ ގިނަ ކަންބޮޑުވުންތަކެއް ހިއްސާ ކުރައްވާފަ އެވެ. އޭނާގެ ނަޒަރުގައި ރާއްޖޭގެ ފުލް ކޮންޓްރޯލް އިންޑިއާއިން މިހާރު ނަގައިފި އެވެ. ހަނިމާދޫ އެއާޕޯޓަށް އެތަށް މިލިއަން ޑޮލަރެއް ހޭދަކޮށް އެތަން ތަރައްގީ ކުރުމުގެ ފަހަތުގައި އޮތީ ރާއްޖެއަށް އަތްގަދަ ކުރުމެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ދާއިމީ ގޮތެއްގައި ބޭތިއްބުމެވެ.
"ރާއްޖޭގެ މޭޖާ ތިން ކަނޑު އޮޅިއަށް އިންޑިއާ ސިފައިން މި އެރީ. އައްޑޫ އާއި ލާމްގައި އެތައް ސިފައިނެއް އަދި އުތުރުގައި މިހާރު އެ ގާއިމްވީ. މި ދައްކަނީ ވަރަށް ނުރައްކާތެރި ކަމެއްގެ ވާހަކަ. އަޅުގަނޑުގެ ނަޒަރުގައި މިއީ ނުރައްކަލެއްކަން އިހުސާސް ނުކުރެވޭނަމަ އެ މީހެއްގެ ގައުމިއްޔަތުގެ މައްސަލަތަކެއް އެބަހުރި،" އިންޑިއާ ސިފައިން ތިބުމާ އެއްކޮޅަށް ވާހަކަދައްކަވާ ސިޔާސީ ލީޑަރުންނަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މޭޖާ ތިން ކަނޑު އޮޅިއަށް އިންޑިއާ ސިފައިން މި އެރީ. އައްޑޫ އާއި ލާމްގައި އެތަށް ސިފައިނެއް އަދި އުތުރުގައި މިހާރު އެ ގާއިމްވީ. މި ދައްކަނީ ވަރަށް ނުރައްކާތެރި ކަމެއްގެ ވާހަކަ. އަޅުގަނޑުގެ ނަޒަރުގައި މިއީ ނުރައްކަލެއްކަން އިހުސާސް ނުކުރެވޭނަމަ އެ މީހެއްގެ ގައުމިއްޔަތުގެ މައްސަލަތަކެއް އެބަހުރިއުމަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު
އިންޑިއާއިން ދާދި ފަހުން ވަނީ 3.8 ބިލިއަން ރުފިޔާގެ ލޯނެއް ރާއްޖެއަށް ދީފަ އެވެ. އެ ގައުމުގެ ގައުމީ ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން 250 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލެއް ގަންނަ ގޮތަކަށް ދިން މި ލޯނަކީ ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން ބޮޑު އެހީއެކެވެ. ހާއްސަކޮށް ކޮވިޑްގެ މި ހާލަތުގައެވެ. މިއީ މިފަދަ ހާލަތެއްގައި ގައުމަކުން އެހެން ގައުމަކަށް ދިއްކޮށްލާނެ ލައްކަ ބޮޑު އެހީތެރި ކަމެކެވެ. ލޯނެއް ނަަމަވެސް މިއީ ދީލަތި އެހީއެކެވެ.
ނަމަވެސް ރަނގަޅަށް މައުލޫމާތު އެނގި ވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މި ލޯން އެހީއާއެކު ވަރަށް ގިނަ ޝަރުތުތައް އިންޑިއާއިން ހުށައެޅި އެވެ. އެއް ކަމަކީ އަލަށް ހަދިޔާކުރި އެއާކްރާފްޓާގެ ކަންކަން ބެލެހެއްޓުމުގައި އިންޑިއާ ސިފައިންނަށް ތިބެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމެވެ. ބޭނުމަކީ މިހާރު ރާއްޖޭގައި އަސްކަރީ ފޯސް އިތުރުކުރުމެވެ. އަދި ހެލްކޮޕްޓަރުގެ އެއްބަސްވުން އެ ގޮތުގައި ދެމެހެއްޓުމެވެ. ދެން ހުށައެޅީ ފަންސާސް އަހަރު ދުވަހުގެ މުއްދަތަށް އައްޑޫގައި ތިބުމުގެ ހުއްދައަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް އާނ ބަހެއް އަދި ނުބުނެ އެވެ. އެހެން ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އެނގި އެވެ.
އިންޑިއާއިން ހުށައެޅި ބައެއް ކަންކަމަށް ސަރުކާރުން އަދި ރުހުން ނުދިން ނަމަވެސް ބައެއް ސިޔާސީ ބޭފުޅުންގެ ނަޒަރުގައި އެކަން އެގޮތުގައި ދެމިއެއް ނޯންނާނެ އެވެ. ސަރުކާރުގެ އަމަލުތައް ހުރީ އެގޮތަށް ނޫނެވެ. ސަނާ ކިއުމާއި "ލޯބިކުރުން" އޮތީ އެކަން ކަމަށް ވެސް އެއްބަސްވާނެ މަގެއް ބިޔަ އިންޑިއާއިން ހޯދާނެ ފަދަ ގޮތަކަށެވެ. އެފަދަ ބައެއް ކަންކަން ވެސް އެ ބޭފުޅުން ހިއްސާ ކުރައްވަ އެވެ.
އުމަރު ވިދާޅުވި ގޮތުގައި މިހާރު ލިބިފައިވާ ފުރުސަތުތަކާއެކު އިންޑިއާއިން އިތުރު ފިޔަވަޅުތަކެއް އަޅާނެ އެވެ. އެއް ކަމަކަށް ކުރާނެ ކަަމަކީ އައްޑޫގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުގައި އިންޑިއާގެ ފުލުހުން ވެސް ތަމްރީން ކުރަން ފެށުމެވެ. އެއީ ރާއްޖެއަށް އަދި ރާއްޖޭގެ ޕޮލިސް ފޯސްއަށް ޝަރަފް ހޯދައި ދިނުމުގެ ނަމުގައި ކުރިއަށް ގެންދާނެ ކަމެކެވެ.
"އައްޑޫގެ ފުލުހުންގެ މަރުކަޒުގައި އިންޑިއާގެ ފުލުހުން ތަމްރީން އަދި ހުށައަޅާނެ. ވަރަށް ލައިކްލީ އިނގޭތޯ. އެއީ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ދައްކައިގެން އެކަން ކުރާނީ. ދިވެހި ފުުލުހުން އިންޑިއާ ފުލުހުން ތަމްރީން ކުރަނީ. ކިހާ ބޮޑު ޝަރަފެއްތޯ ރާއްޖެއަށް މި ލިބެނީ. ނަމަވެސް ނޭންގޭ މި ކުރެވެނީ ކޮން ކަމެއް ކަމެއް. ހަގީގަތަކީ ތަމްރީން ކުރުމުގެ ނަމުގައި އެތަށް ސަތޭކަ ސިފައިން އިންޑިއާއަށް މި ގެންދަނީ،"
އަނެއް ކަމަކީ އައްޑޫ އާއި ހަނިމާދޫއިން ފަސޭހަކޮށް އިންޑިއާއަށް ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެެއްސުމެވެ. އެކަމަށް މަގު ފަހި ކުރުމަށް ވިސާގެ ހިދުމަތް ދިނުމަށް ރާއްޖޭގެ އުތުރާއި ދެކުނުގައި ކޮންސިއުލޭޓް އޮފީހެއް ގާއިމު ކުރުމެވެ. އެކަމުގެ ސަބަބުން މާލެއަށް އަންނަން ނުޖެހި ހަރަދު ކުޑަ އަދި ފަސޭހަކަމާއެކު އިންޑިއާއަށް ދަތުރުކުރެވޭނެ މަގު ފަހިވީ އެވެ. ނަމަވެސް އެކަންކަން އިންޑިއާއިން ކޮށްދެނީ ދިވެހިންގެ ފަސޭހައަށްތޯ އެ ބޭފުޅުން ސުވާލު އުފައްދަ އެވެ. އަދި އެކަމުގެ ފަހަތުގައި އޮތީ ރާއްޖޭގެ ކޮންޓްރޯލް ހޯދާ އިންޑިއާ އަސްކަރިއްޔާގެ ބާރު ގަދަ ކުރުމެވެ. މި ނޫންވެސް އެތަށް ރޭވުންތަކެއް ރާއްވަވާނެ ކަަމަށް އެ ބޭފުޅުން ތުހުމަތު ކުރައްވަ އެވެ.
"ކޮންމެ ކަމެއްވެސް ކޮށްދޭން މި ހުށައަޅަނީ އުތުރާއި ދެކުނަށް. އެ ކީއްވެތޯ. މެދު ކޮބައި ތޯ. މިސާލަކަށް ބައްލަވާ. ފެހެންދޫއަށްވީމަ ކުޑަކުޑަ ޑިންގީއެއް. ހަނިމާދޫއަށް 800 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް މި ބުނަނީ. މިއީ ނުރައްކަލަކީ. މިއީ އެހީތެރިން ހަގީގީ އެހީތެރިން އެހީވާނެ ގޮތެއް ނޫން. މިއީ ސަމާލުވާންވީ ކަމަކީ. ސައްދާމް ހުސައިން ކުވެތަށް އެރިހެން ޓޭންކަރާއެކު މިއަދު ގައުމުތަކަށް ނާރާނެ. އަރާނީ، ބާރުގަދަ ކުރާނީ މިގޮތަށް،"
ރާއްޖެ-އިންޑިއާ ގުޅުން ވަރަށް މުހިންމެވެ. އެކުވެރި އެންމެ އެކުވެރި ބައިވެރިއަކަށް އެ ގައުމު ވަރަށް ރަނގަޅެވެ. ނަމަވެސް މިހާރު ދެ ގައުމުގެ ގުޅުން އޮތީ އެހާލަތުގައެއް ނޫނެވެ. އަދި އެ ގުޅުން އޮތީ އެހެން ގައުމުތަކާއެކު ހަމަހަމަ ގުޅުންތަކެއް ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށްވެސް ނޫނެވެ. ވަރަށް ކުދިކުދި ކަންކަމުގައި އިންޑިއާއަށް ސަނާކިޔުން މާ މައްޗަށް ހިނގައްޖެއެވެ. ކޮންމެ ހާލަތެއްގައިވެސް އެ ގައުމު ރުއްސާ، ރުހުން ހޯދުން މާ އުހަށް ގެންގޮސްފިއެވެ. މިއީ ޒަމާނުންސުރެ ރާއްޖެ-އިންޑިއާ ގުޅުން ދެމެހެއްޓި ގޮތެއް ނޫނެވެ. އިހު ހިނގި މަގުން އެ ގުޅުމަށް ހިނގެން ނެތީ ކުރިން ވެވިފައިވާ އެއްބަސްވުމެއް އޮތުމުން ހެއްޔެވެ. އެހެން ކަމަށްވާނަމަ ނުވަތަ ނޫން ނަމަވެސް އެކަން ސާފުކޮށްދޭން ޖެހެއެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާފަދަ އެއްވެސް ކަމަކަށް ފުރުސަތު ދީގެން ނުވާނެއެވެ. ހާއްސަކޮށް އެހެން ގައުމަކަށް ރާއްޖޭގެ މައްޗަށް ބަސްކިޔާ ރާއްޖޭގައި ދާއިމީ ގޮތެއްގައި އެ ގައުމެއްގެ ސިފައިން ބޭތިއްބުމަށް ފުރުސަތު ދީގެން ނުވާނެެއެވެ. އަދި މިރާއްޖޭގައި ގާއިމްވެ ތިބެ އެ ގައުމަކުން ބޭނުންހާ މައުލޫމާތެއް ހޯދަންވެސް ފުރުސަތު ތަނަަވަސްކޮށްދީގެން ނުވާނެއެވެ. އެ މަގުތައް، އެ ދޮރުތައް ހުޅުވަދީފިނަމަ މިނިވަންކަން ގެއްލުމުގެ ނުރައްކަލަށް ހުށައެޅުނީއެވެ. ދިވެހިންގެ އަމިއްލަވަންތަކަން ގެއްލުނީ އެވެ.