ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ ސިފައިންގެ އަދަދު "އައުޓް" ވާނެ!

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާމެދު ކަންބޮޑުވުން އޮތީ އެކަންޏެއް ނޫނެވެ. އެކަމާ ދިވެހިން ހިތްހަމައެއް ނުޖެހެ އެވެ. އަދި ހިތްހަމަނުޖެހުމާއެކު ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބޭތާ ނުވަ އަހަރުވާން ދަނީ އެވެ. އެ ގައުމުގެ ސިފައިން ރާއްޖެއަށް ފައިބާން ފެށީ އިންޑިއާ އާ ގާތް ގުޅުމެއް އޮންނަ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރު އެވެ. އެކަމަކު އެއީ ރާއްޖެ ފައިބާން އައިބައެއް ނޫނެވެ. އެއީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ލައިޓް ކޮމްބެޓް ހެލިކޮޕްޓަރެއް (އެލްސީއެޗް) ހޭންޑްއޯވާ ކޮށް އެ ދުއްވާލާ ގޮތް ދިވެހި ސިފައިންނަށް ދައްކާލާފައި ހަމަ އެ ދުވަހު ފުރައިގެން ދާން އައި ބައެކެވެ. އެ އައިގޮތަށް އައިސް އިތުރު އެއްބަސްވުމެއް ރައީސް ނަޝީދުގެ ސަރުކާރާއެކު ހަދައި ދެ އަހަރުގެ މުއްދަތަށް ފަހު ދިވެހިންނާ އެ އެލްސީއެޗް އޮޕަރޭޓް ކުރާ ގޮތަށް އިންޑިއާ ސިފައިން ރާއްޖެއަށް ފޭބީ އެވެ. ނަމަވެސް އޭގެ ފަހުން މިވީހާތަން ދިޔައިރު ވެސް ދިވެހި ސިފައިންގެ އަތްމައްޗަށް އެ ލައިޓް ކޮމްބެޓް ހެލްކޮޕްޓަރު ދޫކޮށްލާކަށް އިންޑިއާގެ އިން ގަބޫލެއް ނުވި އެވެ. އެގޮތަށް އެއްބަސް ނުވާން އަންގަނީ ވެރިރަށް ނިއުދިއްލީ އާއި ބެންގަލޫރުގައި ރާއްޖެއަށް ހާއްސަކޮށްފައިވާ ތިންކްޓޭކްންތަކާއި އިންޑިއާގެ ރިސާޗް އެންޑް އެނާލިިސް ވިންގް (ރޯ) ގެ ލަފަޔަށެވެ.

އަނެއްކޮޅުން އިތުރު ހެލްކޮޕްޓަރަކާއެކު އިންޑިއާގެ ސިފައިން ދިވެހި ރާއްޖެއަށްވީ އިތުރެވެ. ދެ އަހަރުން ދެ އަހަރުން އެއްބަސްވުން އާކޮށް އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ މަގު ދަނީ ފަހި ކުރަމުންނެވެ. ރާއްޖެ ފައިބާ އިންޑިއާ ސިފައިން ދަނީ އިތުރު ކުރަމުންނެވެ. އިންޑިއާ ސިފައިން މިގޮތަށް ޑިޕްލޮއި ކުރާ ޕެޓާން އައި ރާއްޖޭގައި ހުރި އަޑުތަކަށް ބަލާއިރު މިހާރު ރާއްޖޭގައި 300 އާ ގާތް ކުރާ އަދަދަކަށް އިންޑިއާ ސިފައިން ގާއިމުވެ ތިބޭނެ އެވެ. -- އެ އަދަދު ސީދާ ވާކަށް ލާޒިމެއް ނޫނެވެ،

އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާމެދު ދިވެހިންގެ އޮތް ހިތްހަމަ ނުޖެހުމާއި ރުޅިވެރިކަން އިތުރުވެފައިވާއިރު "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ފަށައި ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ. މިއީ ކައިރީ ވަށައިގެންވާ ދޭދޭ ގައުމުތަކުގެ ތެރެއިން ގައުމަކާ މެދު ހިތްހަމަނުޖެހިގެން ދިވެހިންގެ ތެރެއިން ބަޔަކު މި ގޮތަށް ކެމްޕޭނެއް ފެށި ފުރަތަމަ ފަހަރެވެ. މި ކެމްޕޭންގެ އަސަރު ދިމާއަށް ނުފެނުނަސް މިއީ މިހާރު އިންޑިއާގެ ކަރުގައި ޖެހި އުމުގުވާން ދާން ކައްޓަށް ވެފައިވާނެ އެވެ. އޭގެ ހުރިހާ ދުއްތުރާލަކާ ކުރިމަތި ވާނީ މިހާރު މި އޮތް ދިވެހި ސަރުކާރަށެވެ.

"އިންޑިއާ އައުޓް" ކެންޕެއިންގައި ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންނާއި މަޖިލީސް މެންބަރުން ވެސް ބައިވެރިވެފައިވެ ވަޑައިގަންނަވަ އެވެ. އިންޑިއާ ސިފައިންގެ މައްސަލާގައި ދިވެހިން އުފުލާ އަޑު ގަދަވެފައިވަނިކޮށް އިންޑިއާ ސަރުކާރުން ޑޯނިއާއެއް ހަދިޔާކުރި އެވެ. މި ފަހަރު ދުރާލާ ފަރުދާއެއް ދަމާލުމުގެ ގޮތުން ބުނެފައި ވަނީ ޑޯނިއާ ދުއްވާނީ ދިވެހި ސިފައިން ކަމަށެވެ. ދިވެހި ސިފައިން ކުރާނެ، ކުރަންޖެހޭ ވާހަކައެއް ވެސް ބުނެދެނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީންނެވެ. އިންޑިއާ އެމްބަސީން ބުނާ ގޮތުގައި ޑޯނިއާ މަރާމާތު ކުރުމާއި ޑޯނިއާގެ ހަރަދު ބަލަހައްޓާނީ އިންޑިއާ ސިފައިންނެވެ. މިއީވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފަހިކޮށްފައިވާ މަގު އިތުރަށް ފުޅާކުރަން ކުރި ކަމެކެވެ.

މިކަން މިހެން ދާއިރު އިންޑިއާ އިން ދިވެހިންނަށް ދޭން އުޅޭ މެސެޖްގެ ގޮތުގައި ސިފަ ވަނީ އިންޑިއާ މައްސަލާގައި ނުރުހޭ ދިވެހިން ނުރުހުފައި ތިބޭށެވެ. އެކުވެރި ސަރުކާރާއެކު އިންޑިއާ ބޭނުން ކަމެއް ރާއްޖޭގައި ކުރާނެ އެވެ. މިހާރު އިންޑިއާ ސިފައިންގެ ފައުޖެއް ހަނިމާދޫގައި ތިބޭ ވާހަކަ އޮވެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރަައްގީ ކުރަން އިންޑިއާ ސަރުކާރުން ބިލިއަން ރުފިޔާ ހަރަދުކުރަން ނިންމައި އައްޑޫގައި އިންޑިއާގެ އެހީގައި ހަދަމުންދާ ފުލުސް އެކަޑަމީގެ ޕްލޭނަށް ބަދަލު ގެނެސް އައްޑޫގައި ވެސް އިންޑިއާގެ ބާރުގަދަ ކުރުމުގެ މަސައްކަތް ވަނީ ގިޔަރަށްލާފަ އެވެ. އެހީއެއް ދިނުމުން ދިވެހި ސަރުކާރުން އިންޑިއާ އާ ބެހޭ ގޮތުން "އެއީ އަބަދުވެސް އެކުވެރިޔާ" ކަމަށް ބުނެލަ އެވެ. އަނެއްކޮޅުން ދިވެހިރާއްޖެ "ކޮއްޕާ ގަޅުވައިގެން" ބޭނުން ގޮތަކަށް ރާއްޖެއާ ކުޅެ މިނިވަން ކަމަށް އަރައިގަންނަ އިރު ވެސް އޮންނަނީ ހައްޕް ކިޔައިގެނެވެ.

މިހާރުގެ އެންމެ ބޮޑު ސުވާލަކީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދެވެ. އެއީ ހުރިހާ ދިވެހިން ސުވާލު އުފައްދާ މައްސަލައެކެވެ. އިންޑިއާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވާ ބައެއް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގައި މިހާރު އިންޑިއާގެ 200 އެއްހާ ސިފައިން ތިބޭނެ އެވެ.

ލައިޓް ކޮމްބެޓް ހެލިކޮޕްޓަރާ ގުޅިގެން ރާއްޖެ-އިންޑިއާ ދެމެދުގައި އޮތް އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބެވޭނީ އިންޑިއާ ސިފައިންގެ 24 މީހުނަށެވެ. ދެ ހެލްކޮޕްޓަރަށް އިންޑިއާގެ 48 ސިފައިންނެވެ. ނަމަވެސް މީގެ ފަސް އަހަރު ކުރިން ފެށިގެން ވެސް އެ އަަދަދަށްވުރެ އެތައް ގުނައެއް ގިނަ އިންޑިއާ ސިފައިން ރާއްޖޭގައި އަބަދުވެސް ތިބެއެވެ. މިހާރު އޮތް ފުރުސަތުން އެ އަދަދު ބޮޑު ތަނުން އިތުރުވެފައި ވާނެކަން ޔަގީނެވެ. ހަމަ އެކަނި ލ. އަތޮޅު ގަމުގެ ތިއޮށް ތުނޑީ އަވަށުގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ވެސް ދެ ހެލިކޮޕްޓަރުގެ ކޯޓާއަށް ވުރެ އިތުރެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ސާފު ކުރަން ޑިފެންސް މިނިސްޓްރީގައި ތަކުރާރުކޮށް މީހުން އެދެ އެވެ. އެކަމަކު ޖަވާބެއް ނުދެ އެވެ. އޭގެ ބަދަލުގައި ސިފައިންގެ ލަފާދޭ މަޖިލީހުން ބުނާ ގޮތުގައި އެއީ ގައުމީ ސަލާމަތާއި ގުޅޭ މައުލޫމާތެކެވެ. އެ މައުލޫމާތު ހާމަ ނުކުރެވޭނެ އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ހޯދަން ނޫސްވެރިއަކު ވަނީ އިންފޮމޭޝަން ކޮމިޝަަނަރު އޮފީހަށް މައްސަލަ ހުށައަޅާފަ އެވެ. އެކަމާއި ގުޅިގެން އާންމުކޮށް ހުޅުވާލައިގެން އަޑުއެހުމެއް ވެސް ބޭއްވި އެވެ. އެ އަޑުއެހުމުގައި ޑިފެންސް މިނިސްޓްރީން އެ މިނިސްޓްރީގެ ސްޓޭންޑް ދިފާއު ކުރީ އިންޑިއާ ކޮޅަށް ބުރަވެ އެވެ. އެގޮތުން ސިފައިންގެ ލަފާދޭ މަޖިލީހުން ހުއްދަ ނުދޭ މައުލޫމާތެއް އާންމު ނުކުރެވޭނެ ކަމަށް ބުނި އިރު އެ މައުލޫމާތު ހާމަކުރުމަކީ ރާއްޖެ-އިންޑިއާ ގުޅުން ގޯސްވެދާނެ ކަމެއް ކަަމަށް އިސް ވެ ބުނަނީ ވެސް ދިވެހި ރާއްޖޭގެ ޑިފެންސުންނެވެ.

ޑިފެންސްގެ އެ ޖަވާބާއި ރާގު ހުރި ގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމާއި ތިބި އަދަދުތަކާމެދު އުފެދިފައިވާ ސުވާލުތައް އިތުރު ވެއެވެ. ރާއްޖޭގެ މައްޗަށް އިންޑިއާގެ ނުފޫޒު އޮތް ކަމަށް ދެކެވޭ ވާހަކަތައް ގަބޫލު ކުރާ މީހުންވީ ގިނަ އެވެ.

ޑިފެންސްގެ އެ ނިންމުމާމެދު ވަރަށް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކުރަން ޖެހޭނެ އެވެ. ދިވެހިން ދެކޭ ގޮތުގައި އެ އަދަދު ސިއްރެއް ނުކުރެވޭނެ އެވެ. ސިޔާސީ ބައެއް ބޭފުޅުންނާއި ގާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވެސް އެކަމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރުު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ޖެހޭނެ އެވެ. އަދި ސިފައިން ތިބި ހަގީގީ ސަބަބު ވެސް ރައްޔިތުންނަށް ބުނެދޭން ޖެހޭނެ އެވެ. އދ. ގެ ޗާޓަރާއި ހިލާފަސް އެއްބަސްވުންތައް ސިއްރު ކުރުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫނެވެ.

ހައި ކޯޓްގެ ކުރީގެ އިސް ގާޒީ ޝުޖާއު އުސްމާނު ވެސް އެ މައްސަލާގައި ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ސިއްރު ކުރަން ޖެހޭ ސަބަބެއް ނެތެވެ. އެ މައުލޫމާތު ސިއްރު ކުރާނަމަ އެކަން އެގޮތަށް ކުރަނީ ރާއްޖޭގެ މައްޗަށް އެހެން ފަރާތެއްގެ ނުފޫޒު އޮވެގެނެވެ. އެއީ އިންޑިއާ ނޫން ދެން ކޮން ބައެއް ހެއްޔެވެ؟

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރު ބޭނުން ކުރެވޭނީ ގާނޫނު އަސާސީގެ 115 (ރ) އާ އެއް ގޮތަށް. އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުސޫލަކުން. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަ ކުރަން ވާނެެ. އދ. ގެ ޗާޓަރު 102 އާ ހިލާފަށް އެއްބަސްވުން ސިއްރެއް ނުކުރެވޭނެ
ޑރ. އަހުމަދު އަބްދުﷲ ދީދީ | ކުރީގެ އުއްތަމަ ފަނޑިޔާރު

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އަސްކަރީ ބޭނުމަކަށް އެހެން ގައުމެއްގެ ސިފައިން ބެއިތިއްބޭނީ ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ލިބިގެނެވެ. އެކަން ގާނޫނު އަސާސީން ވަރަށް ސާފެވެ. ނަމަވެސް މަޖިލީހުން މިފަދަ ނިންމުމެއް މިހާތަނަށް ނިންމާފައެއް ނެތެވެ. އަދި މަޖިލީހަށް އެފަދަ ކަމެއްވެސް ހުށައަޅާފައެއް ނެތެވެ. އެހެން ކަމުން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިންނަށް އަސްކަރީ ބޭނުމަކަށް ނުތިބެވޭނެ އެވެ. އަދި ބައިތިއްބައިގެން ވެސް ނުވާނެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ "ޑިޕްލޮއިމަންޓް" އެއްގެ ގޮތުގައި ކަމަށް އިންޑިއާއަކުން ވެސް މިހާތަނަކަށް ނުބުނެ އެވެ. އަދި އިންޑިއާ މައްސަލާގައި "އަނގަލައްޕައިގެން" އޮތް ދިވެހި ސަރުކާރަކުން ވެސް ނުބުނެ އެވެ. ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ ތިބުމަކީ "ޑިޕްލޮއިމަންޓެ"އް ކަމަށް ސިޔާސީ ބޭފުޅުން ކިޔައި ނުދިނަސް އާންމު ރައްޔިތުން އެގޮތަށް ގަބޫލުކުރާނެ ސަބަބުތައް އެބަހުއްޓެވެ.

އިންޑިއާއިން ހަދިޔާކުރި ލައިޓް ކޮމްބެޓް ހެލިކޮޕްޓަރު ދުއްވަން އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ރައްޔިތުން ކަންބޮޑުވާ ކޮންމެ ފަހަރަކު ސަރުކާރުން ދޭ، ދިވެހިން ހީނގެންފައި ރުޅި އަންނަ ޖަވާބެއް އޮވެ އެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ހެލްކޮޕްޓަރު ދުއްވާނެ ދިވެހި ސިފައިން އަދި ތަމްރީން ވެފައި ނުވާތީ އެވެ. ދިވެހި ސިފައިން ތަމްރީން ވަންދެން އިންޑިއާ ސިފައިން ތިބެން ޖެހެ އެވެ. ދެ ހެލްކޮޕްޓަރުން އެތައް ދިވެހިންނެއްގެ ފުރާނަ ސަލާމަތްކޮށްދީފި އެވެ. އަވަސް ފަރުވާ ބޭނުންވާ އެތަށް ބަޔަކަށް އެ މަގު ތަނަވަސްކޮށްދީފި އެވެ. އަދި ދެ ހެލްކޮޕްޓަރުގެ ހަރަދު ބެލެހެއްޓުމަކީ ދިވެހި ދައުލަތަށް އުފުލޭނެ ވަރުގެ މާލީ ބުރައެއް ވެސް ނޫނެވެ. މިއީ ސަރުކާރުގެ ކަމާގުޅޭ އެކި ބޭފުޅުން މިހާތަނަށް ދައްކާފައިވާ ވާހަކަތަކެވެ.

ދިވެހި ސަރުކާރުތައް ގަބޫލު ކުރަނީ ދިވެހިން މީއީ މޮޔައިން ކަމަށް ހެއްޔެވެ؟

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ ދިވެހިންގެ ސަލާމަތާއި އެ މީހުންނަށް ސިއްހީ އަވަސް ފަރުވާ ލިބޭނެ މަގު ތަނަވަސްކޮށްދޭން ކަމަށްވާނަމަ އެ ތިބޭ ސިފައިންގެ އަދަދު ސިއްރު ކުރަންވީ ސަބަބަކީ ކޮބައި ހެއްޔެވެ؟ މިހާރުވެސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެކި ބޭނުންތަކަށް އެހެން ގައުމުތަކުގެ ސިފައިން ތިބެއެވެ. ނަަމަވެސް ސިފައިންގެ އަދަދަކީ ސިއްރު އަދަދެއް ނޫނެވެ. އެހެން ކަމަށްވީއިރު "ހިއުމެނިޓީ" އަށް ތިބޭ ސިފައިންގެ އަދަދު ސިއްރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެފަދަ މަގުސަދެއްގައި ތިބޭ ބަޔަކު ނަމަ އެ ނަންބަރު ސިއްރެއް ނުކުރާނެ އެވެ. އަދި އެވާކަ ދިވެހިންގެ ތެރެއިން ބަޔަކު ދައްކާލާފައި "އިންޑިއާ އައުޓޭ" ބުނެލާއިރަށް އެއޮށް ބޮޑު އިންޑިއާ ތެޅިފޮޅިގަތީ ކީއްވެގެން ހެއްޔެވެ؟ ދިވެހި ދިފާއުގެ ވެރިން ރޫރޫލައިގެންފައި "އިންޑިއާ ހިތްހަމަ ނުޖެހިދާނެއޭ" ބުނަނީ ކީއްވެގެން ހެއްޔެވެ؟

ބޭރަށް ނެރެފައި އޮންނަނީ ސިފައިން ތަމްރީން ނުކުރެވި އޮތް ވާހަކައެވެ؛ ހެލްކޮޕްޓަރެއް ދުއްވާލަން އިނގޭ ދިވެއްސެއް ނެތީ އެވެ. ތާކުންތާކުނުޖެހޭ ބޭކާރު ވާހަކައެކެވެ. ރާއްޖޭގައި ފެންވަރު ރަނގަޅު ޕައިލެޓުން އެބަތިއްބެވެ. ދުނިޔޭގައި އުފައްދާފައިވާ އެންމެ ބޮޑެތި މަތިންދާބޯޓް ފަހަރު ދުއްވާ ދިވެހިން އެބަތިއްބެވެ. އަދި ރާއްޖެއަކީ ކުރިން ހެލްކޮޕްޓަރު ގެންގުޅުނު ގައުމެކެވެ. އަސްކަރިއްޔާގައި އެފަދަ ގާބިލް ބަޔަކު ނުތިބެ ނުދާނެ އެވެ. އަމުދުން ނުވަ އަހަރުގެ ތެރޭގައި ހެލްކޮޕްޓަރެއް ދުއްވާނެ ދިވެއްސެއް ތަމްރީން ނުކުރެވި ހުންނާނެ ހެއްޔެވެ؟ ދިވެހި އަސްކަރިއްޔާއަކީ އެހާ ނާގާބިލު ތަނެއް ހެއްޔެވެ؟ ހަމަ ނުޖެހޭ ވާހަކަ މޮޔައިން ދައްކަ އެވެ. އެކަމަކު މިއީ ބޮޑު ވަރެކެވެ.

އިންޑިއާގެ "ތަޅުވާތަޅުވާ" ލައިޓް ކޮމްޕެޓް ހެލްކޮޕްޓަރު އޮތުމުން ދިވެހިންގެ އެތައް ބަޔަކު ސިއްހީ ހިދުމަތަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ފަސޭހަވެއެވެ. ދާދި ފަހުން އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ޑޯނިޔާއަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާގެ އެހީތެރިކަމަށް އެދިގެން ހަދިޔާކުރި އެއްޗެކެވެ.

އިންޑިއާ މައްސަލާގައި ފާޑުކިޔުން އަމާޒުވުމުން މި ސަރުކާރުން އެންމެ ބާރަށް ދެއްކީ އެއީ އެ ސަރުކާރުގެ ކަމެކޭ އެވެ. ހަގީގަތަކީ އެ ސަރުކާރުން ޑޯނިއާއަކަށް އެދުނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލްކޮޕްޓަރު ގެންގޮސްފައި އޭގެ ބަދަލުގަ އެވެ. އެއީ އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކޮށް ދިވެހި ސިފައިން ޑޯނިޔާ އޮޕަރޭޓް ކުރުމުގެ ބޭނުމުގަ އެވެ. ރާއްގައި މުޅީންހެން ތިބީ ޑޯނިއާ އޮޕަރޭޓް ކުރަން ދަންނަ ޕައިލެޓުންނެވެ. އެވެސް މަދަކު ބައިވަރެކެވެ. -- ނަމަވެސް ކަން ނިމިގެން ދިޔައީ އެހެނެއް ނޫނެވެ. ޑޯނިޔާ "ހަދިޔާ" ކުރީ ދެ ހެލްކޮޕްޓަރު ވެސް މި ރާއްޖޭގައި ބޭއްވުމާއެކު އެ ދެ ހެލްކޮޕްޓަރު އޮޕަރޭޓް ކުރަން އިންޑިއާ ސިފައިން ތިބުމަށް ޝަރުތުކުރުމަށް ފަހު އިތުރަށް ސިފައިން ގެނެސް ހަނީމާދޫ އާއި އައްޑުއަށް އޮއްސާލައިގެނެވެ. ހަގީގަތަކީ މިއީ އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ މައްސަލާގައި އެންމެ ބޮޑަށް ފާޑުވިދާޅުވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އިންޑިއާ ސިފައިންގެ އަދަދު ސިއްރެއް ނުކުރެވޭނެ އެވެ. އަދި އެ މައުލޫމާތު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާނަމަ އިންފޮމޭޝަން ކޮމިޝަނަރަށް ލިބި ވަޑައިގަންނަވާ ބާރުގެ ބޭނުން ކުރައްވައި އެ މައުލޫމާތު ދިވެހި ރައްޔިތުންނަށް ހާމަކޮށްދޭން ކޮމިޝަނާ ހުސައިން ފިޔާޒު މޫސާއަށް ޖެހި ވަޑައިގަންނަވާނެ އެވެ. އެ މައުލޫމާތު ހާމަ ނުކުރެވޭނަމަ ކޮމިޝަނާ ފިޔާޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ އެވެ.

އުމަރު ވިދާޅުވާ ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ނޮވެންބަރު 3 ގެ ހަމަލައިގެ ފަހުން ރާއްޖެއާ ކުރިމަތިވި ގައުމީ ސަލާމަތާއި ގުޅުންހުރި އެންމެ ބޮޑު ނުރައްކަލެވެ. ނޫނީ ނޮވެންބަރު ތިނެއްގެ ހާދިސާއަށްވުރެ ވެސް މިހާރުގެ ހާލަތު ނުރައްކަލެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ރައްޔިތުންނަށް މި މައުލޫމާތު ހާމަކޮށްދެވޭނެ ބޭފުޅަކަށް މި ހުރީ ކޮމިޝަނަރު ފިޔާޒް. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކޮށް ދެއްވުމަކީ ކޮމިޝަނަރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އަދި އެކަން ނުކުރެވޭނަމަ ފިޔާޒް އިސްތިއުފާ ވެސް ދެއްވަން ޖެހޭނެ. މި މައްސަލަ ކޯޓާ ހަމަައަށް ގެންގޮސްގެން ވެސް އިންޑިއާ ސިފައިންގެ ނަންބަރު ހޯދުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އެބައޮތް. އެ ބާރުގެ ބޭނުން ހިއްޕަވަން ފިޔާޒު ޖެހިވަޑައިގަންނަވާނެ،"

އޭނަ ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަނީ އިންޑިއާގެ ޕްރެޝަރާ ހެދި އެވެ. އަދި މި ކަމުން ވެސް އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބާ ތިއްބުމަކީ އެ ގައުމުން އެހެން ބޭނުމެއްގައި ކުރާ ކަމެއްކަން ޔަގީން ކުރެވެއެވެ. ހޫނުފެނަށް ވެއްޓެނީ ދިވެހި ސަރުކާރެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިވަގުތު ރައްޔިތުންނަށް މި މައުލޫމާތު ހާމަކޮށްދެވޭނެ ބޭފުޅަކަށް މި ހުރީ ކޮމިޝަނަރު ފިޔާޒް. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ އަދަދު ހާމަކޮށް ދެއްވުމަކީ ކޮމިޝަނަރު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް. އަދި އެކަން ނުކުރެވޭނަމަ ފިޔާޒް އިސްތިއުފާ ވެސް ދެއްވަން ޖެހޭނެ. މި މައްސަލަ ކޯޓާ ހަމަައަށް ގެންގޮސްގެން ވެސް އިންޑިއާ ސިފައިންގެ ނަންބަރު ހޯދުމުގެ ބާރު އިންފޮމޭޝަން ކޮމިޝަނަރަށް އެބައޮތް. އެ ބާރުގެ ބޭނުން ހިއްޕަވަން ފިޔާޒު ޖެހިވަޑައިގަންނަވާނެ،
އުމަަރު ނަސީރު | ކުރީގެ ހޯމް މިނިސްޓަރު

ސިފައިންގޭގައި ވަރަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅަކު އަވަސްއަށް ވިދާޅުވި ގޮތުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމުގެ އިހުތިޔާރު ސަރުކާރަށް ނެތުމަކީ ވަރަށް ބޮޑު ނުރައްކަލެކެވެ. އަދި ދިވެހި ސަރުކާރުގެ ތެރޭގައި އިންޑިއާ ގަދަކޮށްފައިވާ މިންވަރު އެކަމުން ހާމަވެ އެވެ.

"އަޅުގަނޑުމެންނަށް ލިބިފައިވާ މައުުލޫމާތަށް ބަލާއިރު އިންޑިއާ ސަރުކާރުގެ ބޭނުމަކީ ރާއްޖޭގައި 5،000 ސިފައިން ތިބުން. އެ ޕްލޭންތައް ކުރަމުން އެ ގެންދަނީ. އަދި އެ މައުލޫމާތު ވެސް ހާމަވާނެ ދުވަހެއް އަންނާނެ،"

ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ސިއްރު ކުރުމަކީ ބިރުވެރި ކަމެކެވެ. އެއިން އެނގިގެން ދަނީ ގައުމު އަޅުވެތިވެފައިވާ މިންވަރެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމުން ދޭހަކޮށްދެނީ ދިވެހި ރާއްޖޭގެ ވެރިކަމުގައި ތިބި ބައެއްގެ ނުކުޅެދުންތެރިކަން. އަދި ގައުމު އަޅުވެތިވެފައިވާ މިންވަރު. މިއީ ބިރުވެރި ކަމެއް. އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ޖެހޭ
އަހުމަދު ޝިޔާމް | ނައިފަރު ދާއިރާގެ މެންބަރު

ކުރީ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ތިބޭނަމަ އެ މައުލޫމާތު ސިއްރު ކޮށްގެނެއް ނުވާނެ އެވެ. ރާއްޖޭގައި ފުލުހުންނާއި ސިފައިން ތިބި އަދަދު ވެސް ރައްޔިތުންނަށް އެނގޭއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސިއްރު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

"މި ގައުމުގެ ސަލާމަތީ ބާރުތަކުގައި ތިބި އަދަދުވެސް ދިވެހިރައްޔިތުންނަށް އެބަ އެނގޭ. ދެން ކީއްވެބާ އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ތިބި ބޭރު ސިފައިންގެ އަދަދު ނޭގެންވީ. ގިނަ އަދަދެއްގެ ބޭރު ސިފައިން ތިބި ނަމަ ތިބި ސަބަބުވެސް ރައްޔިތުންނަށް އޮލުންފިލުވައިދޭން ޖެހޭނެ،" ނަވާޒް ވިދާޅުވިއެވެ.

އިންޑިއާ ސިފައިންްގެ މައްސަލާގައި ސަރުކާރުން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެ އެވެ. ޑިފެންސް މިނިސްޓްރީން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެ ވާހަކައެއް ނުދެއްކެވިއެވެ. ފޮރިން މިނިސްޓްރީން އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އެ ވާހަކައެއް ނުދެެއްކެވިއެވެ. ސަރުކާރުގެ އިސްވެރިއަކު ވެސް އެ ވާހަކައެއް ނުދެއްކެވި އެވެ. މުޅީން ކުރައްވަނީ އިންޑިއާ އަށް ތައުރީފެވެ.

މި މައްސަލާގައި އަމާޒުކުރެވުނު ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަވާބު ދެއްވަ އެވެ. އަބަދުވެސް އިންޑިއާގެ ދިފާއުގައި ވާހަކަފުޅު ދައްކަވާ ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ވެސް އެ ގައުމުގެ ނޫން އެހެން ގައުމުތަކުގެ ސިފައިން ތިބެ އެވެ. ޖަރުމަނާއި ޖަޕާނުގައި ވެސް އެހެން ގައުމުތަކުގެ ސިފައިން ތިއްބެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ދިވެހި ރައްޔިތުން ސާފު ކުރަން ބޭނުންވި ނަމަވެސް އެ ގައުމެއްގައި ތިބޭ އެހެން ގައުމުތަކުގެ އެންމެންގެ އަަދަދެއް ނޭންގޭނެ އެވެ.

ނަޝީދު އެ ވިދާޅުވި ގޮތަށް ޖަރުމަނާއި ޖަޕާން ފަދަ ގައުމުތަކުގައި އެހެން ގައުމުތަކުގެ އަސްކަރިއްޔާއިން ތިބެނީ އެ ގައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. އެއީ ހިނގާދިޔަ ހަނގުރާމައަކުން އެ ގައުމަށް އެހެން ގައުމުތަކުން ވެދިން އެހީތެރިކަމެއްގެ ސަބަބުން ވެވުނު އެއްބަސްވުމެއް ނުވަތަ އެ ނޫން ކޮންމެވެސް ސަބަބަކާއި ގުޅިގެން ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ އެ ގޮތަކަށް ނޫނެވެ. އެހެން ކަމުން މިއީ އޮޅުވާލުމުގެ ގޮތުން އެމަނިކުފާނު ދެއްކެވި ވާހަކަތަކެކެވެ. ސީދާ ބުހުތާން ދޮގެކެވެ.

ދިވެހިރާއްޖޭގައި އިންޑިއާ އައުޓްވެފައި އަނެއް މީހުން އައުޓްވެފައި އަނެއް ގައުމު އައުޓްވީމާ ދިވެހިން ބައިނަލްއަގްވާމީ އާއިލާއިން ބާކީ ވެގެން ދަނީ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރަން ސަރުކާރުން ފަސް ޖެހުމަކީ ކަންބޮޑުވުމެކެވެ. އަދި އެއީ ބިރުވެރި ކަމެއް ވެސް މެއެވެ. އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ސަރުކާރަށް ވިސްނުނު ނަމަވެސް ގައުމީ ސަލާމަތަށް އޮތް ނުރައްކަލަކީ އެ އަަދަދު ސިއްރު ކުރުމެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަކީ ދިވެހި ސަރުކާރުން ކުރަން ޖެހޭނެ ކަމެކެވެ. އަދި އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ހަގީގީ އަދަދު ވެސް ހާމަކޮށްދޭން ޖެހޭނެ އެވެ. ދިވެހިންގެ ތެރެއިން ބައެއްގެ ހިތުގައި އިންޑިއާއާ މެދު އޮތް ނުތަނަވަސްކަން ފިލުވާލެވޭނެ ގޮތަކީވެސް އެއީ އެވެ. ސުވާލަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަނުކޮށް ކިހާ ދުވަހަކު ސަރުކާރަށް ތިބެވޭނެ ތޯ އެވެ. ގައިމު ކޮންމެވެސް ދުވަހަކުން އިންޑިއާގެ އަދަދު "އައުޓް" ވާނެ އެވެ