އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެކަމަށް ބޭނުންކުރާ ޖައްރާފު އައްޑޫގައި ބަނދަރުކޮށްފި އެވެ.
ހިތަދޫ ސަރަހައްދުން ބިން ހިއްކުމަށް ހަމަޖެހިފައިވާ ދެވަނަ ޒޯންގައި ޖައްރާފު -- އެޗްއޭއެމް 318 ހޮޕަރ މަސައްކަތް ކުރަން ހަމަޖެހިފައިވާ ގޮތުގެ ޓްރެއިލް ޑްރެޖިން މިއަދު ޖެއްސުމަށްވެސް ހަމަޖައްސާފައިވެ އެވެ.
ސަރުކާރުން ޕްލޭންކޮށްފައިވަނީ މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގެ ކުރީކޮޅު ބިން ހިއްކުމުގެ މަސައްކަތް ފެށުމަށެވެ.
ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް ވަކިކޮށް ބިން ހިއްކުމަށް ބޭނުންވާ ހޮޅިތައް ވެސް މިހާރު ވަނީ އަޅާފަ އެވެ.
އައްޑޫ ބިން ހިއްކުމަށް ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ މާޗް 27 ވަނަ ދުވަހު އެވެ.
އައްޑޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި އައްޑޫ އަށް ގެންދިޔައީ މިއަހަރުގެ ޖެނުއަރީ ތެރޭގަ އެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:
- ހިތަދޫން 90 ހެކްޓަރުގެ ބިން
- ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
- ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
- މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
- ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.
ވެން އޫޑް އަށް މަސައްކަތް ހަވާލުކުރީ މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް އައްޑޫގެ ބިން ހިއްކައިފިނަމަ ކުރިއަށް އޮތް 50 އަހަރަށް އައްޑޫ އަށް ބިމުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިގްތިސޯދީ މަސައްކަތް ކުރުމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހަމަޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.