އީޕީއޭ

އީއައިއޭއާ ހިލާފުވުމުން ޖޫރިމަނާކުރީ ބަނދަރު ހުޅުވިތާ އެތައް މަހެއް ފަހުން

Oct 17, 2022

ސ. މަރަދޫފޭދޫ ބަނދަރު ހެދުމުގެ މަޝްރޫއު ހުއްދަ ދިން ގޮތާ ހިލާފަށް ކުރިއަށް ގެންދިއުމާ ގުޅިގެން ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޕްލޭނިން މިނިސްޓްރީއާ ދެކޮޅަށް ފިޔަވަޅު އެޅީ ތިމާވެއްޓަށް ކުރާ އަސަރު ދެނެގަތުމަށް ތައްޔާރުކުރާ އީއައިއޭ ރިޕޯޓާ ހިލާފަށް މަރަދޫފޭދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކޮށްފައިވާތީ އެެވެ.

ޕްލޭނިން މިނިސްޓްރީ ޖޫރިމަނާކުރީ 120،000 ރުފިޔާ އިންނެވެ. މިފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަންވެސް އަންގާފައިވެ އެެވެ. އަދި މަރަދުފޭދޫގައި ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުން ލިބިފައިވާ ގެންލުންތައް ވަޒަންކުރުމަށްފަހު 60 ދުވަހުގެ ތެރޭގައި ކަމާގުޅޭ އެންވަޔަރަންމަންޓަލް އޮޑިޓް ރިޕޯޓެއް އީޕީއޭ އަށް ހުށަހެޅުމަށްވެސް އަންގާފައިވެ އެެވެ.

އީއައިއޭ ހިލާފަށް ޕްލޭނިން މިނިސްޓްރީ މީގެކުރިން ވެސް ދެ ފަހަރަށް މަސައްކަތް ކޮށްފައިވާތީ އޭރުވެސް ފިޔަވަޅު އަޅާފައިވެ އެވެ.

މަރަދޫފޭދޫ ބަނދަރުގެ މަސައްކަތް އީއައިއޭ ހިލާފަށް ކުރުމާ ގުޅިގެން ޖޫރިމަނާކޮށްފައި މިވަނީ އެ ބަނދަރުގެ މަސައްކަތް ނިންމާ މިދިޔަ މާޗް މަހުގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ބަނދަރު ރަސްމީކޮށް ހުޅުއްވާ ދެއްވި ފަހުންނެވެ.

މަރަދޫފޭދޫ ބަނދަރު ހެދީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.