އީޕީއޭ

އީޕީއޭއިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަނުން ޖޫރިމަނާ ކޮށްފި

އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާގުޅޭ ގޮތުން ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ.

ބެލިބެލުމުގައި ގަވާއިދާ ހިލާފަށް އައްޑޫ ރުއްޖެހެރެ ސަރަހައްދުގެ 17،818 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާކަމާއި އެ ސަރަހައްދުން 1،712 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ފާހަގަ ކުރެވުނު ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ޖުމްލަ 30,897,955 ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ވަނީ ޖޫރިމަނާކޮށްފަ އެވެ.

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އީޕީއޭއަށް ދެއްކުމަށް ވެސް އެ އޭޖެންސީއިން ވަނީ އައްޑޫސިޓީ ކައުންސިލަށް އަންގާފަ އެވެ.