އައްޑޫ ސިޓީ

އާދީއްތާގައި އައްޑޫގައި ކާޅު މަރަން ފަށަނީ

ސ. އަތޮޅުގައި އުޅޭ ކާޅުބައިގެ މައްސަލަ ހައްލު ކުރުމަށް އަންނަ އާދީއްތަ ދުވަހު އެ އަތޮޅުގައި ކާޅު މަރަން ފަށަން ނިންމައިފި އެވެ.

އެ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން ރަށްރަށުގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް ބުނެ ސިޓީގެ ވަރަށް ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ. އަދި އެ ކަންބޮޑުވުން ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލު ކަމަަށްވެސް ވަނީ ގެންގޮސްފަ އެވެ. ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ އެ އަތޮޅުގެ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ މީދޫގައި ކާޅު މެރުމުގެ މަސައްކަތް ހޮނިހިރު ނޫނީ އާދީއްތާގައި ފަށާނެ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވާ ކަމަށެވެ. ރޮޒައިނާ ވިދާޅުވީ އައްޑޫ ރައްޔިތުން އެދެނީ ވީހާވެސް އަވަހަށް ކާޅުތަކުގެ ކިބައިން ދޮންދީނިތައް ސަލާމަތްވުން ކަމަށެވެ.

އައްޑޫ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އޮތުމުން އެ ސިޓީގައި އުޅޭ ކާޅު މެރުމުގެ ހުއްދަ އެންވެރޮމެންޓް މިނިސްޓްރީން ވަނީ ދީފައެވެ. އެންވެރޮމެންޓް މިނިސްޓްރީން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި އައްޑޫގައި ކާޅު ނޫޅޭތީ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅިދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލަށް ފެންނަ ފިޔަވަޅެއް އެޅުމަށް ލަފާދީފައިވެއެވެ. ދޮންދީނި ހިމާޔަތް ކުރުމަށް އެ މިނިސްޓްރީގެ އެހީތެރިކަން އޮންނާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ކާޅުތަކާމެދު އަމަލު ކުރަން ނިންމާފައިވާ ގޮތެއް އީޕީއޭއާ ހިއްސާ ކުރުމަށް އެދިފައިވެއެވެ.

ޓްރޮޕިކަލް ކަނޑުގެ ސަރަހައްދުތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި އުޅޭ "ވައިޓް ޓާން" އަކީ ދިވެހިން ކިޔާ "ދޮންދީނި" އެވެ. އެއީ ހުދު ކުލައިގެ ކުޑަކުޑަ ރީތި ދޫންޏެކެވެ. ރާއްޖޭގައި މި ދޮންދީނި އާލާވެ ދިރިއުޅެނީ ހަމައެކަނި އައްޑު އަތޮޅުގަ އެވެ. އެކަމަކު ހުވަދު އަތޮޅު ހައޮޑިގަލާގައި ވެސް ދޮންދީނި އުޅެ އެވެ. މަސް ކައި އުޅޭ މި ދޫނީގެ ތުންގަނޑުގައި ހުންނަނީ ކަޅު ކުލައެވެ. ދޮންދީނި ނިދާ ދިރިއުޅެ ހަދަނީ ގަސް ގަހުގެ އޮފީގަ އެވެ. އަދި މިއީ އުމުރު ދިގު ދޫންޏެކެވެ. ގާތްގަނޑަކަށް 18 އަހަރު ދިރިއުޅޭކަމަށް ވެއެވެ. ރާއްޖޭގައި ދޮންދީނި ވަނީ ހިމާޔަތް ކޮށްފަ އެވެ.

ދޮންދީނި އަކީ އައްޑޫގެ ވަރަށް ބޮޑު ފަހުރެކެވެ. ހުދު ކުލައިގެ މި ރީތި ދޫނި އުޅެނީ އައްޑޫ ސިޓީގެ ރަށްތަކާއި ހުވަދޫގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައި އެކަންޏެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ކާޅުގެ އުނދަގޫ ބޮޑުވުމުން އެ ތަކެތި ސަރުކާރުގެ ފަރާތުން މަރާފައިވެސް ވެއެވެ. ނަމަވެސް އެއީ އެކޯސިސްޓަމްއަށް ބަދަލު އަންނަ ކަމަށް ތަޖުރިބާކާރުން ވިދާޅު ވެއެވެ. ކުރިން ރާއްޖޭގައި ބަޑި ޖަހައިގެން ކާޅު މަރަމުން ދަނިކޮށް އެކަން ހުއްޓާލީ ވެއްޓަށް ގެއްލުން ލިބޭތީ އެގްރިކަލްޗަރާއި ތިމާވެށި މިނިސްޓްރީން އެކަން އެގޮތަށް ނުރަން އެދިގެނެވެ. ރާއްޖޭގައި އަޅުން ކާޅަށް ބަޑިޖަހަން މި ފަށީނީ ގާތްގަނޑަކަށް 30 އަހަރު ފަހުންނެވެ.