އައްޑޫ ސިޓީގައި މިރޭ ހަވާ އެރުވުމަށް ނިންމައިފި އެވެ.
ހަވާ އެރުވުމަށް ނިންމާފައިވަނީ މިރޭ އައްޑޫ ސިޓީ ސްކުއާގަ އެވެ.
އައްޑޫގައި މިރޭ ހަވާ އަރުވަނީ އެ ސިޓީއަށް އަންނަ ތަރައްގީ ފާހަގަކޮށް އުފާފާޅުކުރުމުގެ ގޮތުންނެވެ.
އައްޑޫގައި މިރޭ ހަވާ އަރުވާއިރު އައްޑޫ ރައްޔިތުންގެ އުއްމީދާ ގުޅިފައިވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ރަސްމީކޮށް ފައްޓަވައި ދެއްވާފަ އެވެ.
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކާ އަދި 11 ކިލޯމީޓަރު ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމަށް ހަމަޖެހިފައިވެ އެވެ.
އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް
- ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
- ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
- ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
- މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
- މަރަދޫ / މަރަދޫފޭދޫ ފަޅުތެރޭގައި ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ދެ ރަށް އަދި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
- ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.
ރައީސް ސޯލިހް އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.