ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގަން އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ފަށައިފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އައްޑޫ ސިޓީ ގަމުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.

ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ހަވާޅުކުރީ މާޗް ފަސްވަނަ ދުވަހު އެވެ.

ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.

ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުމެވެ. މަޝްރޫއު ނިމޭއިރު ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރެވިފައި ހުންނާނެ އެވެ. ނެރޯ އަދި ވައިޑް ބޮޑީ އާއި ޕްރޮޕެލާ އެއާކްރާފްޓް އެއްފަހަރާ އޮޕަރޭޓް ކުރެވޭނެ ގޮތަށް އެއާޕޯޓް ތަަރައްގީކުރުމަކީ އޭއައިއޭގެ އަމާޒެކެވެ.

މިމަޝްރޫއުގެ ދަށުން ޑިއުޓީ ފުރީ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ލައުންޖް ވަސީލަތްތަކުގެ އިތުރުން އާ ކޮންޓްރޯލް ޓަވަރަކާއި ފަޔާ ސްޓޭޝަނެއްވެސް ގާއިމުކުރެވިގެންދާނެ އެވެ. އަދި އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާއެކު ޒަމާނީ ކާގޯ ވަސީލަތްތައް ތަރައްގީ ކުރެވިގެން ދިޔުމުގެ އިތުރުން އެއާޕޯޓުގެ މަގުތައް ތަރައްގީ ކުރެވި ޕާކިން ސަރަހައްދެއްވެސް ތަރައްގީ ކުރެވިގެންދާނެ އެވެ.