އައްޑޫ ސިޓީ ގަމުގައި ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް ހުރި ބިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ދީފި އެވެ. އެ ނިންމުން މިއަދު ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވަނީ އިއުލާނު ކުރައްވާފަ އެވެ.
އައްޑޫ ސިޓީގެ ރައްޔިތުންގެ މާހެފުމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ދޫގަސް އިމާރާތް ހުރި ބިން އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. އޭއައިއޭ ކުންފުނިން އެތަނުގައި 120 އެނދުގެ ހޮޓަލެއް ތަރައްގީ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އަންނަ އަހަރުގެ މެއި/ޖޫންގައި އެ ހޮޓާ ހިދުމަތަށް ނެރެވޭ ވަރުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށެވެ.
"ފުރިހަމަ ހޮޓަލަކަށް ވެގެންދާނެ. އެތަން ބިނާކުރަނީ އެތަނުގައި ކޮންވެންޝަންތައް ބޭއްވޭ ގޮތަށް އަދި ބޭނުންވާ އިތުރު ވަސީލަތްތަކާއެކު،"
އޭއައިއޭ އިން ތަރައްގީ ކުރާ ސިޓީ ހޮޓަލާއެކު އައްޑޫގެ ޒުވާނުންނަށް އިތުރު ވަޒީފާތައް ލިބުމުގެ ފުރުސަތު ތަނަވަސްވެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އައްޑޫ ސިޓީ ގަމުގައި ދޫގަހުގެ ނަމުގައި ހިންގަމުން އައި ގެސްޓް ހައުސް ހުރި ބިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ދީފައިވާއިރު ކުރީ ސަރުކާރުން ވަނީ އެތަން އެމްޕީއެލްއަށް ހަވާލުކޮށް 120 އެނދުގެ ހޮޓަލެއް ތަރައްގީ ކުރަން މަސައްކަތް ކޮށްފައެވެ.
ރައީސް މިރޭ ވިދާޅުވީ އައްޑޫގެ ތަރައްގީއަށް ޓޫރިޒަމް އިތުރަށް ފުޅާކުރުން ވަރަށް މުހިންމު ކަމަށެވެ. އެ ގޮތުން ހެރެތެރެ އާއި ޝަންގުރިއްލާ އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް ހެރެތެރޭގެ ބައެއް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޝަންގުރިއްލާ ހިދުމަތަށް ގެނައުމަށް ބޮޑު ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.