ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މި ސަރުކާރު ހަވާލުވިއިރު އޮތީ އާ ޓާމިނަލްގެ ބިންގާ އެކަނި: ރައީސް

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ މަޝްރޫއުގެ ތެރެއިން ނިމިފައިވަނީ އާ ޓާމިނަލްގެ ބިންގާ އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އާ ޓާމިނަލުން ނިމިފައިވަނީ ބިންގާގެ މަސައްކަތް އެކަނި ކަމަށާއި ފުރިހަމަ ހިދުމަތެއް ދެވޭނެ ގޮތަށް އެއާޕޯޓުގެ ޑިޒައިނަށް ކޮންމެހެން ގެންނަން ޖެހޭ ބަދަލުތައް މި ސަރުކާރުން ގެނައި ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު މަޝްރޫއަށް ބޭނުންވާ ފައިސާވެސް މި ސަރުކާރުން ހޯދާފައިވާ ކަމަށެވެ.

"މަޝްރޫއު ކުރިއަށް ގެންދަން ހޯދަންޖެހުނު ފައިސާ އަޅުގަނޑުމެން ހޯދިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވީއައިއޭ މަޝްރޫއަށް ގެނެވުނު ބަދަލުތަކާއެކު ނިމެމުންދާ ހިތްގައިމު ޓަމިނަލްގެ ހަގީގީ ސިފަ ފެންނަމުންދާ ކަމަށާއި ޓާމިނަލްގެ ނިމޭއިރު އެ ޓާމިނަލް ވެގެންދާނީ މި ސަރަހައްދުގެ އެންމެ ހިތްގައިމު އެއް ޓާމިނަލަށް ކަމަށެވެ.

ވީއައިއޭ މަޝްރޫއަށް ބޭނުންވާ ފައިސާ މި ސަރުކާރުން ހޯދާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިމަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅުގައި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް ބޭނުންވާ 80 މިލިއަން ޑޮލަރު -- 1.2 ބިލިއަން ރުފިޔާ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ހަމަޖައްސައިދީފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ބުނެފަ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން އެހެން ބުނުމުން މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވީއައިއޭ ތަރައްގީ ކުރުމަށް އިތުރަށް ބޭނުންވި 80 މިލިއަން ޑޮލަރަކީ އޭޑީއެފްޑީ އިން މިސަރުކާރުން ކުރިން ހޯދާފައިވާ ފައިސާ ކަމަށް ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު އެހެން ވިދާޅުވުމުން ޕީއެންސީގެ ޗެއާޕާސަން އަދި ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވަނީ ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އަވަހަށް ނިންމުމަށް ބޭނުންވާ 80 މިލިއަން ޑޮލަރު އޭޑީއެފްޑީ އިން ހޯދީ މި ސަރުކާރުން ނޫން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅުގައި ވަނީ މި ސަރުކާރުން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއަށް އަލިއަޅުއްވާލައްވާފަ އެވެ.

"ހަނިމާދޫގައި އަލަށް އަޅާ ބައިނަލްއަގުވާމީ އެއާޕޯޓުގެ މަސައްކަތް އެދަނީ ބާރަށް ހިނގަމުން. އައްޑޫގެ އިގުތިސާދީ ތަރައްގީގެ މައި ނާރެސް ކަމުގައިވާ ގަން އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ އަމަލީ މަޝްރޫއު އެދަނީ ކުރިއަށް. ހަމައެއާއެކު އައްޑޫގެ މުސްތަގުބަލަށް ބޭނުންވާ ބިން މި ދައުރުގައި އިތުރުކޮށްފިން. އިގުތިސާދީ އިތުރު ފުރުސަތުތައް އައްޑޫއަށް ހޯދައިދިނުމުގެ ގޮތުން ތިން ރަށް އިތުރުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއު

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 2.24 ކިލޯމީޓަރުގެ އާ ރަންވޭއެއް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. ހަނިމާދޫގައި މިހާރު ބޭނުންކުރަނީ 1.8 ކިލޯމީޓަރުގެ ރަންވޭ އެކެވެ. މީގެ އިތުރުން އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލެއް ތަރައްގީ ކުރުމާއި 2،461 މެޓްރިކް ޓަނުގެ ތެޔޮ ރައްކާ ކުރެވޭނެ ފެސިލިޓީއެއް ތަރައްގީކުރުން ހިމެނެ އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީގެ މަޝްރޫއު

ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުމެވެ. މަޝްރޫއު ނިމޭއިރު ޕަސިންޖަރުންނަށް ހިދުމަތް ދިނުމަށް އެއާޕޯޓްގައި 18 ކައުންޓަރު ގާއިމުކުރެވިފައި ހުންނާނެ އެވެ. ނެރޯ އަދި ވައިޑް ބޮޑީ އާއި ޕްރޮޕެލާ އެއާކްރާފްޓް އެއްފަހަރާ އޮޕަރޭޓް ކުރެވޭނެ ގޮތަށް އެއާޕޯޓް ތަަރައްގީކުރުމަކީ އޭއައިއޭގެ އަމާޒެކެވެ.

މަސްވެރިކަމުގެ ސިނާއަތާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ މައުނަވީ ގޮތެއްގައި، ދެމެހެއްޓެނިވި މަސްވެރި ސިނާއަތެއް ކުރިއެރުވުމަށް މީގެކުރިން ދީފަ އޮތް ސަމާލުކަން ކުޑަ ކަމަށެވެ.

"ނަމަވެސް މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މި ސިނާއަތް ކުރިއެރުވުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފިން. ބާނާ މަހަށް އެކުވި-އަގެއް ލިއްބައިދެވޭނެ ވެލިއުއެޑެޑް އުފެއްދުންތަކެއްގެ ގޮތުގައި މަސް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ކަންކަން އެދަނީ ނިމެމުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، މަސްވެރިންނަށް ލިބޭ ނަފާ އިތުރުކުރެވޭނެ ގޮތްތައް ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ކަމަށެވެ.

ރާއްޖެއަށް ގެންނަ އިގުތިސާދީ ބޮޑު ބަދަލު ފުރިހަމަވުމުން 2028 ވަނަ އަހަރާ ހަމައަށްދާއިރު އަންނަ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކުން އިތުރުވާނެ ކަމަށާއި އެއީ ދައުލަތުގެ އާމްދަނީ ދެގުނަ ކުރެވޭނެ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.