ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށްޓަކައި ކުރިއަށް އޮތް ޖޫން މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އައްޑޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރައީސް ސޯލިހް އަންނަ މަހު ކުރީކޮޅު އައްޑޫއަށް ވަޑައިގަތުމަށް ތައްޔާރުވަމުންދާ ކަމަށް ސަރުކާރުގެ ބައެއް އޮފިޝަލުން ޔަގީންކޮށްދެއްވި ނަމަވެސް ސީދާ ތާރީހް ހިއްސާކުރައްވާފައެއް ނުވެ އެވެ.
ރައީސް ސޯލިހް އައްޑޫއަށް ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އައްޑޫގައި ވަނީ ފަށާފަ އެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު މިދިޔަ މާޗް ފަސްވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ ރެނާޓާސް ކުންފުންޏަށެވެ.
އިންޑިއާގެ ޗެންނާއީ އަށް ނިސްބަތްވާ އަދި 1970 ވަނަ އަހަރު އުފެއްދި ކުންފުނި -- ރެނާޓަސް ކުންފުނިން ރާއްޖޭގައި ބައެއް ހައުސިން މަޝްރޫއުތައް ހިންގުމުގެ އިތުރުން މިދިޔަ ސަރުކާރުގައި އައިޖީއެމްއެޗުގެ ބޮޑު މަރާމާތުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފަ އެވެ.
ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.
ޖީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކުރީ މިމަޝްރޫއަށް ޕްރީ ކޮލިފައި ކުރި ހަތް ކުންފުނީގެ ތެރެއިންނެވެ.
ރާއްޖޭގެ އުތުރުގެ މައި އެއާޕޯޓް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ވެސް ފައްޓަވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އިންޑިއާގެ ހާރިޖީ ވަޒީރު އެވެ. މިއަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ފެށި މިމަޝްރޫއު ނިމުމުން ނިމުމުން ބައިނަލްއަގްވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޯއިންގް 737 ސައިޒުގެ ބޯޓުތަކަށް ހިދުމަތް ދެވޭނެ އެވެ.