ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނުހުއްޓޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.
"ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަކީ 136.6 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް. މަޝްރޫއު ހިންގުމަށް އެންމެ ބޮޑު އެއްޗަކީ އެކަމަށް ބޭނުންވާ ފައިސާ. މި މަޝްރޫއުގެ ފައިސާ ހުރީ ހަމަޖެހި ނިމިފަ." ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ފެށީ ހުއްޓި އޮވެ، ފަހަތަށް ގޮސް، ގެއްލި ނުދާ ގޮތަށެވެ.
"ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓްގެ މަސައްކަތް މިއަދު މި ފެށީ އަޅުގަނޑުމެންގެ ގޮތަށް، ހުއްޓި އޮވެ، ފަހަތަށް ގޮސް، ގެއްލި ހުސްނުވާ ގޮތަށް، މި ފެށި ގޮތަށް ފެށީމާ މާތްﷲ ގެ އިރާދަޔާއެކު ދެން މިކަމެއް ނުހުއްޓޭނެ، ފަހަތަކަށްވެސް ނުދާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ އެއާޕޯޓް ނިމުމާއެކު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ސަރަހައްދުގެ އިގުތިސާދު "ފެނުން ތޮޅިލާ އުދަވާން ފަށާނެ" ކަމަށެވެ.
އެގޮތުން އެތައްހާސް ވަޒީފާއެއް އުފެދި ގެސްޓްހައުސްތަކާޢި ސިޓީ ހޮޓާތަކުގެ އިތުރުން ރިސޯޓްތަކުގެ އެނދުތައް ބޮޑުތިލަދުންމަތީގައި އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކި ބާވަތްތަކުގެ ވިޔަފާރިތަކާ އިގުތިސާދީ މަސައްކަތްތަކަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއާއެކު ހަނިމާދޫގައި މިހާރު އޮތް 1.8 ކިލޯމީޓަރުގެ ރަންވޭ ބޮޑު ކުރާނެ އެވެ. އެގޮތުން އަލަށް ތަރައްގީކުރާ ރަންވޭގައި 2.24 ކިލޯމީޓަރު ހުންނާނެ އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫ ނިމުމުން އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.