އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ހިމެނޭ ގޮތަށް އިންޑިއާގެ މަތީ ފަންތީގެ ވަފްދެއް ފެށޭ ހަފްތާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ޑރ. ޖައިޝަންކަރު ހާއްސަ ވަފްދަކާ އެކު ރާއްޖެ ވަޑައިގަންނަވަނީ އިންޑިއާގެ އެހީތެރިކަމުގައި ތަރައްގީކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ.
މިރަސްމިއްޔާތު މިމަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަނިމާދޫ އެއާޕޯޓްގަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ކުރިއަށް އޮތް ޖެނުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.