ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި އަދި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމާއި އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ބިމާބެހޭގޮތުން ހަނިމާދޫ ރައްޔިތުންގެ ތެރެއިން ބޭފުޅުންކޮޅަކާ ބައްދަލުކުރައްވައި އެކަމުގައި ރައްޔިތުން އެދޭގޮތް ހޯއްދެވުމުގެ ގޮތުން ކުރެއްވި މަޝްވަރާ ބައްދަލްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ ހަނިމާދޫގައި ހުންނަ ބެއާފޫޓް ހޮޓެލްގައެވެ.
ރައީސް ވިދާޅުވީ ހަނިމާދޫގައި ފެންވަރު ރަނގަޅު އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުމުގެ މުހިންމުކަމައި އޭގެ ސަބަބުން ހަނިމާދޫއާ މުޅި ބޮޑު ތިލަދުންމައްޗަށް ލިބިގެންދާނެ މަންފާ ބޮޑު ކަމަށެވެ. އަދި މި އެއާޕޯޓާ ގުޅިގެން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނިމާދޫ އެއާޕޯޓު އަޅަން ލޯނު ނަގަނީ ސަރުކާރުން ކަމަށާއި ތަނުގެ ހިންގުމާއި މިލްކުވެރިކަންވެސް އޮންނާނީ ސަރުކާރަށް ކަމަށް ވިދާޅުވިއެވެ. އަދި އެތަނުގައި ބޭރު ގައުމެއްގެ ސިފައިންގެ ބަޔަކު ނުތިބޭ ކަމުގައިވެސް ވިދާޅުވިއެވެ.
ރާއްޖޭ މިނިވަންކަމަށް އެއްވެސް ބުރުލެއް އަރާފަދަ ކަމެއް އެމަނިކުފާނުގެ ސަރުކާރުން ނުކުރައްވާނެ ކަމަށާއި އަދި ކުރިޔަށް އަންނަ ސަރުކާރުތަކުންވެސް އެފަދަ ކަމެއް ކުރާނެ ކަމަށް ގަބޫލުނުކުރައްވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މި ބައްދަލުކުރެއްވުމުގެ އެންމެ ބޮޑު ބޭނުމަކީވެސް އެއާޕޯޓު ޕްރޮޖެކްޓާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި ގެންނެވެންހުރި ބަދަލުތަކާމެދު މަޝްވަރާކޮށް ރައްޔިތުނަށް އެންމެ ފައިދާވާނެ ގޮތަކަށް މި މަޝްރޫއުގެ މަސައްކަތްތައް ކުރިޔަށްގެންދެވުން ކަމުގައެވެ.
މި ބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމުފަރާތްތަކުން ވަނީ އެންމެ ކަންބޮޑުވުން އޮތީ އެމްއެންޑީއެފްއަށް ބިން ހާއްސަކުރަން ހުށަހަޅާފައިވާ ސަރަހައްދާއި އެއާޕޯޓް ރަންވޭ އެކްސްޕޭންޝަންއަށް ހާއްސަކުރާ ބިމާމެދު ކަމަށް ވަނީ ބުނެފައެވެ. އެ ބިންތަކަށް ބަދަލުގެންނަން ބޭނުންވާގޮތް ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާ ވަނީ ހިއްސާކޮށް މަޝްވަރާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތަކުން ހުށަހެޅިގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ހާއްސަކޮށް އެމްއެންޑީއެފްއަށް ހާއްސަކުރާ ބިމަކީ މުޅި އެމްއެންޑީއެފްގެ މުޅި ނޮދާން ކޮމާންޑު އެކީގައި ހަނިމާދުއަށް ބަދަލުކުރުމަށްޓަކައި ހާއްސަކުރާ ބިމެއްކަމަށާއި އެއީ މުޅި އުތުރުގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ގެންނަވާ ބަދަލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.