ހަނިމާދޫ

ހަނިމާދޫ ބަންދު، އިންޑިއާ މީހުން ކުޅިވަރުގައި

Jun 15, 2021
4

ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން ހދ. ހަނިމާދޫ މޮނިޓަރިންގައި އޮތްއިރު ހަނިމާދޫގައި ތިބޭ އިންޑިއާ ސިފައިންނާއި އެ މީހުންގެ އާއިލާތައް އެޗްޕީއޭގެ އުސޫލުތަކާއި ހިލާފަށް އަމަލުތައް ބަަހައްޓާތީ އެރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

ހަނިމާދޫން ކޮވިޑް ކޭހެއް ފެނިގެން އެރަށް މޮނިޓަރިނަށް ގެންގޮސްފައިވަނީ މި މަހުގެ ނުވަވަނަ ދުވަހު ހަވީރު 5:21 ގައެވެ.

އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ކޮވިޑްގެ އެ ބަލާއާފާތް އެ ރަށުތެރޭގައި ފެތުރިދާނެ ކަމުގެ ބިރަށް ރަށް މޮނިޓަރިންއަށް ގެންދިއުމުން ރައްޔިތުން ތިބީ އެކަމަށް އެކަމަށް އެއްްބާރުލުން ދިނުމުގެ ގޮތުން ގޭގައި ކަމަށެވެ. ނަމަވެސް އެ ރަށަށް ފައިބައި ތިބި އިންޑިއާ ސިފައިންގެ މައްޗަށް އެ އުސޫލުތައް ނުހިނގާ ކަމަށާއި އެކަމާ ރަށުގެ މީހުން ކަންބޮޑުވާ ކަމަށެވެ.

"މިނިވަންކަމާއެކު އިންޑިއާ ސިފައިންގެ އާއިލާތައް މަގުތައްމަތީ ފިނިބުރު ޖަހަނީ. ހަވީރު ކްރިކެޓް ކުޅެނީ. މިހާރު އެ މީހުންގެ ބާރު ވިސްނާ. އެއާޕޯޓާ ބިންތަކާ ދިނީމަ ދެން އަދި އަޅުވެތިވާނެ މިންވަރު އިހުސާސްކޮށްލާ،" އިއްޔެ ހަވީރު އިންޑިއާ ސިފައިން ކްރިކެޓް ކުޅެން ތިބި މަންޒަރު ފެންނަ ފޮޓޯއަކާއެކު ހަނިމާދޫ މީހަކު ކުރި ފޭސްބުކް ޕޯސްޓެއްގައި ލިޔެފައި ވެއެވެ.

އެހެން މީހަކު ބުނީ ހަނިމާދޫ މޮނިޓަރިންގައި އޮތް މި ހާލަތުގައި އެއްވެސް ބަޔަކު އެހެން އުޅޭނަމަ އެއީ މުޅި އެ ރަށަށް އޮތް ނުރައްކަލެއް ކަމަށެވެ.

"ނަމަވެސް އެކަމަށް މި ރަށުގައި އުޅޭ އިންޑިއާ މީހުން ނުބަލާ! މިގޭ ކުރިމަތީ އުޅޭ އިންޑިއާ މީހުންގެ ދެ އާއިލާއެއްގެ ކުދިން ނުކުމެ ޖޮގިންކޮށް ކުޅެ ހަދާ އެތައް ކަމެއް އެކުރަނީ. އެއްވެސް އުސޫލަކަށް ބެލުމެއް ނެތް. ބައެއް ފަަހަރު ހީވޭ އެ މީހުންގެ ވަރަށް ބޮޑު ބާރެއް އެބައޮތޭ،"

ހަނިމާދޫގައި ކޮންމެ ރެއަކު 9:00 ހެނދުނު 6:00 ދަނީ ކާފިއުވެސް ހިންގަ އެވެ.

ހަނިމާދޫގައި މިހާރު ވެސް އިންޑިއާ ސިފައިންގެ 25 މީހަކު އެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުން އެ ރަށުގައި އުޅެނީ އާއިލާ ވެސް ގޮވައިގެނެވެ. އެ ރަށުގެ 10 ގެއެއް ވަނީ އެ މީހުން އުޅެން ކުއްޔަށް ހިފާފަ އެވެ.

އަދި ކްލައިމެޓް އޮފީހާއި އެ ނޫން ބައެއް އިދާރާތަކުގައި ވެސް އިންޑިއާ މީހުން އުޅެ އެވެ.