އިންޑިއާ

ހަނިމާދޫ އެއާޕޯޓް މަޝްރޫއަށް ޖައިޝަންކަރު ރާއްޖެއަށް

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ޑރ. އެސް ޖައިޝަންކަރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. ޑރ. ޖައިޝަންކަރު އަރިހުގައި އިންޑިއާގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެ ވަޑައިގެންނެވި އެވެ.

ޑރ. ޖައިޝަންކަރު ރާއްޖެ ވަޑައިގެންނެވީ އިންޑިއާގެ އެހީތެރިކަމުގައި ތަރައްގީކުރަން ނިންމާފައިވާ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ. އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޑރ. ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި ކޯލްޑް ސްޓޯރޭޖްއެއް ތަރައްގީ ކުރުމާއި ގއ. ގެމަނަފުށީގައި އައިސް ޕްލާންޓެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި މިރޭ ހދ. ހަނިމާދޫގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ސެޕްޓެމްބަރު 25، 2022ގަ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ޖޭއެމްސީއާ ހަވާލުކުރުމަށް ނިންމާ ދިވެހި ސަރުކާރުން އެ މައުލޫމާތު އެންމެ ފުރަތަމަ ހާމަކުރީ އޮކްޓޫބަރު 10، 2022ގަ އެވެ.

ޖޭއެމްސީ އަކީ މިހާރުވެސް ފްލެޓް އެޅުމާއި ފެނާއި ނަރުދަމާގެ މަޝްރޫތައް ރާއްޖޭގައި ކުރިއަށް ގެންދާ ކުންފުންޏެކެވެ. އިންޑިއާގައި ޖޭއެމްސީ އަކީ އިމާރާތްކުރުމާއި ހަކަތައިގެ ދާއިރާގައި ބިޔަ މަޝްރޫއުތައް ހިންގާ ކުންފުންޏެކެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ޖޭއެމްސީއާ ހަވާލުކުރީ 136.6 މިލިއަން ޑޮލަރު -- 2.1 ބިލިއަން ރުފިޔާ އަށެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިމުމުން އެއާބަސް A320 އާއި ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް އެ އެއާޕޯޓުގައި ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.