އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރު ތައާރަފްކޮށް ފުރަތަމަ ކިޔުން އިއްވުމެވެ.
މި ގަރާރުގައި ވަނީ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން ޕްރައިވެޓައިޒް ކުރުމުގެ އޮޕްޝަންތަކަށް ރިއާޔަތްކޮށް މީގެ ތެރެއިން އެންމެ ފައިދާވާނެ ގޮތަކަށް ޕްރައިވަޓައިޒް ކުރުމަށް ގޮވާލާފަ އެވެ.
ގަރާރުގައި ބުނެފައިވަނީ އައްޑޫ ސަރަހައްދުގައި ޓޫރިޒަމް ތަރައްގީ ކުރުމަށާއި އެ ސަރަހައްދުގައި ބެޑްކެޕޭސިޓީ އިތުރުކުރުމަށާއި އެ ޒޯންގައިވާ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ އައްޑޫ އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ތަރައްގީކޮށް އެއާޕޯޓާއި ސަރަހައްދީ ބަނދަރު އަދި ޓޫރިޒަމާ ކަނެކްޓިވިޓީ އިތުރުކޮށްގެން ކަމަށެވެ.
އައްޑޫ އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ތަރައްގީކުރުމަށް ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށާއި ކޮވިޑް-19ގެ ހާލަތުން އަރައިގަނެ މި ދަނޑިވަޅުގައި ސަރުކާރުން މި ޕްރޮޖެކްޓްތަކަށް ފައިސާ ހޯދުމަށް ދަތިވާނެ ކަމަށް ބެލެވޭ ކަމަށް ގަރާރުގައިވެ އެވެ.
އައްޑޫ އެއާޕޯޓާއި އައްޑޫ ސަރަހައްދީ ބަނދަރު ސްޓްރެޓީޖިކް ޕާޓްނާޝިޕް އަދި ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ޕްރައިވެޓައިޒްކޮށްފި ނަމަ އައްޑޫ ރައްޔިތުން އެދޭ ތަރައްގީ އެ ސަރަހައްދަށް ގެނެވޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެއިތުރުން ސަރުކާރުން އައްޑޫ ސަރަހައްދަށް ގެންނަން ތަސައްވުރުކުރާ ތަރައްގީ ގެނެވި އެއާޕޯޓާއި ސަރަހައްދީ ބަނދަރުން ސަރުކާރަށް ފައިސާ ވަނުން އިތުރުވާނެ ކަމަށް ގަރާރުގައި ވަނީ ބުނެފަ އެވެ.
އައްޑޫ އެއާޕޯޓް ޕްރައިވެޓައިޒް ކުރުމަށް ގޮވާލާ ގަރާރެއް ހުށަހަޅާފައިވާއިރު އެ އެއާޕޯޓް -- ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީއައިއޭ) ތަރައްގީކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓާސް ކުންފުންޏާ ވަނީ ހަވާލުކޮށްފަ އެވެ.
ޖީއައިއޭ ތަރައްގީކުރަން ނިންމާފައިވަނީ އިންޑިއަން އެގްޒިމް ބޭންކުން ދޫކުރާ 800 މިލިއަން ޑޮލަރުގެ ލޯނަކުން ކަމަށްވާތީ މިމަޝްރޫއުގެ ކޮންޓްރެކްޓަރުން ޕްރީކޮލިފައި ކުރީ އިންޑިއާ ސަރުކާރުންނެވެ.
ގަން އެއާޕޯޓް ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އެންމެ މުހިއްމު މަސައްކަތަކީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލެއް ހެދުމެވެ.