އިބްރާހީމް ނާޒިލް

އައްޑޫ ސިޓީ އޮތީ ފަލަސްތީނުގެ ހާލަތަށް ގޮސްފައި: ނާޒިލް

އައްޑޫ ސިޓީ އޮތީ ފަލަސްތީނުގެ ހާލަތަށް ގޮސްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިލް މިހެން ވިދާޅުވީ އައްޑޫއިން ކަރަންޓު ކެނޑޭތީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އޭނާ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ކުއްލި މައްސަލައިގެ ބަހުސްގައި ނާޒިލް ވިދާޅުވީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ގާތްގަނޑަކަށް 30،000 ރައްޔިތުން މިދިޔަ ދެތިން ދުވަސް ހޭދަކުރީ ކަނުއަނދިރީގައި ކަމަށެވެ.

"ރޭގަނޑު ދަންވަރު ހަތަރެއް ޖަހާއިރު ކަރަންޓު އެބަ އާދޭ. 10 ޖަހާއިރު ކަރަންޓު ކެނޑޭ ގޮތަށް ހަތަރެއް ޖަހަންދެން ކަރަންޓު ނެތި ހޭލާ އުޅެން ޖެހެނީ،" ނާޒިލް ވިދާޅުވި އެވެ.

ސްކޫލްތަކަށް ދަރިވަރުން ނުފޮނުވި ސްކޫލްތައް ބަންދުކުރަންޖެހޭ ކަމަށް ނާޒިލް ވިދާޅުވި އެވެ.

ސަޕްލައި ފެން ނުހުންނަ ގެތަކުގައި ކަރަންޓު ދިއުމުން ފެން ވެސް ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އިއްޒަތްތެރި ރައީސް. އެނގިވަޑައިގަންނަވާނެ މި ޒަމާނުގައި ކަރަންޓު ނެތިއްޔާ ފެނެއްވެސް ނުލިބޭނެ. އެންމެ ކުޑަމިނުން ފާހާނާ ފްލަޝްވެސް ކޮށް ނުލެވޭނެ. އެއީ ސަޕްލައިފެން ގުޅާފައި ނެތް ގެއެއް ވެއްޖިއްޔާ އެ ހިސާބުން އެ ނިމުނީ. ކުރާނެ އެއްވެސް ކަމެއް ނެތް. ވުޟޫވެސް ކޮށްނުލެވޭ. ތަޔަމްމަމް ކުރަންޖެހޭ ހާލަތުގައި މި ތިބެނީ. އަޅުގަނޑުމެން ތަންކޮޅެއް ދުރަށް ޖެހިލަންޏާ ފަލަސްތީނާ ހިސާބަށް މި ދިޔައީ. ކަރަންޓެއް ނެތް، ފެނެއް ނެތް، ތަޔަމްމަމް ކުރާ ހިސާބުގައި ތިބެން މި ޖެހެނީ،" ނާޒިލް ވިދާޅުވި އެވެ.

ފެން ވަޅަށް ޕަމްޕް ގުޅާފައިވާއިރު މިހާރު ދާނި ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.