އީޕީއޭ

ލިންކް ރޯޑުގައި ހުރި ރުއްތައް ކެނޑި މައްސަލަ އީޕީއޭ އިން ބަލަނީ

Mar 17, 2022
1
ނުރައްކަލެއް އޮތް ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި ހުރި ގިނަ އަދަދެއްގެ ރުއް ކަނޑާފައި --
0%
0%
0%

ނުރައްކަލެއް އޮތް ކަމަށް ބުނެ އައްޑޫ ލިންކް ރޯޑުގައި ހުރި ގިނަ އަދަދެއްގެ ރުއް ކެނޑި މައްސަލާގައި އަމަލުކޮށްފައިވަނީ ރަނގަޅަށްތޯ ބަލަމުންދާ ކަމަށް އެންވަޔަރުމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

އީޕީއޭ އިން ބުނީ އާންމުންގެ ޝަކުވާތަކާއި ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. ރުއް ކެނޑުމަށް އެ އެޖެންސީން ހުއްދަ ދިން ކަމަށާ ބަލަމުން ދަނީ އަމަލުކޮށްފައިވަނީ އެ އެޖެންސީން ހުއްދަ ދިން އުސޫލާއި އެއްގޮތަށް އަމަލު ކުރިތޯ އެވެ. އަދި އެކަން ކުރި ގޮތް އަންގަން ކައުންސިލްގައި އެދިފައިވާނެ ކަމަށް ބުންޏެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޫލެކެޑެ އަވަށުގެ ކައުންސިލްގެ މެމްބަރު އަހްމަދު ސައީދު ކުރީން ވިދާޅުވީ ރުއް ތަކެއް ނެގީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ހޯދައިގެން ކަމަށެވެ.

އީޕީއޭ އިން އަންގާފައި އޮތީ ރުއްތައް ނަގާނަމަ އެހެން ސަރަހައްދެއްގައި އެ ރުއްތައް ޖެހުމަށް ކަމަށާއި ކައުންސިލުން އެކަން ކުރާނެ ކަމުގައިވެސް އަހްމަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރުއްތަކެއް ނެގީ ވައިގަދަވެ މޫސުން ގޯސް ދުވަސްތަކުގައި އެ ރުއް ތަކުގެ ސަބަބުން އާންމުންނަށް ނުރައްކާވާ ކަމަށް ބުނެ ބައެއް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

"އަޅުގަނޑުމެން އެ ރުއްތައް ހުރި ތަނުގައި އަދި އަލުން ގަސްވެސް ޖަހައި އެ ސަރަހައްދު ވެސް ފެހި ކުރާނަން. އަދި އެ ސަރަހައްދުގައި އިތުރު ލައިޓް ޖަހާ އެ ސަރަހައްދު އަލި ވެސް ކުރާނަން،" އަހްމަދު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ދެލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް އެބައޮތް ކަމަށެވެ. އެ ޕްރޮގްރާމުގެ ދަށުން ވެސް އައްޑޫގައި ގިނަ އަދަދެއްގެ ގަސް އިންދާނެ ކަމުގައި ވިދާޅުވި އެވެ.

ގާތްގަނޑަކަށް 55 ރުއް ނަގާފައިވާއިރު އެ ރުއް ތަކަކީ އެވްރެޖުކޮށް 60 އަހަރުވެފައި ހުރި ރުއް ތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910