އައްޑޫ ސިޓީގައި ކާޅު ގިނަވުމުގެ ސަބަބުން އެ ސިޓީގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އޮތުމުން އެ ސިޓީގައި އުޅޭ ކާޅު މެރުމުގެ ހުއްދަ އެންވެރޮމެންޓް މިނިސްޓްރީން ދީފިި އެވެ.
ކާޅު ގިނަވުމުގެ ސަބަބުން އައްޑޫގައި އުޅޭ ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އޮތުމުން އެކަން ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް އައްޑޫ ސިޓީ ކަައުންސިލުން ވަނީ ގެނެސްފައެވެ. އަދި އެ ސިޓީ ތަމްސީލްކުރާ މެންބަރުންވެސް ވަނީ އެކަން މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ ސަމާލު ކަމަށްވެސް ގެނެސްފައެވެ.
ކާޅު ގިނަވުމުގެ ސަބަބުން ދޮންދީނި އާއިލާ ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށް އައްޑޫގެ ގިނަ ރައްޔިތުންވެސް ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. ކަންބޮޑުވުން ފާޅުކުރި އައްޑޫގެ ބައެއް ރައްޔިތުން ވަނީ އައްޑޫގައި ކާޅު ގިނަވުމަކީ ދޮންދީނި އާއިލާ މުޅިން ނެތިދާނެ ކަމެއް ކަމަށް ބުނެފަ އެވެ. މިހާރުވެސް އައްޑޫގައި އުޅޭ ދޮންދީނިތަކަށް ކާޅުގެ ހަމަލާތައް އަމާޒުވެ އެތައް ދޫންޏެއް މަރުވެފައިވާ ކަމަށް ބުނެ އެވެ.
އެންވެރޮމެންޓް މިނިސްޓްރީން މިއަދުު އައްޑޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އާންމު ގޮތެއްގައި އައްޑޫގައި ކާޅު ނޫޅޭތީ އެއީ ޕެސްޓެއްގެ ގޮތުގައި ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅިދާނެ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ސިޓީ ކައުންސިލަށް ފެންނަ ފިޔަވަޅެއް އެޅުމަށް ލަފާދީފައިވެއެވެ. ދޮންދީނި ހިމާޔަތް ކުރުމަށް އެ މިނިސްޓްރީގެ އެހީތެރިކަން އޮންނާނެ ކަމަށްވެސް ބުންޏެވެ. ނަމަވެސް ކާޅުތަކާމެދު އަމަލު ކުރަން ނިންމާފައިވާ ގޮތެއް އީޕީއޭއާ ހިއްސާ ކުރުމަށް އެދިފައިވެއެވެ.
ދޮންދީނި އަކީ އައްޑޫގެ ވަރަށް ބޮޑު ފަހުރެކެވެ. ހުދު ކުލައިގެ މި ރީތި ދޫނި އުޅެނީ އައްޑޫ ސިޓީގެ ރަށްތަކާއި ހުވަދޫގެ ފަޅު ރަށެއް ކަމަށްވާ ހައޮޑިގަލާގައި އެކަންޏެވެ.
ރާއްޖޭގެ ބައެއް ރަށްރަށުގައި ކާޅުގެ އުނދަގޫ ބޮޑުވުމުން އެ ތަކެތި ސަރުކާރުގެ ފަރާތުން މަރާފައިވެސް ވެއެވެ. ނަމަވެސް އެއީ އެކޯސިސްޓަމްއަށް ބަދަލު އަންނަ ކަމަށް ތަޖުރިބާކާރުން ވިދާޅު ވެއެވެ. އެކަމާއި ގުޅިގެން މިފަހުން އެފަދަ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ.