ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްރިޖް މަސައްކަތްތައް ނުހުއްޓޭ ކަމަށާއި މަސައްކަތް ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖް ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ބްރިޖްގެ މަސައްކަތްތައް ކުރާ ސައިޓު އޮތީ ފަޅަށް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ސައިޓުގައި މަސައްކަތް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.
ބްރިޖް މަސައްކަތްކުރާ އެފްކޮންސްގެ މުއައްޒަފުންނަށް މުސާރަ ނުދޭ ކަމުގެ އެއްވެސް ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިނުވާ ކަމަށާއި އެކަމާ ގުޅޭ އެއްވެސް މުޒާހަރާއެއް ކުރިއަށް ނުދާ ކަމަށް ޖިނާން ވިދާޅުވި އެވެ.
"މުސާރަ ނުލިބިގެން އެއްވެސް ޝަކުވާއެއް އެފްކޯންސްގެ ފަރާތުން މިނިސްޓްރީއަށް ލިބިފައެއް ނުވޭ،" ޖިނާން ވިދާޅުވި އެވެ.
އެފްކޮންސްގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ބްރިޖް މަސައްކަތަށް ލަސްވުމެއް އަންނާނެކަން ނުވަތަ ނޫންކަން އެނގޭނީ އެސެސްމަންޓް ހެދުމުން ކަމަށް ޖިނާން ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ދަންވަރު އެވެ.
އަލިފާން ރޯވި ތަނުގައި 465 މީހަކު ދިރިއުޅުނެވެ. އަލިފާން ރޯވެ ވަރަށް ބާރަށް އަލިފާންގަނޑު ފެތުރިގަތުމާ އެކު ސަލަމާތްވުމަށްޓަކައި ބައެއް މީހުން ވަނީ އިމާރާތުގެ މާތީ ފަންގިފިލާތަކުން ތިރިއަށް ފުންމާލާފަ އެވެ. އެގޮތަށް ފުންމާލުމުގެ ސަބަބުން އަތާއި ފައި ބިނދިފައިވާ މީހުންނަށާއި ފިހިގެން އަދި ނޭވާ ހާސްވެގެން ބައެއް މީހުންނަށް ފަރުވާ ދީފައިވެ އެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެއްވެސް އިދާރާއަކުން ހާމައެއް ނުކުރެ އެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގައި ބޭނުންކުރި ކެރޭނެއް މިމަހު ވަނީ ބިންދައިގެން ގޮސްފަ ކަނޑަށް ވެއްޓިފަ އެވެ.
އޭގެ އިތުރުން ބްރިޖު މަޝްރޫއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުގެ ސަބަބުން އެ ފަރަށް ވަނީ މީގެ ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.