ތިލަމާލެ ބްރިޖް

އަންނަ އަހަރު ބްރިޖުގައި ދަތުރުކޮށްފައި ވިލިމާލެއަށް ދެވޭނެ

މާލެ ވިލިމާލެ އަންނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ބްރިޖުން ގުޅާލެވި އެހާތަނަށް ބްރިޖުގައި ދަތުރުތައް ކުރަން ފެށޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ތިލަމާލެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން ވިދާޅުވީ ބްރިޖްގެ މަސައްކަތް ކަނޑައެޅިފައިފައިވާ ތާރީހަށް ނިންމާލެވޭނެ ކަމަށެވެ. އަދި ބްރިޖްގެ ފެންވަރާއި ކޮލިޓީއާއި މެދު ޝައްކު ކުރެވޭނެ އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މިނިސްޓްރީން މިދަނީ ބްރިޖްގެ ކޮލިޓީ އެޝުއާ ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން. އެކަމާ މެދު ޝައްކު އުފެއްދުމުގެ ޗާންސެއް ނެތް،" ޖިނާން ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށިފަހުން ވަނީ ބައެއް ނުރައްކާތެިރ ހާދިސާތަކެއް ހިނގައިފަ އެވެ. މި ހާދިސާތަކާއި ގުޅިގެން ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އެފްކޯންސް ކުންފުންޏަށާއި ސަރުކާރަށް އަންނަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވަމުންނެވެ. އަދި ތިލަމާލެ ބްރިޖާއި މެދު އާންމުގެ ތެރޭގައި އޮތް ޔަގީކަން ވަނީ ކުޑަވެފަ އެވެ.

ހިނގާފައިވާ ހާދިސާތަކާ ގުޅިގެން ޖިނާން ވިދާޅުވީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކުރިއަށްދާއިރު މިފަދަ ހާދިސާތައް ދިމާވާނެ ކަމަށެވެ. ނަމަވެސް މި ކަންކަމުގެ ސަބަބުން ބްރިޖުގެ މަސައްކަތަށް އެއްވެސް އަސަރެއް ނުކުރާނެކަން ފާހަގަކުރެއްވި އެވެ.

ބްރިޖު އެޅުމަށްޓަކައި މާލޭގައި އެއްގަމުގައި އަށް ތަނބު ޖަހާއިރު، އެ ހުރިހާ ތަނބެއްގެ ޕައިލިން މަސައްކަތް މިހާރު އޮތީ ނިމިފަ އެވެ. އަދި މިހާރު ކުރަނީ ޕައިލް ކެޕް އެޅުމުގެ މަސައްކަތް ކަމަށް ޖިނާން ވިދާޅުވި އެވެ. އަދި ވިލިމާލޭގެ އެއްގަމުގައި ތަނބުތައް ޖެހުމުގެ ގޮތުން ހިއްކަން ޖެހޭ ސަރަހައްދު ހިއްކުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"އެއްގަމު ތަނބުތަކުގެ ޕައިލިންގެ މަސައްކަތް މިހާރު އެހެރީ ނިމިފައި. ކަނޑުގައި ޖަހާ ތަބުތައް އަންނަ އަހަރު ތެރޭ ކަނޑުން މައްޗަށް އަރާނެ،" ޖިނާން ފާހަގަކުރެއްވި އެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި އެކްފޯންސް ކުންފުނީގެ ތިން މަސައްކަތްތެރިންނަށާއި ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއްވީ މިއަހަރުގެ އޮގަސްޓު މަހުގެ 16 ވަނަ ދުވަހު އެވެ. މިގޮތުން ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުގެ ސަބަބުން ވިލިމާލެ ފަރުގައި ވަނީ ފުން ބާގަނޑުތަކެއް ހެދިފަ އެވެ.

މި މައްސަލައާއި ގުޅިގެން 69 މިލިއަން ރުފިޔާއިން އެފްކޯންސް ކުންފުނި ޖޫރިމަނާކުރުމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ ނިންމާފަ އެވެ. އެފްކޯންސް އިން ވަނީ އެ ކުންފުނި ޖޫރިމަނާކުރި މައްސަލަ ތިމާވެށްޓާ ބެހޭ ވަޒީރަށް ހުށަހަޅައި އިސްތިއުނާފްކޮށްފަ އެވެ.

މީގެ އިތުރުން މި މަހުގެ ފަސްވަނަ ދުވަހު ތިލަމާލެ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ ކެރޭނެއްގެ ބޫމް ފެއިލްވެ، ބިންދައިގެން ގޮސް ވަނީ މޫދަށް ވެއްޓިފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.