މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު "ތިލަމާލެ ބްރިޖް" ގެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިމޭނެކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ތިލަމާލެ ބްރިޖް މަޝްރޫއުއާއި ބެހޭގޮތުން ރައީސް ވިދާޅުވީ އެންމެ ޖުމުލައެކެވެ. ބްރިޖްގެ މަސައްކަތް ޝެޑިއުލްއާއި އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
"ތިލަމާލެ ބްރިޖްގެ މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށް އެބަދޭ،" ބްރިޖް މަޝްރޫއުއާއި ބެހޭ ގޮތުން ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުގައި މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ތިލަމާލެ ބްރިޖްގެ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ގުޅީފަޅާއި ހަމައަށް ނިންމާލެވޭނެކަމަށް ވިދާޅުވެފައެވެ.
ފުރަތަމަ ބްރިޖްގެ މަސައްކަތް ވިލިމާލެއާއި ހަމައަށް ނިންމަން ކަނޑައެޅީ މި އަހަރުގެ ޖޫން ޖުލައިއަށެވެ. ނަމަވެސް، އެ ތާރީހަށް ނުނިމޭނެތީ ގުޅީފަޅާއި ހަމައަށް ނިންމުމަށް އަންނަ ޑިސެންބަރު މަހުގެ ނިޔަލަށް ވަނީ މުއްދަތު ކަނޑައަޅާފައެވެ.
ތިލަމާލެ ބްރިޖް އެޅުމަށްޓަކައި އެއްގަމުގައި ޖަހާ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު އެފްކޮންސް އިން ކުރަމުން އަންނައިރު، ކަނޑުގައި ޖަހާ ތަނބުތަކުގެ ސްޓްރަކްޗާ ވަނީ ވިލިމާލެ އަދި މާލޭ ސަރަހައްދުގައި ވެސް ބަހައްޓާފައެވެ.
ބްރިޖްގެ މަސައްކަތް ކުރަމުން ދަނިކޮށް ޖިއޯ ޓެކްނިކަލް މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް މިދިޔަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު ވިލިމާލޭ ފަރަށް އެރުމާއި ގުޅިގެން ދެ ހަފްތާގެ މެދުކެނޑުމެއް އައިސްފައިވެ އެވެ. އަދި ވިލިމާލެ ފަރަށް ގެއްލުންތަކެއް ލިބުމާއި ގުޅިގެން އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗާ 69 މިލިއަނުން ޖޫރިމާނާ ކޮށްފައެވެ. ނަމަވެސް، ޖޫރިމަނާގެ ފައިސާ އެ ކުންފުނިން މިހާތަނަށް ދައްކާފައެއް ނުވެއެވެ. އަދި އެ ޖޫރިމަނާ މައާފުކޮށްދިނުމަށް އެދި އެ ކުންފުނިން ވަނީ އެންވަޔަރަންމެންޓް މިނިސްޓްރީއަށް ހުށަހަޅާފައެވެ.
އިންޑިއާގެ އެފްކޯންސް އިންފްރާސްޓަރަކްޗާސް ކުންފުންޏާ ހަވާލުކޮށްފައިވާ 500 މިލިއަން ޑޮލަރުގެ މި މަޝްރޫގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އެވެ.