ރިޔާސީ ބަޔާން

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ކާމިޔާބު: ރައީސް

ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަކޮށް މުޖުތަމައުއަށް ނިކުންނަ މީހުން އަނބުރާ ކުށުގެ ވެއްޓަށް ނުދާކަމަށާއި އެ ޕްރޮގްރާމުތަކުގެ ނަތީޖާ މިހާތަނަށް ކާމިޔާބުކޮށް ފެންނަކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކަކީ ރާއްޖޭގެ އިޖްތިމާއީ މަސްލަހަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އަދި ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުސަތު ނައްތާލުމުގެ ގޮތުން ޒުވާނުންނަށް ދެވޭ ތަމްރީނު ޕްރޮގްރާމްތަށް ގިނަކޮށް، ހިލޭ ޑިގްރީ ތައާރަފް ކުރުމުން ރަނަގަޅު ނަތީޖާއެއް ފެންނަކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ މާޗް މަހު މާފުށީ ޖަލުގައި މަސްތުވާތަކެއްޗާއި ގުޅޭ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ފުރަތަމަ ބެޗް ކާމިޔާބުކަމާއިއެކު ނިންމާލެވިފައިވާ ކަމަށެވެ. އަދި ޑިޓޮކްސް ކުރެވި ރިހެބިލިޓޭޝަން ފުރިހަމަކޮށް، މަސައްކަތްތެރިކަން ދަސްކޮށްގެން 32 ބައިވެރިން އަނބުރާ މުޖުތަމައުއަށް ނިކުމެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ 32 ބައިވެރިން ކާމިޔާބު ކަމާއެކު މަރުހަލާތަށް ނިންމައިފި. އެބެޗް މިހާރުވަނީ މުޖުތަމައާ އަލުން ގުޅިފަ. އޭގެ ނަތީޖާ މިހާތަނަށް ފެންނަނީ ކާމިޔާބު ކޮށް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން މިފަދަ ފަރާތްތަކަށް ފަރުވާ ދިނުމާއި މުޖުތަމައަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމުތަކެއް މާލެ ފިޔަވައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި މިހާރުވެސް ކުރިއަށްދާކަމަށާއި މިދިޔަ ނޮވެމްބަރު މަހުގައި ހުޅުމާލޭ ހާފްވޭ ހައުސްގައި ހުޅުވައި އަންހެނުންނަށް ހާއްސަ ރީހެބިލިޓޭޝަން ތައާރަފް ކުރެވިފައިވާކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިޖްތިމާއީ ހަރަކާތްތެރިންނަށް ހާއްސަކޮށްގެން ރާއްޖޭގެ ހަތް އަތޮޅެއްގެ 62 ރަށަކާ ދެ ސިޓީއެއްގައި، 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ފޯރުކޮށްދެވިފައިވާކަމަށާއި ގިނަ ފަރާތްތަކެއް މި ވޯކްފޯސްއަށް އިތުރުކުރެވިފައިވާކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މި ޕްރޮގްރާމްތައް މި އަހަރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

"ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅިރާއްޖެއަށް ބޭނުންވާ އިޖްތިމާއީ ހަރަކާތްތެރިންގެ ވޯކްފޯސްގެ މުހިންމުކަން ބޮޑު. ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކާ އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ހިދުމަތަށް ނެރެފަ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ފާހަގަކުރެއްވި އިޖުތިމާއި މައްސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ހިމެނެއެވެ. މިގޮތުން އެ ކުދިންނަށްޓަކައި އަމާންވެށީގެ ހަތް މަރުކަޒު ގާއިމުކުރެވި، އެ ތަންތަނަށް ކުދިން ބަދަލުކުރެވިފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ދަނީ ކުރެވެމުން. މިފަދަ އަމާންވެށީގެ ހަތް މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކުރެވިއްޖެ. 19 އަތޮޅުގައިވާ ފެމެލީ އެންޑް ޗިލްރަން ސާވިސް ސެންޓަރުތަކަކީ މިކަމަށް ހާއްސަ މަރުކަޒުތައް،" ރައީސް ވިދާޅުވިއެވެ.