މިދިޔަ ޖެނުއަރީ މަހަކީ މިހާތަނަށް ރާއްޖޭގެ ތާރީހުގާ އެއް މަސްތެރޭގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު މަސްކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ފުރަތަމަ މަހު ދައުލަތަށް 3.5 ބިލިއަން ރުފިޔާ ލިބިފައިވާކަމަށެވެ. އަދި މިއީ ރިކޯޑު އަދަދެއްކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވުމަކީ ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގައި ދެމެހެއްޓޭނެކަމުގެ ޔަގީންކަން ލިބޭ ސަބަބެއް ކަމުގައެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 827 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގެ އުންމީދު އާވެ، ރައްޔިތުންނަށް އިތުރު ބޮޑުތަކުލީފެއް ކުރިމަތި ނުވާނެކަމުގެ އުންމީދު ހޯދިއްޖެ. އަދި ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން 2022 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ފުރަތަމަ ލަފާކުރީ 7.6 އިންސައްތައިންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެ އަހަރު ނިމުނުއިރު ވޯލްޑް ބޭންކުގެ އަންދާޒާ 7.6 އިންސައްތައިން 12.4 އިންސައްތައަށް މަތިކުރިކަމަށެވެ. އަދި މި އަހަރަށް ރާއްޖޭގެ އިގްތިސާދު 8.2 އިންސައްތައިން ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ކޯވިޑް-19 އާއި، ހަނގުރާމައިގެ ހާލަތުން ދުނިޔޭގެ އިގްތިސާދަށް އެރި ލޮޅުމުގެ އަސަރު ރާއްޖެއަށް ބޮޑުވި ނަމަވެސް، އެކަމަށް ސަމާލުވެ ހޭލާތިބެ އަޅަންޖެހުނު މުހިންމު ފިޔަވަޅުތައް ސަރުކާރުން އަޅާފައިވާކަމަށެވެ.
"ރާއްޖޭގެ އިގްތިސާދުގެ ހަމަ ހިފެހެއްޓުމަށްޓަކާ މާލީ ސިޔާސަތަށް ގެންނަން ޖެހުނު ބަދަލު މިވަނީ ގެނެވިފަ. މިފިޔަވަޅުތަކާ އެކު ކުރިއަށް އޮތްތަނުގާ ކުރިމަތިވެދާނެ އިގްތިސާދީ އަޑިގުޑަން ކުޑަކުރެވިއްޖެ،" ރައީސް ފާހަގަކުރެއްވިއެވެ.