ރިޔާސީ ބަޔާން

2028ގެ އަމާޒު: އިގުތިސާދު ދެގުނަކޮށް، 3.5 މިލިއަން ފަތުރުވެރިން

ދިވެހިރާއްޖޭގެ އިގުތިސާދު ދެގުނަކޮށް 2028 ވަނަ އަހަރާއި ހަމައަށް ދާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މަދުވެގެން 3.5 މިލިއަނަށް އަރާނެކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފެށުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީހުގައި ކުރިމަތިވި އެންމެބޮޑު އިގްތިސާދީ ގޮންޖެހުންތައް ތަހައްމަލް ކުރަންޖެހުނު ތިން އަހަރު ކަމަށާއި ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގްތިސާދު ހުއްޓިގެން ދިޔަކަމަށެވެ. ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ދިވެހިރާއްޖޭގެ ހާލަތު ރަނގަޅު އިގްތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަން އެ ހަރުފަތައް ގެންދެވޭކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.

"ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ. އެގޮތަށް އެކަން އެވަނީ ހަމަ ހުރެފައެއް ނޫން. މިއަދު ފަށާ، ހިންގާ، ނިންމަމުން މިދާ މަޝްރޫއުތަކަކީ އެ ހިސާބަށް ރާއްޖޭގެ ފަތުރުވެރިކަން ގެންދެވޭނެ ސަބަބުތައް،" އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިމިދިޔަ 2022 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ނަމަވެސް، އަހަރު ނިމިގެން ދިޔައީ އެޓާގެޓަށް ވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެންކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު. ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.

އެމަނކުފާނު އިތުރަށް ވިދާޅުވީ މިދައުރުގެ ތެރޭގާ ފަތުރުވެރިކަމުގެ ދާއިރާއަށް 16،758 އެނދު އިތުރު ކުރެވިފައިވާ ކަމަށެވެ. އަދި އައްޑޫއާ ހަނިމާދޫގެ އިންޓަރނޭޝަނަލް އެއަރޕޯޓާއިއެކު، އައްޑޫ ހަންކެޑެ އިންޓަރގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއާއި، އައްޑޫގާ ތަރައްގީކުރެވޭ 5 ރިޒޯޓުގެ އިތުރުން އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކުގައި ތަރައްގީކުރުމަށް ނިންމާފައިވާ ރިސޯޓުތަކާއި، އިތުރު ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓާތަކުއެކު މި އަދަދު އިތުރު ކުރެވޭނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވިއެވެ.

ރާއްޖޭގެ ޖުމްލަ އުފެއްދުންތެރިކަން 2018 ވަނަ އަހަރު ހުރީ 81 ބިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެކަމަށެވެ. އަދި އެ އަހަރު ދައުލަތަށް ލިބޭ އާމްދަނީ ވެސް ދެގުނަ ކުރެވޭނަކަމަށް ވެސް ވިދާޅުވިއެވެ.

"އިގްތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށްލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިޔަން ރުފިޔާ ދައުލަތަށް ލިބޭނެ،" ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ސަރުކާރުން މިހާރު ތަންފީޒު ކުރަމުންދާ މާލީ އިގްތިސާދީ އަދި އިޖްތިމާއީ ހުރިހާ ސިޔާސަތެއް ގޮސް ނިމޭނީ ސަރުކާރުގެ އަމާޒުތަކަށް ވާސިލްވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނަތީޖާ ލިބޭއިރު ވާ މާބޮޑު ރަނގަޅެއް އޮވޭ. އެއީ ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާ އާ ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާ އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތި ދާނެ ނަތީޖާ،" ރައީސް ފާހަގަކުރެއްވިއެވެ.