އެފްކޮންސް

69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފްކޮށްފި

Dec 11, 2022

އިންޑިއާގެ އެފްކޮންސް ކުންފުނިން ތިލަމާލެ ބްރިޖުގެ މަސައްކަތަށް ވިލިމާލެ ފަރު ކައިރީގައި ހެދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން 69 މިލިއަން ރުފިޔާ އިން އެ ކުންފުނި ޖޫރިމަނާކުރި މައްސަލަ ތިމާވެށްޓާ ބެހޭ ވަޒީރަށް ހުށަހަޅައި މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.

ތިމާވެށްޓަށް ގެއްލުން ލިބޭ ފަދަ އަމަލެއް ކޮށްގެން ޖޫރިމަނާކުރުމުން އެ މައްސަލައެއް އިސްތިއުނާފް ކުރުމަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވައިދުގެ ދަށުން ފުރުސަތު ލިބެ އެވެ. ޖޫރިމަނާގެ އަދަދު ލުއި ކޮށްދިނުމުގެ ބާރު ވަޒީރަށް ލިބިގެންވެ އެވެ.

އެފްކޮންސް ޖޫރިމަނާ ކުރި މައްސަލަ އިސްތިއުނާފް ކޮށްފައިވާ ކަމަށް އަވަސް އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް އެންވަޔަރަންމަންޓް މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ތިލަމާލޭ ބްރިޖު އެޅުމަށް އެފްކޮންސް އިން ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުން ލިބުނު ގެއްލުން ދިރާސާކޮށް އީޕީއޭއިން ނެރުނު ރިޕޯޓު އެފްކޮން އިން ގަބޫލެއް ނުކުރެ އެވެ. އެހެންވެ އެފްކޮންސް އިން ވަނީ އެކުންފުނިން އަމިއްލަ އަށް ރިޕޯޓެއް ތައްޔާރުކޮށް އީޕީއޭ އަށް ހުށަހަޅާފަ އެވެ.

އީޕީއޭ އިން އެފްކޮންސް އަށް ފިޔަވަޅު އެޅުމުގެ ގޮތުން ބޮޑު އަދަދަކުން ޖޫރިމަނާކުރަން ނިންމީ އެފްކޮންސްގެ ރިޕޯޓްވެސް ދިރާސާކުރުމަށްފަހު އެވެ.

އެފްކޮންސް ޖޫރިމަނާކުރުމަށް މިދިޔަ މަހުގެ 13 ވަނަ ދުވަހު އީޕީއޭ އިން ނިންމީ ހާދިސާ ހިނގިތާ ތިންމަސް ވީއިރު ވެސް އެ ކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އީޕީއޭ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. ޖޫރިމަނާ ފައިސާ ދެއްކުމަށް ދީފައިވަނީ 30 ދުވަހެވެ.

ތިލަމާލެ ބްރިޖު އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރި ޕްލެޓްފޯމް ފަރަށް އެރީ މިދިޔަ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ޕްލެޓްފޯމް ފަރަށް އެރިތާ 11 ދުވަސް ފަހުން އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ޕްލެޓްފޯމް ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.

ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމުގެ ދިރާސާ އީޕީއޭ އިން ފެށީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭގެ ޓީމުގެ ބޭފުޅުން ލަފާކުރައްވާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.