މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ

ސަތޭކަ މިިލިއަންގެ ޖޫރިމަނާ ރަނގަޅު ކަމަށް ނިންމައިފި

"އެމް.ވީ ނަވިއޯސް އަމަރިލިސް" ނަމަކަށް ކިޔާ ކާގޯ ބޯޓު ކ. ރަސްފަރީ ފަރަށް އެރުމާއި ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އިން ކޮށްފައިވާ 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ މައްސަލަ ބޯޓުގެ ވެރިފަރާތުން މިނިސްޓަރު އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާއަށް އިސްތިއުނާފު ކުރުމާ ގުޅިގެން މިނިސްޓަރު އެ މައްސަލަ ބައްލަވައި އީޕީއޭ ގެ ނިންމުން ބަދަލުކުރަން އަންގަންޖެހޭ ތަނެއް ނެތް ކަމަށް ކަނޑައަޅައިފި އެވެ.

އެންވަޔާމަންޓް މިނިސްޓްރީން ބުނީ މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ބޯޓު ފަރަށް އެރުމުގައި ބޯޓު ދުއްވަން އިން ފަރާތުގެ އިހުމާލު ވަރަށް ބޮޑަށް އޮތް ކަމަށެވެ. އަދި މިނިސްޓްރީއަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭގޮތުން ބޯޓުގެ އިންޖީނެއްގެ ޓެމްޕްރޭޗާ މަތިވެގެން ކެޕްޓަނަށް އެކަން ފާހަގަކުރެވި ދިމާވި މައްސަލަ ބެލުމަށް ބޯޓުގެ އިންޖީނު ނިއްވާލާފައިވާ ކަމަށެވެ.

ބޯޓު ފަރަށް އަރާފައި ވަނީ އޮގަސްޓް 19 ވަނަ ދުވަހު އެކެއް ޖެހިއިރު ނަމަވެސް، މި ހާދިސާ ހިނގިކަން ރަސްމީކޮށް ސަރުކާރުގެ މުއައްސާސާތަކަށް ބޯޓުގެ ވެރިފަރާތުން ރިޕޯޓުކޮށްފައި އެ ރޭ 9 ޖެހި ފަހުންނެވެ. އަދި ބޯޓު ފަރަށް އެރިކަން އީޕީއޭ އަށް ލިޔުމުން އަންގާފައި ވަނީ 21 ވަނަ ދުވަހު ކަމަށެވެ.

އޭގެ ކުރިން، ބޯޓު ފަރަށް އަރައިގެން އުޅޭކަން އީޕީއޭ އަށް އަންގާފައި ވަނީ އެ ރަސްފަރި ބެލެހެއްޓުމުގެ ޒިންމާ އަދާކުރާ މުވާސަލާތީ ކުންފުނި ދިރާގުގެ މުވައްޒަފުންނެވެ. އެ ކުންފުނިން މި މައްސަލަ އީޕީއޭ އަށް ރިޕޯޓުކޮށްފައި އެ ދުވަހުގެ ހާދިސާ ހިނގިތާ 27 މިނެޓްގެ ތެރޭގައެެވެ. އެހެންކަމުން ބޯޓުގެ ވެރިފަރާތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އަންގައި އެއްބާރުލުން ދިންކަމަށް ބަލައި ގަނެވޭނެ ޖާގައެއް ނެތްކަމަށް މިނިސްޓަރުގެ ނިންމެވުމުގައި ފާހަގަކުރެއްވިއެވެ. އިމާޖެންސީ ހާލަތެއްކަމަށް ގަބޫލުކޮށް، ވަގުތު އޮއްވައި ކަމާބެހޭ ފަރާތްތަކަށް އަންގައި އެ ފަރާތްތަކުގެ އެހީތެރިކަން ބޯޓުން ހޯދިނަމަ ބޯޓު ފަރަށް އެރުމުން ސަލާމަތްކުރެވުނީސް ކަމަށް ދާއިރާގެ މާހިރުންނާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުން ދެކޭކަމަށްވެސް މިނިސްޓަރުގެ ނިންމެވުމުގައި ބުނެފަައިވެއެވެ.

ބޯޓު އެރި ފަރަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން 1995 އިން ފެށިގެން ހިމާޔަތްކޮށްފައިވާ ފަރެކެވެ. މިއީ ޑައިވަރުންގެ މެދުގައި މަޝްހޫރު މާލެ އަތޮޅުގައި އޮންނަ ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އެއް ސަރަހައްދެވެ. މި ފަރުގައިވާ މުރަކައިގެ ބަގީޗާގައި އެންމަޑި ސާފުކުރުމަށް ބޭނުންކުރާ "ކްލީނިންގ ސްޓޭޝަން" އެއްވެސް ހިމެނެއެވެ. މީގެ އިތުރުން މި ސަރަޙައްދަކީ ފަރުމަހުގެ ދިރުމުން މުއްސަނދި އަދި ދިވެހިރާއްޖޭގައި ހިމާޔަތްކޮށްފައިވާ މާހުޅުނބު ލަނޑާ އާއި މަޑި އާއި މިޔަރާއި ވެލާ ފެންނަ ސަރަހައްދެކެވެ.