ޠާރިގު އިބްރާހީމް

ގާނޫނެއްގެ ދަށުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް: ތޯރިގު

ހާއްސަ ގާނޫނެއްގެ ދަށުން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ގާނޫނީ ބާރުތަކެއް ދީގެން އެތަން މިނިވަންކުރުމުގެ ވިސްނުން ނެތް ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ތޯރިގު މިހެން ވިދާޅުވީ ގުޅިފަޅު ހިއްކުން މަޑު ޖައްސާލަން ނެރުނު ކޯޓު އަމުރު ސުޕްރީމް ކޯޓުން ބާތިލު ކުރި ދުވަހު އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ވާހަކަފުޅުގައި އީޕީއޭ ބާރުވެރިކޮށް ގާނޫނީ ގޮތުން އެ އިދާރާ މިނިވަން ކުރަންޖެހޭ ކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އެކަމަކު އީޕީއޭ އިން މިނިވަންކަމާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ދެއްވާނެ ކަމުގައި ވިދާޅުވި އެވެ.

"އީޕީއޭއަށް ބޭނުންވާ ވަސީލަތްތަކާއި ޓެކްނޮލޮޖީ ސަރުކާރުން ފޯރުކޮށްދޭނެ،" ތޯރިގު ވިދާޅުވި އެވެ.

އީޕީއޭ މިނިވަންކުރުމުގެ ބަހުސަކީ އަބަދުވެސް ސަރުކާރާއި ސިޔާސީ ބޭފުޅުންގެ ތެރޭގައި އޮންނަ ބަހުސެކެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން މިހާތަނަށް އީޕީއޭއަށް ވަކި ގާނޫނެއްގެ ދަށުން ގާނޫނީ ބާރު ދީފައެއް ނުވެ އެވެ. އަދި މިނިސްޓަރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އީޕީއޭގެ ބައެއް ނިންމުންތައް ބައެއް ސަރުކާރުތަކުގައި ބަދަލުވެސް ކުރައްވަ އެވެ.