ޠާރިގު އިބްރާހީމް

އެއްބަސްވުންތައް ހުރީ ގާ ހުދުވާތީ މަޝްރޫއުތައް ހުއްޓުވޭ ގޮތަށް: ތޯރިގު

ބިން ހިއްކުމާއި ފަޅު ފުންކުރުން ފަދަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާ އެކު އެއްބަސްވުންތައް ހަދާފައިވަނީ ގާ ހުދުވުގެ މައްސަލަ ދިވާއްޖެނަމަ ވަގުތީގޮތުން އެފަދަ މަޝްރޫއުތައް ހުއްޓާލަންޖެހޭ ގޮތަށް އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ކުރިމަތިވަމުންދާތީ ބީޗް ނަރިޝްމަންޓާއި ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތައް މަޑުޖައްސާލުމަށް މެރިން ރިސާޗް އިންސްޓިޓިއުޓާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގާފައި ވަނިކޮށެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ދުނިޔެ ހޫނުވަމުންދާތީ މިއަހަރުގެ ތެރޭގައި ގާ ހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާނެ ކަމަށް ސައިންސްވެރިން ލަފާ ފާހަގަކުރައްވާފައިވާ ކަމަށެވެ. އެހެންވެ ކަނޑުތަކާއި ފަރުތަކަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތަކުގެ އެއްބަސްވުންތައް ހަދާފައި ހުންނާނީ އެފަދަ ކަމެއް ދިމާވެދާނެ ކަމަށް ބަލައި އެފަދަ ކަމެއްގެ ވަގުތުގައި މަޝްރޫއު މަޑުޖައްސާލަންޖެހޭ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.

"މި އަހަރު ފެށުނީންސުރެ ހުއްދަ ދީފައި ހުރި ޑްރެޖިން އެންޑް ރިކްލެމޭޝަންގެ މަސައްކަތް އީޕީއޭއިން އޮންނާނެ ލިޔެފައި މި ކަންތައްތައް އަންނަކަން. އަންނަކަމަށް ވާނަމަ އެމީހުން [މަސައްކަތްތައް] ރީޝެޑިއުލް ކުރަން ޖެހޭނެކަން. އެ އީޕީއޭގެ ހުއްދައިގައި އޮންނާނީ،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގާ ހުދުވުމުގެ ޕީކް ދުވަސްވަރު ނިމެންދެން މަސައްކަތްތައް ހުއްޓާލުމަށް ކުންފުނިތަކަށް އަންގާފައިވާނެ ކަމަށާއި ކުންފުނިތަކުން އެކަމުގައި އެއްބާރުލުންވެސް ލިބޭ ކަމަށެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓާއި އީޕީއޭ އިން ބުނާ ގޮތުގައި ފަރުތަކުގައި ހުންނަ ގާ ހުދުވުމަކީ ދިވެހިންގެ ދިރިއުޅުމަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އަސަރުކުރާނެ ކަންތައްތަކަކަށްވާތީ ގާ ހުދުވުމުން ފަރުތަކަށް ދިމާވެދާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރަންޖެހެ އެވެ. ރާއްޖޭގެ އިގްތިސާދު ބަރޯސާވެފައިވަނީ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާއަށް ކަމަށްވާތީ ގާ ހުދުވުމަށް ދިމާވާ ސަބަބުތަކާ ދުރުވާންޖެހޭ ކަމަށްވެސް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެެވެ.

ކަނޑުތަކުގެ ހޫނުމިން މަތިވާތީ ގާ ހުދުވުމުގެ މައްސަލައަކީ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވާނެ މައްސަަލއެއް ކަމަށް އެމެރިކާގެ ނެޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އަދި އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވް (އިކްރީ) އިން ބުނެ އެވެ. ގާ ހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާކުރުމަށް ނޮއާއިން ހިންގާ "ކޮރަލް ރީފް ވޮޗް" ޕްރޮގްރާމުގައި ރާއްޖެ އޮތީ ފަސް ގިންތީގެ ތެރެއިން ތިންވަނަ ގިންތީ ގައެވެ.

ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1998 ވަނަ އަހަރު އެވެ. އޭގެފަހުން 2016 ވަނަ އަހަރުވެސް ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ދިމާވި އެވެ. އެފަހަރު ރާއްޖޭގެ ވެށީގައި ހުރި މުރަކާ އާއި ގަލުގެ 73 އިންސައްތަ ހުދުވި އެވެ. ރާއްޖޭގައި ފަރުތަކުގައި ހުންނަ ގާ ހުދުވި ނަމަވެސް ރާއްޖޭގެ ފަރުތައް އަލުން އިއާދަވުން އަވަސް ކަމަށާއި އެކަމަކު އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތައް އިއާދަވުން ލަސްވެދާނެ ކަމަށްވެސް އިދާރާތަކުން ބުނެ އެވެ.