ޠާރިގު އިބްރާހީމް

ޝިޕް-ޓު-ޝިޕް ބަންކަރިން ހިދުމަތަށް އީއައިއޭ ހަދަން ނުޖެހޭނެ: ތޯރިގު

ރާއްޖޭގައި މިއަދު ފަށާ ޝިޕް-ޓު-ޝިޕް -- އެއް ބޯޓުން އަނެއް ބޯޓަށް ޓްރާންސްފާކުރާ ބަންކަރިން ހިދުމަތަށް އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހަދަން ނުޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިގު ވިދާޅުވީ ޝިޕް-ޓު-ޝިޕް ޓްރާންސްފާ ހިދުމަތަކީ ރާއްޖޭގައި މިހާރުވެސް ދެމުންދާ ހިދުމަތެއް ކަމަށެވެ.

"އީއައިއޭ ކޮންމެހެން ހަދަން ނުޖެހޭ ކަމަކީ ޝިޕް-ޓު-ޝިޕް ޓްރާންސްފާއަކީ މިހާރުވެސް ކުރަމުންދާ ކަމެއް،" ތޯރިގު ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގު ވަނީ ކަނޑަށް ތެޔޮ ލީކުވުންފަދަ ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް މިހާރުވެސް ރާއްޖޭގައި ހުރިކަން ފާހަގަކުރައްވާފަ އެވެ.

ބަންކަރިންގެ ހިދުމަތް ފަށަނީ އަޅަންޖެހޭ ފިޔަވަޅުތަކާއެކު ކަމަށާއި ނަމަވެސް ތެޔޮ ލީކުވުންފަދަ ހާދިސާއެއް ހިނގައިފިނަމަ އޮންނަ އުސޫލުގެ ދަށުން އަމަލުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތް ދޭ ކުންފުނިތަކުން ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ފެސިލިޓީތަކުގައި ގާއިމުކުރަން ނިންމާފައިވާއިރު އެ ކަންކަން ކުރިއަށް ގެންދާނީ އީއައިއޭ ހަދައިގެން ކަމަށް ތޯރިގު ވިދާޅުވި އެވެ.