އީޕީއޭ

ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 900 މިލިއަން

ކ. ރަސްފަރި ފަރަށް އާގު ބޯޓު އުރުނު މައްސަލައިގައި ފަރަށް ލިބުނު ގެއްލުމުގެ ބަދަލަށް 900 މިލިއަނެއްހާ ރުފިޔާ ދައްކަންޖެހޭނެ ކަމަށް އީޕީއޭއިން ބުނެފި އެވެ.

އާގު ބޯޓު ފަރަށް އެރި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން އަވަސް އިން ސުވާލު ކުރުމުން އީޕީއޭގެ ޑިރެކްޓާ ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ ސާވޭ މި ހަފްތާގައި ނިންމާލައިފާ ކަމަށެވެ. އެގޮތުން ފަރުގެ އެއް ހެކްޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފަރުގެ ބައްޓަމަށާއި އެތާގެ ދިރުން ތަކަށް ބޮޑު ޖެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ނައީމް ވިދާޅުވީ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގައި 900 މިލިއަން ރުފިޔާއަށްވުރެ ކުޑަ ނޫން އަގެއް އާގު ބޯޓުން ދައްކަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އާގު ބޯޓަށް އީޕީއޭގެ ފަރާތުން އަޅާ ފިޔަވަޅުވެސް އިއުލާނު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާގު ބޯޓާ ގުޅޭގޮތުން ޓްރާންސްޕޯޓް އޮތޯރިޓީންގެ އޮފިޝަލަކު ވިދާޅުވީ އެ ބޯޓަށް ރާއްޖެއިން ފުރޭނީ 100 މިލިއަންގެ އިތުރުން 914 މިލިއަން ދެއްކުމުން ނެވެ. ނަމަވެސް އަދި ފައިސާ ދެއްކުމާއި ގުޅޭގޮތުން ބޯޓުން އެއްޗެކޭ ނުބުނާ ކަމަށް ވެސް ވިދާޅުވި އެވެ.

" ބޯޓުގެ އިންޖީނު ހަލާކުވެފައި އޮތްކަމަށް ބުނީމަ އަޅުގަނޑުމެން ޓަގު ބޯޓެއް ވެސް ހަމަޖައްސާފަ ވާނެ އާގު ބޯޓު ބަލަހައްޓަން. އޭތި އޮތީ ވަރަށް ރައްކާތެރި ސަރަހައްދެއްގައި." އޮފިޘަލު ވިދާޅުވި އެވެ.

ރަސްފަރި ފަރަށް އުރުނު އާގު ބޯޓު ފުން ކުރީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ. ބޯޓު ފުންކުރީ 150 އާއި 50 ޓަނުގެ ދެ ޓަގު ބޯޓު ރާއްޖެ ގެނެސް، އެ ބޯޓުތައް ބޭނުންކޮށްގެންނެވެ.

ބޯޓު ފުން ކުރުމަށާއި ބޯޓު ފުންކުރާއިރު އެ ސަރަހައްދުގެ ވެއްޓަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދުބާއީއާއި މޮރިޝަސް އިން ހޯދައި އެތަކެތި ވެސް ރާއްޖެ ގެނެސްފައިވެ އެވެ. އުޅަނދު ފުންކޮށް، ބޯޓު ބަނދަރު ކޮށްފައިވަނީ ކުޑަ ބަނޑޮސް ކައިރީގަ އެވެ.

ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށް ވުރެ ބޮޑު ކާގޯ ބޯޓު ފުންކުރިއިރު މިހާތަނަށް ބެލި ބެލުމުން ތިމާވެއްޓަށް ގެއްލުން ވާނެ އެއްވެސް އެއްޗެއް ބޯޓުން ބޭރުވެފައި ނުވާ ކަމަށް އީޕީއޭއިން ބުނެ އެވެ.